ވަރީގެ މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހު ފުރަތަމަ ފަހަރަށް ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަން ބޭރަށް ނިކުމެއްޖެ އެވެ.

ކިމް ވަރީގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ފަހު ފެނުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ އޭނާއަށް ހުއްޓިފައެވެ. ރެޕް ތަރި ކާންޔޭ ވެސްޓާއި އެކު ކުރި ކައިވެނި ނިމުމަކަށް ގެންނަން ނިންމައި ވަރީގެ މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ ހުކުރު ދުވަހު އެވެ. ކިމް ބޭރަށް ނިކުމެވެފައި ވަނީ ކޯޓެނީ އާއި ބައެއް ރަހުމަތްތެރިންނާއި އެކު އެވެ.

އުމުރުން 40 އަހަރުގެ ކިމް އާއި 43 އަހަރުގެ ރެޕާ، ކާންޔޭގެ ހަތަރު ކުދިން އެބަތިއްބެވެ. އެއީ ނޯތު، 7، ޝިކާގޯ، 3، ސެއިންޓް 5، އަދި ސާމް 1، އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ކިމް ކައިވެނި ރޫޅާލަން މަސައްކަތް ކުރާތާ މިހާރު މަސްތަކެއް ވެއްޖެއެވެ. އޭނާ ވަނީ ފުންނާބު އުސް ވަކީލުންގެ ލަފާވެސް އެކަމުގައި ހޯދައިފައެވެ.

ކާންޔޭ ދޫކޮށްލަން ކިމް މަސައްކަތް ކުރަނީ އެމެރިކާގެ އިންތިހާބަށް ކެންޔޭ ވާދަކުރުމާއި ފާއިތުވި ދުވަސްތަކުގައި ކާންޔޭގެ އުޅުމަށް އައިސްފައިވާ ނޭދެވޭ ބަދަލުތަކަށް ކެތް ނުކުރެވިގެން ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.

ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ވަރީގެ އަސްލަކީ ކާންޔޭ ކިމް އަށް ބޭވަފާތެރިވުމެވެ. ކާންޔޭ ވަނީ އަންހެނަކަށް ވެގެން އުޅޭ ފިރިހެނަކާއި އެކު ސިއްރު ލޯބީގެ ގުޅުމެއް ބާއްވާފައި ކަމަށާއި އެކަން ކިމް އަށް ފަޅައިއެރުމުން ވަރިވާން ނިންމީ ކަމަށް ބައެއް މީޑިއާތަކުން ބުނެފައި ވެއެވެ.

ކެންޔޭ ވަނީ އޭނާ އާއި ކިމް އަށް ފުރަތަމަ ލިބުނު ދަރިފުޅު އެބޯޓް ކުރުމަށް ވިސްނި ކަމަށް ގިނަ ބައެއްގެ ކުރިމަތީގައި ބުނެފައެވެ. އަދި އެ ވާހަކަތަކަށް ފަހު ކިމް އޭނާ ދޫކޮށްލާނެ ކަމަށް ވެސް ކާންޔޭ ވަނީ ބުނެފައެވެ.