ސިޔާސީ ދާއިރާގައި ފިޔަޖަހާލިއެވެ. ރައްޔިތުންގެ މަޖިލީސް ގޮޑީގައި ދާއިރާއެއް ތަމްސީލު ކުރިއެވެ. އެންމެން ހެއްްވާލި މުހައްމަދު އަބްދުﷲ (މުހަންމާ) މަޖިލީސްގައި ވަރަށް ސިރިއަސް އެވެ. ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާ ތަމްސީލް ކުރުމަށްފަހު އޭނާ މިހާރު އެ ހުރީ އަނެއްކާވެސް އަމިއްލަ މަސައްކަތައިގެންނެވެ. ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދިނުމަށްފަހު އޭނާ މިހާރު މާބޮޑަށް ސިޔާސީ މަސައްކަތައިގެން އުޅޭ ތަނެއް ނުފެނެއެވެ.

އޭނާ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެފައިވާއިރު، މިހާރު ވަގުތު ދީގެން އެ މަސައްކަތް ކުރެވޭނެ އެވެ. ކުރާނެ އެވެ.

މުހަންމާ ފެނިގެންދާ ފިލްމްތަކަކީ މަޖާ، ފިލްމްތަކެއް ކަމަށް ވާއިރު، މިހާރު އެ ފެންވަރުގެ މަޖާ ފިލްމްތަކާއި ލަވަތައް ފެންނަވަރު ވަރަށް މަދެވެ.

މުހަންމާއަކީ ދެކެދެކެވެސް ޕްރޮޑަކްޝަންގެ ބާނީއެވެ. އެ ޕްރޮޑަކްޝަންގެ ދަށުން އެތައް ފިލްމަކާއި ލަވައެއް ނެރެފިއެވެ. އެ ޕްރޮޑަކްޝަންގެ ދަށުން ނެރުނު ބައެއް ފިލްމްތަކާއި ލަވަތައް އަދިވެސް ދިވެހިންގެ ތެރޭގައި މަޝްހޫރެވެ. އަދި ހާއްސަކޮށް މިފަހުން އޭނާގެ ލަވަތައް ވެފައި ވަނީ އެންމެ ހިޓް ލަވަތަކަށެވެ. އަދި އޭނާއަކީ ދިވެހިންގެ މެދުގައި އަބަދުވެސް ކޮމޭޑިއަންއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ތަރިއެެެކެވެ.

އެ ޕްރޮޑަކްޝަންގެ ބައެއް މަސައްކަތްތައް މިފަހުންވެސް ބެލުންތެރިންނާއި ހަމައަށް ގެނެސްފައި ވެއެވެ. އެގޮތުން ދާދި ފަހުން ޑްރާމާ ސިލްސިލާއެއް ފުރަބަންދުގެ ނަމުގައި ވަނީ ގެނެސްދީފައެވެ. އަދި އޭގެ ކުރިން ވަފާތެރި ކެހިވެރިޔާ އާއި އަދިވެސް ބައެއް ފިލްމްތައް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައި ވެއެވެ.

މިފަހަކުން އެ ޕްރޮޑަކްޝަން ކުންފުނިން ނެރޭ އެއްވެސް ފިލްމަކުން މުހަންމާ ނުފެންނައިރު، އެކަމާއި ގުޅޭގޮތުން އޭނާއާ ސުވާލު ކުރުމުން ވިދާޅުވީ، ފިލްމަކުން ފެނުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.

"ދެން ނުކުރާނަމޭ ބުނަނީކީ ނޫން، ޕްރޮޑިއުސް ކުރުމުގެ ތެރެއިން ހަމަ ފެންނާނެ". މުހަންމާ ވިދާޅުވިއެވެ.

މުހަންމާގެ ވާހަަކަތަކުން އޭނާ އަދި ފިލްމްތަކުން ފެނިދާނެއެވެ.

މުހަންމާ ފެނިގެން ގޮސްފައިވާ ބައެއް ފިލްމްތަކަށް ބަލާއިރު، މުހަންމާ ގާޑިޔާ، ބުންޏޭ ބުންޏޭ، ދެކެދެކެވެސް، ފަރިހިބެ 1،2،3، ދަންމާނު، ސިޔާސީ ވެކްސިން، 13 އަށް ވިސްނާ 2000، ބިރީފް ކޭސް ފަދަ މަޝްހޫރު ފިލްމްތައް ހިމެނެއެވެ.