މަސްތުވާތަކެތީގެ މައްސަލައެއްގައި ބްރެޒިލް ފުލުހުން ހޯދަމުން ދިޔަ މީހަކު އޭނާގެ އަމިއްލަ ގޭގެ ބިމުއަޑީގައި ބަންކަރެއް ހަދައިގެން ތިން އަހަރު ވަންދެން ދިރިއުޅެފިއެވެ.

ބްރެޒިލް ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އިއްޔެ ވަނީ ފިލައިގެން ތިން އަހަރު އުޅުނު މީހާ އާއި އޭނާގެ ފިރިހެން ދަރިފުޅު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ 39 އަހަރުގެ މީހާ ހައްޔަރު ކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހޯދަން މަސައްކަތް ކުރަމުން ގެންދާތާ ގިނަ ދުވަސްތަކެއް ފަހުން ލިބުނު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އޭނާގެ ނަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ފުލުހުން ބުނީ އޭނާ ހޯދަން މީގެ ކުރިން ވެސް އޭނާގެ ގެ ފާސްކޮށްފައި ވާނެ ކަމަށެވެ.

"ކުރިން ވެސް އެގެ ފާސްކޮށްފައި ވާނެ. ނަމަވެސް އެގޭގައި ބަންކަރެއް ހުރިކަން އެނގިފައެއް ނުވޭ. އެންމެ ފަހުން އަންގާރަ ދުވަހު ފާސްކުރުމުގެ ތެރޭގައި ގޭގެ އެނދެއްގެ ދަށުން ފެނުނީ ބަންކަރަށް ވަންނަ ގޮޅި. ހޯދަން ބޭނުންވި މީހާ އޮތީ އެތަނުގައި." ފުލުހުންގެ ތަރުޖަމާނަކު ބުންޏެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި މީހާ އަކީ ބްރެޒިލްގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާގައި ކުރަމުން އަންނަ ގޭންގެއެއްގެ އިސް މެންބަރެއް ކަމަށާއި އޭނާ ގޭގެ ބަންކަރުގައި ދިރިއުޅެމުން އަންނަތާ ތިން އަހަރު ވެއްޖެކަމަށް ފުލުހުންގެ ތަޙްޤީޤުގައި އެއްބަސްވެސް ވެފައިވާ ކަމަށެވެ.

ބްރެޒިލްގެ ނުރައްކާތެރި ކުށްވެރިން މިފަދަ ބަންކަރުތަކުގައި ދިރިއުޅުމަކީ އާންމު ކަމެކެވެ. މިދިޔަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވެސް ބަންކަރެއްގައި ދިރިއުޅެމުން ދިޔަ ނުރައްކާތެރި 26 ކުށްވެރިޔަކު ހައްޔަރުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު