އުތުރު ކޮރެއާގެ ހުދުމުހުތާރު ލީޑަރު ކިމް ޖޮން އުން ޕިއޮންޔަންގްގައި ވަރަށް ތަފާތު ސީފުޑް ރެސްޓޯރެންޓެއް ހުޅުވައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އަންގާރަ ދުވަހު ސިންގަޕޫރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެކު ތާރީޚީ ސަމިޓެއް ބާއްވަން ކިމް ތައްޔާރުވަމުންދާ ދަނޑިވަޅުގައި ހުޅުވި ރެސްޓޯރެންޓްގެ އެންމެ ހާއްސަ ސިފައަކީ ރެސްޓޯރެންޓްގައި ކެއުންތައް ތައްޔާރު ކުރަން ބޭނުންވާ ހުރިހާ ސީފުޑެއް އެތަނުގައި ހުންނަ ޓޭންކްތަކުގައި ހުރުމެވެ.

ރެސްޓޯރެންޓް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ކިމްގެ އަނބިކަނބަލުން ރީ ސޮލް-ޖޫ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިމް ވަނީ މިރެސްޓޯރެންޓްގައި ޓޭންކްތަކެއް ހެދުމަށްފަހު އެޓޭންތަކުގައި ސީފުޑް އަލާކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ރާވާފައި ވާތީ އެކަމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރެސްޓޯރެންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެކުނު ކޮރެއާގެ ނޫސްވެރިން ވެސް ބައިވެރިވިއެވެ. އެރަސްމިއްޔާތުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ކިމް ވިދާޅުވީ ޓްރަމްޕް އާއި އެކު ބާއްވާ ސަމިޓަށް އޭނާ ވެސް ވަރަށް ފުރިހަމަ އަށް މިހާރު ތައްޔާރުވެ ވަޑައިގެންފައިވާ ކަމަށެވެ.

ކިމް އާއި ޓްރަމްޕް ބައިވެރިވާ ސަމިޓް ފެށެން ވަގުތު ކުޑަތަންވަމުން އަންނައިރު ޓްރަމްޕް އުއްމީދު ކުރައްވަނީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލުމާއި މެދު މިސަމިޓްގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ.

ނަމަވެސް އެމެރިކާ އާއި އުތުރު ކޮރެއާ އާއި ދެމެދު އަދިވެސް އިތުބާރު ގާއިމު ކުރެވިފައި ނުވާތީ ސަމިޓްގައި ނިންމާ ކަންތައްތައް ވެސް ތަންފީޒު ވެދާނެ ކަމާއި މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީހަކުހައްގުތެދެއްބުނެފިއްޔާ ނުލިޔާތި!

  2. ނައްކަވާރުއާދަނު ހާދަބިރުގަނެޔޭދޯ