ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ ކަރަން ޖޯހަރް އޭނާގެ އައު ފިލްމުގެ ޓްރެއިލާ އިއްޔެ ނެރެފިއެވެ.

އިންޑިޔާގެ މީޑިއާތައް ރިޕޯޓްކުރާ ގޮތުގައި ކަރަންގެ އައު ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ނެރެމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖުލައި މަހުގެ 28 ވަނަ ދުވަހުގައެވެ.

މި ފިލްމަކީ 2019 ވަނަ އަހަރުގައި ފެނިގެންދިޔަ ޒޯޔާ އަޚްތަރްގެ ފިލްމު "ގަލީ ބޯއި" ގައި ހަރަކާތްތެރިވުމަށްފަހުގައި އާލިއާ އާއި ރަންވީރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. އެންމެ ފަހަކަށް ކަރަންއާއި އާލިއާ އެކުގައި މަސައްކަތް ކުރީ އާލިއާ ބަޓް ބޮލީވުޑަށް މުޅިން އަލަށް ތަޢާރަފްވެގެންދިޔަ ފިލްމު "ސްޓޫޑެންޓް އޮފް ދަ ޔެއަރ" ގައެވެ.

ކާމިޔާބު ތަރިން، ރަންވީރް ސިންގްއާއި އާލިއާ ބަޓް އިސް ރޯލްތަކުން ފެނިގެންދާ މި ފިލްމަކީ 6 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ކަރަން ޑައިރެކްޓްކުރާ ފިލްމެއް ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. މި ފިލްމުގައި ރަންވީރާއި އާލިއާގެ އިތުރަށް ހިންދީ ފިލްމު އިންޑަސްޓްރީގައި ދުވަސްވީ ތަރިން ކަމުގައިވާ ޖަޔާ ބައްޗަންއާއި ދަރްމެންދްރާ ޑިއޯލް އަދި ޝަބާނާ އާޒްމީ މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ.

މި ފިލްމަކީ 7 އަހަރުގެ މެދުކެނޑުމަކަށްފަހު ޑައިރެކްޓަރ ކަރަން ޖޯހަރް ޑައިރެކްޝަނަށް އެނބުރި އަންނަ ފިލްމެވެ. ކަރަން އެންމެ ފަހަކަށް ޑައިރެކްޓްކޮށްފައިވަނީ 2016 ވަނަ އަހަރުގައި ނެރުނު ހިޓް ފިލްމު "އޭ ދިލް ހޭ މުޝްކިލް" އެވެ.