ކޮވިޑް ޖެހުމުން ޑިޕްރެޝަން އާއި ހަނދާން ނެތުން ފަދަ ބަލިތަކަށް މަގުފަހިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެެވެ.

ބީބީސީގައި ޝާއިއުކޮށްފައިވާ ލިއުމެއްގައި ވާގޮތުން އެ ދިރާސާއިން ދައްކާ ގޮތުން ކޮވިޑް ޖެހޭ މީހުންނަށް ޑިޕްރެޝަން އާއި، ހަނދާން ނެތުމުގެ އިތުރުން ސްޓްރޯކް ޖެހުން ފަދަ ކަންކަން ދިމާވުމުގެ ފުރުތު ބޮޑެވެ. އަދި ކޮވިޑް އަށް ފައްސިވާ މީހުންގެ ތިން ބައިކުޅަ އެއް ބަަޔަކީ ނަފްސާނީ ނުވަތަ ނާރުތަކުގެ ބައްޔެއް ފަހުން ތަހައްމަލު ކުރަން ޖެހޭ މީހުން ކަމަށް ބީބީސީ އިން ރިޕޯޓް ކޮށްފައިވެއެވެ.

އަދި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ވެސް އައިސީޔޫގައި، ނުވަތަ އެމަރޖެންސީގައި ހާލުދެރަވެގެން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާ މީހުންނަށް މިފަދަ ކަންކަން ދިމާވުމުގެ ފުރުސަތު ބޮޑު ކަމަށް އެ ރިޕޯޓުގައިވެއެވެ.

އިނގިރޭސިވިލާތުގެ ސައިންޓިސްޓުންތަކެއް ކުރި މި ދިރާސައަކީ އެމެރިކާއަށް ނިސްބަތްވާ ބައި މިލިއަނެއްހާ މީހުންގެ ހިސާބުތައް ހިމަނައިގެން ކުރި ދިރާސާއެކެވެ. އެ ދިރާސާއިން ދައްކާގޮތުން މޫޑް ގޯސްވުމާއި، އެންޒެއިޓީ ފަދަ ކަންކަން ވެސް ކޮވިޑް ޖެހުމަށް ފަހު ފަސޭހައިން މެދުވެރިވެއެވެ. މިއީ ކޮވިޑް ޖެހޭ މީހުންގެ ފަރާތުން ކަންބޮޑުވެ ހާސްވުމުގެ ސަބަބުން އެންމެ އާއްމުކޮށް ފެންނަމުންދާ އަލާމާތް ކަމަށާއި އެފަދަ ބަލިތަކުގައި މީހުން ވަރަށް ބޮޑަށް ބަލިވެގެން އެނދުމަތި ކުރަން ޖެހިފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

ހަމައެހެންމެ ހަނދާން ނެތުން ފަދަ ކަންކަން ދމާވުމަކީ ވެސް ކޮވިޑް ޖެހޭ މީހުންނަށް ދިމާވާ ކަމެއް ކަަމަށް ބީބީސީގެ ރިޕޯޓުގައިވެއެވެ. ބީބީސީގައިވާ ދިރާސާ ބުނާގޮތުން އެކަން އެގޮތަށް ދިމާވާ ސީދާ ސަބަބު އަދި ހޯދިފައެއް ނުވެއެވެ.

އެހެންނަމަވެސް ކޮވިޑް ނުޖެހޭ މީހުންނަށް މިފަދަ ކަންކަން ދިމާވާ މިންވަރަށް ވުރެ އަވަހަށް އެއަށް ވުރެ އިތުރަށް ކޮވިޑް ޖެހުނު މީހުންނަށް އެފަދަ ހާލަތުތައް ދިމާވާކަން އެ ދިރާސާ އިން ހާމަވެއެވެ.