ޓިކްޓޮކް ޗެލެންޖުތަކަކީ ނުރައްކާތެރި އަދި އެހާމެ ގިނަ މީހުން ކުރަމުން އަންނަ ކަމެކެވެ. ޓިކްޓޮކްގައި މަޝްހޫރުވެގެން ދިޔަ ޗެލެންޖެއް ކަމަށްވާ ''ބްލެކް އައުޓް'' ޗެލެންޖު ހަދަން އުޅުނު އުމުރުން 12 އަހަރުގެ ޖޮޝުވާ ހައިލެއިސަސް ނަމަކަށް ކިޔާ ކުއްޖަކު ސިކުނޑީގެ މަސައްކަތް ހުއްޓި ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެވެމުންނެވެ.

މި ކުއްޖާގެ އާއިލާގެ ފަރާތުން ބުނެފައިވާ ގޮތުގައި މި ކުއްޖާ ވަނީ ބޫޓުގެ ނާޑުވާއެއް ކަރުގައި އައްސައިގެން ''ބްލެކް އައުޓް ޗެލެންޖު'' ހެދުމަށް މަސައްކަތް ކޮށްފައި ކަމަށެވެ. އެ ކުއްޖާ ހޭ ނެތެއްދެން އެ ނާޑުވާ އައްސައިގެން ހުރި ކަމަށް ވެސް ބުނެފައިވެއެވެ.

ޖޮޝުވާގެ ބައްޕަ ބުނެފައިވަނީ އޭނާއަށް އެ ޗެލެންޖު ނުހެދޭނެ ކަމަށް އާއިލާގެ ފަރާތުން ބުނި ކަމަށާއި އަދި އެ ޗެލެންޖު ހަދައިފިނަމަ އޭނާއަށް އަލްވަދާއު ކިޔަން ޖެހޭނެ ކަމަށް ބުނުމުން ޖޮޝުވާ ވަނީ އެ ޗެލެންޖު ހެދުމަށް މަސައްކަތް ކޮށްފައެވެ. އަދި އެފަދަ ނުރައްކާތެރި ހާލަތެއްގައި އޭނާގެ ނޭވާ ހިފަހައްޓައިލެވެނީ ކިހައި ވަގުތެއް ވަންދެންތޯ ވެސް ބެލުމަށް އޭނާ ބޭނުންވި ކަމަށެވެ.

ޖޮޝުވާ މިހާރު އޮތީ ހޮސްޕިޓަލުގައި އެޑްމިޑް ކޮށްފައި ކަމަށާއި އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާގެ ފަރާތުން ބުނެފައިވެއެވެ.

މި އަހަރު ކުރީކޮޅު މި ޗެލެންޖު ހަދަން އުޅުނު އިޓަލީގެ އުމުރުން 10 އަހަރުގެ އަންހެން ކުއްޖެއް ވެސް ވަނީ މަރުވެފައެވެ. ޖޮޝުވާގެ ބައްޕަ ބުނެފައިވާ ގޮތުގައި ޖޮޝުވާ މި އަންހެން ކުއްޖާގެ މި ޗެލެންޖު ޓިކްޓޮކުން ބެލީ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ.