ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ ކަރަން ޖޯހަރް އޭނާގެ އައު ފިލްމުގެ ޕޯސްޓަރ މިއަދު ނެރެފިއެވެ.

އިންޑިޔާގެ މީޑިއާތައް ރިޕޯޓްކުރާ ގޮތުގައި ކަރަންގެ އައު ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ޕޯސްޓަރ ރިލީޒް ކުރެވިފައިވަނީ އޭނާގެ މިއަދު ފާހަގަކުރަމުންދާ އޭނާގެ އުފަންދުވަހާއި ދިމާކޮށެވެ. ހިންދީ ފިލްމު އިންޑަސްޓްރީގައި 25 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތްކުރި ކަރަންއަށް މި އަހަރު އުމުރުން 51 އަހަރު ފުރިގެންދާނެއެވެ.

މި ފިލްމަކީ އާލިއާ އާއި ރަންވީރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

ކާމިޔާބު ތަރިން، ރަންވީރް ސިންގްއާއި އާލިއާ ބަޓް އިސް ރޯލްތަކުން ފެނިގެންދާ މި ފިލްމަކީ 6 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ކަރަން ޑައިރެކްޓްކުރާ ފިލްމެއް ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. މި ފިލްމުގައި ރަންވީރާއި އާލިއާގެ އިތުރަށް ހިންދީ ފިލްމު އިންޑަސްޓްރީގައި ދުވަސްވީ ތަރިން ކަމުގައިވާ ޖަޔާ ބައްޗަންއާއި ދަރްމެންދްރާ ޑިއޯލް އަދި ޝަބާނާ އާޒްމީ މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ.

މި ފިލްމު ސިނެމާތަކުގައި އެޅުމަށް ހަމަޖެހިފައިވަނީ 28 ޖުލައިގައި ކަމަށް ކަރަން އިއުލާންކޮށްފައިވެއެވެ.

2016 ވަނަ އަހަރުގައި ކަރަން ޑައިރެކްޓް ކުރި ފިލްމު "އޭ ދިލް ހޭ މުޝްކިލް"ގައި ލީޑް ރޯލް ކުޅެފައިވަނީ ރަންބީރް ކަޕޫރްއާއި ޖަޔާގެ ދަރިފުޅު އަބީޝޭކް ބައްޗަންގެ އަންހެނުން އައިޝްވާރިޔާ ރާއީއެވެ. މި ފިލްމުގައި އައިޝްވާރިޔާ ވަނީ ރަންބީރާއި އެއްކޮށް ފުދޭ ވަރަކަށް ގައިގޯޅި މަންޒަރުތައް ކުޅެފައެވެ. އެ މައްސަލައިގައި ކަރަންއާއި ބައްޗަން އާއިލާ ދެމެދު މައްސަލަ ޖެހުނު ކަމަށް އިންޑިޔާގެ މީޑިއާތަކުން ރިޕޯޓްކުރިއެވެ.

އެއަށްފަހު، ކަރަން ވަނީ ފިލްމު ޑައިރެކްޝަނާއި ދުރަށް ޖެހިފައެވެ.