ބޮލީވުޑްގެ މަޝްހޫރު ބަތަލް އަކްޝޭ ކުމާރް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އަކްޝޭ ކުމާރު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކޮވިޑަށް ފައްސި ވުމާއެކު އޭނާ ހުރީ ހޯމް އައިސޮލޭޝަންގައި ކަމަށެވެ. އަދި މި ފަހުން އޭނާއާ ބައްދަލުވެފައި ހުރި މީހަކު ނަމަ، ލަސްނުކޮށް ކޮވިޑަށް ޓެސްޓް ކުރަން އޭނާ އެދިފައިވެއެވެ.

އަކްޝޭ ކުމާރް މިހާތަނަށް 113 ފިލްމެއް ކުޅެފައިވާ އިރު 52 ފިލްމަކީ ވަރަށް ކާމިޔާބު ފިލްމުތަކެކެވެ. މި ފަހުން މަޝްހޫރު ވެފައިވާ ފިލްމު ތަކުގެ ތެރޭގައި ހައުސްފުލް 4 އާއި ގުޑް ނިއުޒް ހިމެނެއެވެ.

މިއަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ އަކްޝޭ ކުމާރްގެ ފިލްމް ތަކުގެ ތެރޭގައި ސޫރްޔަވަންޝީ ހިމެނެއެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މިއަަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. މި ފިލްމުގެ އިތުރުން ބެލް ބޮޓަމް އާއި ހެރަ ޕެރީ 3، ކްރެކް ފަދަ ފިލްމުތަކުން އަކްޝޭ ކުމާރު ފެނިގެން ދާނެއެވެ.

އަކްޝޭ ކުމާރަކީ ގިނަ ބައެއްގެ މެދުގައި މަގްބޫލު ތަރިއެކެވެ. އުމުރުން 53 އަހަރުގެ އަކްޝޭ ކުމާރް ވަނީ ފިލްމީ ދާއިރާއިން އެވޯޑުތަކެއް ހާސިލް ކޮށްފައެވެ. އެގޮތުން ބަލާއިރު، 2008 ވަނަ އަހަރު އައިޓީއޭ ޕޮޕިއުލާ އައިކަން އެވޯޑާއި 2010، 2011، 2012 މި ތިން އަހަރު ޖެހި ޖެހިގެން ސްޓާ ޑަސްޓުގެ ބެސްޓް ކޮމެޑީ ނުވަތަ ރޮމޭންސް އެކްޓަރު ލިބިފައިވެއެވެ.