ނެޓްފްލިކްސްގައި ގިނަ ބަޔަކަށް އެންމެ ކަމުދާ ސްޕެނިޝް ޝޯ ތަކުގެ ތެރޭގައި ހިމެނޭ 'އެލީޓް'ގެ ހަތަރުވަނަ ސީޒަން ރިލީޒް ކުރާނެ ތާރީހް ނެޓްފްލިކްސްއިން އިއުލާން ކޮށްފިއެވެ.

ދިވެހިންގެ މެދުގައިވެސް މަގްބޫލު އެލީޓް ސީރީޒްގެ ހަތަރުވަނަ ސީޒަން ރިލީޒް ކުރާނެ ކަމަށް ނެޓްފްލިކްސްއިން ހާމަކޮށްފައިވަނީ އަންނަ ޖޫން މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. މިފަހުން ނެރެފައިވާ ޓީޒާއިން ފެނިގެންދަނީ މި ސީރީސްގެ ކެރެކްޓާސް އާ ސުކޫލު އަހަރެއް ފެށިގެން އުޅޭ މަންޒަރެެވެ. މެރީނާގެ މަރުގެ ފުރަގަހުގައިވާ ނޭންގޭ ވާހަކަތައް އެނގި މަރުގެ ހަގީގަތް ފަޅާ އަރައެވެ. ނަމަވެސް، އެއީ ނުރައްކަލުން ސުކޫލު ސަލާމަތްވުން ނޫން ކަން ޓީޒާއިން ދައްކުވައިދެެއެވެ.

އެލީޓްގެ ހަތަރުވަނަ ސީޒަންއިން އާ ތަރިންތަކެއް ފެނިގެން ދާނެއެވެ. ސުކޫލުގެ ހިންގުމާއި އާ ޕްރިންސިޕަލެއް ހަވާލް ވާއިރު އިތުރު ދަރިވަރުންވެސް ސުކޫލަށް ހާޒިރުވާން ފަށައެވެ. މީގެ ކުރިން އެލީޓްގެ ސީޒަންތަކުން ފެނިގެން ދިޔަ ބަޔެއް ތަރިން ހަތަރުވަނަ ސީޒަންގައި ނުފެނިދާނެއެވެ.

މި ސީރީސްގެ އެންމެ މުހިންމު އެއް ރޯލް ކުޅެމުންދިޔަ ނާދިޔާ ހަތަރުވަނަ ސީޒަންގައި ނުފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އެންޑާ އާއި، ސެމިއުލް، އޮމަރް، އަދި ރެބެކާގެ އިތުރުން ގުޒްމަން ވެސް މި ސީޒަނުން ބެލުންތެރިންނަށް ފެނިގެން ދާނެއެވެ.

އެލީޓްގެ ހަތަރުވަނަ ސީޒަން ޖޫން 18 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައި ވާއިރު، މި ސީރީޒްގެ ތިން ސީޒަން ނެޓްފްލިކްސް އިން ބެލޭނެއެވެ. ސްޕެނިޝްގެ ހައިސްކޫލް އެލީޓް ޑްރާމާ ސީރީޒްގެ ފުރަތަަމަ ސީޒަން 2018 ވަނަ އަހަރު ރިލީޒް ކޮށްފައިވާއިރު، މި ސީރީޒް ވަނީ އާންމުންގެ މެދުގައި ހިޓް ވެފައެވެ.