ފިލުމު ''ތަޝަން'' ގެ ޝޫޓިންގެ ތެރެއިން ލޯބި ވެވުނު ދެ ފަންނާނުން ކަމުގައިވާ ސައިފު ޢަލީ ޚާނާއި ކަރީނާ ކަޕޫރު ޚާނު 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ކައިވެނި ކުރުވުމުން ސައިފުއާއި ކަރީނާއަކީ ބްރެޑް ޕިޓްއާއި އެންޖެލީނާ ޖޯލީ ކަމުގައި ގިނަ ބަޔަކު ބުނަމުން ދިޔައެވެ.

ސައިފުއާއި ކަރީނާގެ ކައިވެނި ކުރެވުނު ދުވަސްވަރަކީ ބްރެޑް ޕިޓް އޭނާގެ ފިލްމު ''ކިލިންގ ދެމް ސޮފްޓްލީ'' ގެ ޕްރޮމޯޝަންގައި އުޅުނު ދުވަސްވަރެވެ. ސައިފުއާއި ކަރީނާއަކީ ބުރެޑްއާއި އެންޖެލީނާ ކަމަށް ގިނަ ބަޔަކު ބުނަމުންދާތީ އެކަމާއި ގުޅިގެން ސުވާލު ކުރުމުން އޭނާ ވަނީ ސައިފުއާއި ކަރީނާއަށް އުފާވެރި ހަޔާތަކަށް އެދިފައެވެ.

''އެ ދެ ބައިވެރިން އެކުގައި ވަރަށް ގުޅޭ. އެކުގައި އުޅޭ ދެ މީހަކީ އެއްވެސް ހާލެއްގައި އެހެން ބަޔަކާއި އެއްވަތަރު ވާނެ ނުވަތަ އެއްފަދަ ކުރެވޭނެ ބައެއް ނޫން. އަހަރެމެންނާއި އެމީހުން އަޅާ ކިޔުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންހެން ހީވަނީ. އެކަމަކު އަހަރެން ވަރަށް އުފާވޭ އެމީހުންގެ ކައިވެނި ވަރަށް އަވަހަށް ކުރެވޭނެތީ. އުފާވެރި ދިރިއުޅުމަކަށް އެ ދެ ބައިވެރިންނަށް ވެސް އެދެން'' އީ ޓައިމްސް އިން ކުރި ސުވާލަކަށް ޖަވާބުދެމުން ބުރެޑް ބުނެފައިވެއެވެ.

ބުރެޑްއާއި އެންޖެލީނާ މިހާރު ވަނީ ވަރިވެފައެވެ. އަދި އެ ދެމީހުންގެ ދަރިންގެ ކަސްޓަޑީއާއި ގުޅޭ ކަންތައް މިހާރު ދަނީ ކުރިއަށެވެ. ސައިފުއާއި ކަރީނާ ވަނީ އެމީހުންގެ ދެވަނަ ދަރިފުޅަށް މަރުހަބާ ކިޔައިފައެވެ.