ބޮލީވުޑުގެ އެންމެ ގާތް ރަހުމަތްތެރިންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ޑައިރެކްޓަރ ކަރަން ޖޯހަރުއާއި ބަތަލާ ކަރީނާ ކަޕޫރު ޚާން ނުވަ މަސް ދުވަސް ވަންދެން ވާހަކަ ނުދައްކާ ތިބިކަމަށް ކަރަންގެ ބަޔޮގްރަފީ ''އަންސުއިޓަބަލް ބޯއީ'' ގައި ބުނެފިއެވެ.

މި ބަޔޮގުރަފީގައި ކަރަން ބުނެފައިވަނީ ބޮލީވުޑު ފިލުމު އިންޑަސްޓްރީގައި އެންމެ ފުރަތަމަ އޭނާ މައްސަލަ ޖެހުނީ ކަރީނާއާއި ކަމަށެވެ. ކަރީނާއާއި އެކު ކުޅެމުން ދިޔަ ފިލުމުން މާގިނައިން ފައިސާ ދިނުމަށް ކަރީނާ އެދިފައިވާ ކަމަށާއި އަދި އެއިރު އެ ފިލުމު ''މުޖުސެ ތޯސްތީ ކަރޯންގީ'' ގެ ބަޖެޓް ވަރަށް ތާށި ކަމަށް ވެސް ކަރަން ބުނެފައިވެއެވެ.

''މުޖުސެ ތޯސްތީ ކަރޯންގީ'' ގެ ދުވަސްވަރު ފިލުމު ''ކަލް ހޯ ނަ ހޯ'' ކަރީނާއަށް ހުށަހެޅުމުން ކަރީނާ ބޭނުންވީ އެ ފިލުމުގައި ޝާހުރުކް ޚާނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާގެ އަދަދު އޭނާއަށް ވެސް ދިނުމަށް. އަހަރެން ބުނިން ނުވާނެއޭ އެކަމެއް. އަދި އަހަރެން ކަރީނާއަށް ގުޅިމާ އޭނާ ނުނަގަ ފޯނު ވެސް. އަހަރެމެން ކަރީނާ ދޫކޮށްލާފަ އެ ފިލުމަށް ޕްރިތީ ނެގީ. ވަރަށް ދެރަވި ކަރީނާ އެހެން ކަންތައް ކުރީމަ'' ޑައިރެކްޓަރ ކަރަން ބުނެފައިވެއެވެ.

އަދި އޭގެ ފަހުން ގާތްގަނޑަކަށް އަހަރެއް ވަންދެން ކަރީނާއާއި ކަރަންއާއި ވާހަކަ ނުދައްކާ ކަމަށް ކަރަން ބުނެފައިވެއެވެ. އޭގެ ނުވަމަސް ދުވަސްފަހުން ކަރަންގެ ބައްޕަ ޔޭޝް ޖޯހަރު ވަރަށް ބޮޑަށް ބަލިވެގެން ނިއުޔޯކުގައި ފަރުވާ ކުރަމުންދަނިކޮށް ކަރީނާ ގުޅާފައި އެކަމަށް މަޢާފަށް އެދިފައިވާ ކަމަށް ވެސް ކަރަން ބުނެފައިވެއެވެ.