މިސްރުގައި ޕަބްޖީ ކުޅުނު އަންހެން ކުއްޖަކު އަމިއްލަ މަރުވުމާއި އެ ގައުމުގައި ޕަބްޖީ މަނާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އުމުރުން 11 އަހަރުގެ އެ އަންހެން ކުއްޖާ އަމިއްލައަށް މަރުވެފައި ވަނީ ޕަބްޖީ ކުޅެގެން ކަމަށް ތުހުމަތު ކުރެވޭ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

އެ އަންހެން ކުއްޖާއަކީ ވަރަށް ބޮޑަށް އެ ގޭމަށް ދެވިހިފާފަައިވާ ކުއްޖެއް ކަމަށް މީޑިއާތަކުން ބުނެފައި ވެެެއެވެ.

ފުލުހުން ބުނެފައި ވަނީ ކުއްޖަކު ކޮޓަރި ތެރޭގައި އަމިއްލައަށް މަރުވި ކަމަށް ބުނާ މައްސަލައެއް ހުށަހެޅިގެން ސީންއަށް ދިޔަ ކަމަށެވެ. އަދި ސީންއަށް ގޮސް ބެލިއިރު، އެ ކުއްޖާ ހުރީ ދަންޖެހިގައި ކަމަށް ފުލުހުން ބުނެފައި ވެެެއެވެ.

އެ ކުއްޖާ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ އޭނާގެ ބައްޕައަށެވެ. އެ ކުއްޖާ އުޅޭ ގޮތް ބެލުމަށް ކޮޓަރިއަށް ވަންއިރު، ހުރީ ދަންޖެހިފައި ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފައި ވެެއެވެ.

އެ ކުއްޖާގެ މަރުގެ ހަގީގަތް ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ވަނީ ނިންމާފައެވެ.

ޕަބްޖީއާ ގުޅިގެން އިތުރު މަރެއް ފެންމަތިވިއިރު، މިސްރުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ދަ ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ ކޮމެޓީން މިހާރު ދަނީ އެ ގޭމް މަނާ ކުރުމަށް ފޮނުވުމަށް މަޝްވަރާތައް ކުރަމުންނެވެ.