ބަތަލާ ކަރީނާ ކަޕޫރު ޚާނާއި ސައިފް ޢަލީ ޚާންގެ ދެވަނަ ދަރިފުޅު ވިހެއުމަށް ފަހު ކަރީނާ ކަޕޫރު ޚާންގެ ފުރަތަމަ ފޮޓޯ، ހިއްސާ ކޮށްފިއެވެ. މީސް މީޑިއާގައި ހަރަކާތްތެރި ކަރީނާގެ މި ފޮޓޯގައި ވެސް އޭނާ ވަރަށް ރީއްޗެވެ.

ދެވަނަ ދަރިފުޅު ވިހެއުމަށް ފަހު އިންސްޓަގުރާމުގައި ފުރަތަމަ ހިއްސާ ކުރި ސެލްފީގެ ކެޕްޝަންގައި ކަރީނާ ލިޔެފައިވަނީ އެންމެން މަތިން ވަރަށް ހަނދާންވި ކަމަށެވެ. ނޫ ކުލައިގެ ހެދުމެއް ލައިގެން ބޮލުގައި ތޮތްޕެއް އަޅައިގެން އައިނެއް އަޅައިލާގެން ހުރި ކަރީނާގެ މި ޕޯސްޓަށް ވަނީ އެތައް ބަޔަކު ލައިކް ދީ ކޮމެންޓް ކޮށްފައެވެ.

މި ފޮޓޯއަށް ކޮމެންޓް ކުރަމުން ކަރީނާއާއި އެކު ފިލުމު ''ކީ އެންޑް ކޯ'' އިން ފެނިގެން ދިޔަ އަރުޖުން ކަޕޫރު ބުނެފައިވަނީ ''ރޯސްޓް ޗިކަން ގުލޯ''އެއް ހުރި ކަމަށެވެ. އަދި ކަރީނާގެ މެނޭޖަރ ޕޫނަމް ދަމާނިއާ ކޮމެންޓް ކޮށް ބުނެފައިވަނީ ''ހެލޯ މައި ލްވް'' ކަމަށެވެ.

މިދިޔަ ހަފުތާ ކަރީނާ ވަނީ އޭނާގެ ފިރިމީހާ ސައިފް ޢަލީ ޚާންގެ ބިރުވެރި އަދި މަޖާ ފިލުމު ''ބޫތު ޕޮލިސް'' ރިލީޒް ކުރާ ތާރީޚް އާއްމު ކުރާ ޕޯސްޓެއް ހިއްސާ ކޮށްފައެވެ.

ކަރީނާއާއި ސައިފްއަށް ދެވަނަ ދަރިއަކު ލިބިފައިވަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. މިފަހަރު ވެސް އެ ދެމަފިރިންނަށް ލިބުނީ ފިރިހެން ކުއްޖެކެވެ. މިއީ ކަރީނާގެ ދެވަނަ ދަރިފުޅު ނަމަވެސް ސައިފް ޢަލީ ޚާންގެ ހަތަރު ވަނަ ދަރިފުޅެވެ.

ކަރީނާގެ އެންމެ އަވަހަށް ރިލީޒް ކުރެވޭ ފިލުމަކީ އާމިރު ޚާނާއި އެކު ކުޅެފައިވާ ''ލާލް ސިންގް ޗައްޑާ'' އެވެ.