މީހަކު މަރާލުމަށްފަހު އެކަން ސިއްރެއް ނުކުރެވޭނެ ކަމަށް މީހުން ބުނެއުޅެއެވެ. ކޮންމެވެސް ގޮތަކުން ގާތިލު ފެންނާނެއެވެ. ނުވަތަ ގާތިލަކީ ކޮބައިކަން އެނގޭނެއެވެ. ކުރިއަރާފައިވާ ޓެކްނޮލޮޖީގެ މިޒަމާނުގައި ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން މަރުތައް ހޯދުން މިއީ އާކަމެއް ނޫނެވެ.

އެމެރިކާގެ ކޮލޮރާޑޯގައި މިވަނީ ވެނީލާ ކޯކް ފުޅިއަކުން ނެގި ޑީއެންއޭ ސާމްޕަލެއް ތަހްލީލް ކޮށްގެން މީގެ 40 އަހަރު ކުރިން މީހަކު މަރާލި ގާތިލް ދެނެގެންފައެވެ. އެއީ ސިލްވިއާ ކްއައިލް ނަމަކަށް ކިޔާ އުމުރުން 34 އަހަރުގެ އަންހެނަކު 1981 ވަނަ އަހަރު މަރާލި މައްސަލައެކެވެ.

މަރުގެ ހާދިސާ ހިނގިތާ ދެއަހަރު ފަހުން 1983 ވަނަ އަހަރު އެލްވީޑް ޓޫލީ ނަމަކަށް ކިޔާ މީހަކު ވަނީ ސިލްވިއާ މަރާލި ކަމަށް އިއުތިރާފު ވެފައެވެ. ނަމަވެސް ދައުވާ އުފުލީ އޭގެ ދިހަ އަހަރު ފަހުންނެވެ. ދައުވާ އުފުލި ފަހުން ޓޫލީގެ އިއުތިރާފު ބަޔާނާއިމެދު ސުވާލު އުފެދި ދައުވާތައް އަނބުރާ ގެންދިޔައެވެ.

ޑީއެންއޭ ޓެސްޓްތަކުން ކުރިން ކަށަވަރުވެފައި ވަނީ ސިލްވިއާ މަރާލަން ބޭނުންކުރި ހަތިޔާރާއި ކުށުގެ ވެށިން ފެނުނު ތަކެއްޗާއި ޓޫލީގެ ޑީއެންއޭ އާއި ދިމާނުވާ ކަމަށެވެ.

2000 ވަނަ އަހަރު ކޮލޮރާޑޯ ބިއުރޯ އޮފް އިންވެސްޓިގޭޝަން އިން ވަނީ ކުށުގެ ވެށިން ފެނުނު ޑީއެންއޭ އެފްބީއައިގެ ކޮމްބައިން ޑީއެންއޭ އިންޑެކްސް ސިސްޓަމްގައި ހިމަނާފައެވެ. އެހައި ދުވަހުން ފެށިގެން އެފްބީއައި އިން އައީ ކުށުގެ ވެށިން ފެނުނު ޑީއެންއޭ އާއި ދިމާވާ އެއްވެސް މީހަކު ފެނޭތޯ ބަލަމުންނެވެ.

އެންމެފަހުން ކުށުގެ ވެށިން ފެނުނު ޑީއެންއޭ އާއި ދިމާވާ މީހަކު ފެނުނީ މިއަހަރުގެ ޖަނަވަރީ 29 ވަނަ ދުވަހު އެވެ. އެފްބީއައިގެ ބެލުމުގެ ދަށުގައި ހުރި ޑީއެންއޭ އާއި ދިމާވާ ޑީއެންއޭ ފެނުނީ މިހާރު އުމުރުން 62 އަހަރު ވެފައިވާ ޑޭވިޑް އެންޑަސަން ނަމަކަށް ކިޔާ މީހެއްގެ ގައިންނެވެ.

އެންޑަސަންގެ ޑީއެންއޭ ލިބުނީ އޭނާގެ އެޕާޓްމަންޓުން އުކާލި ކުނިތަކެއްގައި އޮތް ކޯކް ފުޅިއަކުންނެވެ.

އެންޑަސަންގެ ޑީއެންއޭ ލިބުނީ މަރުގެ ހާދިސާ ހިނގި ސަރަހައްދުން 3600 އަށްވުރެ ޑީއެންއޭ އެއްކޮށް އެޑީއެންއޭތައް ތަހްލީލް ކުރަމުން ދަނިކޮށެވެ. އެއީ މަރުގެ މައްސަލަ އިތުރަށް ތަޙްޤީޤު ކުރުމަށް ވަކިތަރުތީބެއް ނެތި ނެގި ޑީއެންއޭތަކެކެވެ.

އެންޑަސަން ވަނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ހައްޔަރު ކޮށްފައެވެ. މިހާރު އޭނާގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މަރާލި މައްސަލައެއްގައި ދެދައުވާއެއް އުފުލާފައެވެ.

ފުލުހުން ބުނާ ގޮތުގައި އެންޑަސަން އަކީ ކުރިން ވެސް ތަފާތު މައްސަލަތަކުގައި ހައްޔަރު ކޮށްފައިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު