ދުނިޔޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓުގެ ބޮޑެތި މައްސަލަތަކާއި ހުރެ އެޑިޑާސް ކުންފުނިން އޭނާއާ ގުޅުން ކަނޑާލި މައްސަލައިގައި އިންވެސްޓަރުން އެެޑިޑާސްއާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފި އެވެ.

ކާންޔޭއަކީ އެޑިޑާސްއަށް ސްނީކާސްތައް ޑިޒައިން ކޮށްދެމުން އައި ފަރާތެވެ. އަދި އެކަމުގައި އޭނާއަށް އިންތިހާއަށް ދިޔައީ ފައިދާ ވަމުންނެވެ.

ނަމަވެސް ކާންޔޭ ޔަހޫދީންނަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން އެޑިޑާސްއިން ވަނީ ކާންޔޭއާ ގުޅުން ކަނޑާލައިފައެވެ. އޭގެ ފަހުން އެ ސްނިކާސްތައް ވިއްކުން ހުއްޓާލިއިރު އެޑިޑާސްއަށް ދިޔައީ ބިލިއަނުން ގެއްލުން ވަމުންނެވެ.

އަދި 700 އެއްހާ މިލިއަން ޑޮލަރުގެ ސްނިކާސް ނުވިކި އެބައޮތް ކަމަށް ވެއެވެ.

ނަމަވެސް އިންވެސްޓަރުން ބުނީ ކާންޔާ މީގެ ކުރިން ވެސް ވަރަށް މީހުން ރުޅިއަންނަ ވާހަކަތައް ދައްކާ ކަމަށާއި އަދި އެ ހުރިހާ ދުވަހުވެސް އެޑިޑާސްއިން އެކަމަ އަޅާ ނުލާ ކަމަށެވެ.

އެެހެންކަމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާން މިހާރު ވަނީ ނިންމައިިފައެވެ.

ފާއިތުވީ މަސްތަކުގެ ތެރޭގައި ކާންޔޭގެ މުޅި ކެރިއަރ ވަނީ ހަލާކުވެގެން ގޮސްފައެވެ. ޖޯޖް ފްލޮއިޑްގެ މަރާ ގުޅޭގޮތުން ދެއްކި ވާހަކަތަކާއި ޔަހޫދީންނާއި ދެކޮޅަށް ކޮމެންޓުތަކާއެކު، އޭނާގެ މީސް މީޑިއާ އެކައުންޓުތައް ސަސްޕެންޑް ވެސް ކުރިއެވެ.

އޭގެ އިތުރުން ކާންޔޭ، އޭނާއަކީ ޖަރުމަނުގައި ޔަހޫދީންއާ ދެކޮޅަށް ބޮޑެތި ގަތުލު އާންމު ހިންގެވި ނާޒީ ލީޑަރު އެޑޮލްޑް ހިޓްލަރުގެ ސަޕޯޓަރެއް ކަމަށް ބުނި މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނުވިއެވެ.

އަދި އެ ކޮމެންޓުތަކާއި ގުޅިގެން ބޮޑެތި ކުންފުނިތަކާއެކު ކާންޔޭ ވެފައިވާ އެއްބަސްވުންތައް ވެސް ވަނީ ގެއްލިފައެވެ. އަދި ބޮޑެތި ބްރޭންޑްތަކާއެކު ކާންޔޭ އާއި އޮތް ގުޅުން އެކުންފުނިތަކުން މިހާރު ވަނީ ކަނޑާލާފައެވެ. މިއާއެކު އޭނާގެ މިލްކިއްޔާތު ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވަނީ މަދުވެފައެވެ.

އޭގެ ކުރިން ވެސް ކާންޔޭއަކީ ވަރަށް ބޮޑަށް ތާކު ތާކު ނުޖެހޭ ވާހަކަ ދައްކާ މީހެކެވެ. އަދި އޭނާ "ބައި ޕޯލާ ޑިސްއޯޑާ" ހުންނަ ކަމަށް ވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔަހޫދީންނާ ދިމާލަށް އެއްޗެކޭ ބުނީމަ އެ ތާކުން ތާކު ނުޖެހުނީބާ…؟ވަގުތަށް ވަރަށް ލިބިގެން އުޅޭހެން ހީވަނީ…ފަސާދަ ނޫސްވެރިކަން ނުކުރަމާ

    3
    1