މުމްބާއީއިން ގަތަރަށް ހަނީމޫން ހޭދަކޮށްލުމަށް ދިޔުމުގެ ފުރުސަތު ދިނީ އާއިލާ މީހެކެވެ. ހަދިޔާ އެއްގެ ގޮތުން ދިން މި ފުރުސަތުގައި ދެމަފިރިންނަށް ލިބުނީ ލަނޑެކެވެ.

އަނީބާ އާއި ޝަރީގް މެދުއިރުމަތީގެ ގައުމެއް ކަމަށްވާ ގަތަރަށް ފޭބުމާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. ގަތަރުގެ ޖަލުގައި ދެމީހުން އެއް އަހަރަށް ވުރެ ގިނަ ދުވަސް ހޭދަ ކުރަން ޖެހިފައިވަނީ އާއިލީ ގޮތުން ތިމާގެ މީހަކު ދިން ހަނީމޫން ދަތުރުގައި ލަގެޖަށް ހަތަރު ކިލޯގެ ހަޝީޝް އަޅާފައި ހުރުމުން މަސްތުވާ ތަކެތި އުފުލި ކަމުގެ ދައުވާ ކޮށްފައެވެ.

ދެމަފިރިންގެ އާއިލީ ގުޅުން އޮންނަ ރިއާޒް އެމީހުންގެ ކައިވެނީގެ ހަދިޔާއެއްގެ ގޮތުން ގަތަރަށް ފުރުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ހަމަދް އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބުމާއި އެކު މަސްތުވާ ތަކެތި އުފުލި ކަމަށް ބުނެ ފުލުހުންގެ ބެލުމުގެ ދަށަށް ދެމަފިރިން ދާން ޖެހުނެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓު ކޮށްފައި ވާގޮތުން އެދެމަފިރިން ހައްޔަރު ކުރެވުނު އިރު އަނީބާ އިނީ އަލަތު ދަރިފުޅަށް ބަލިވެއެވެ. ރިއާޒް ބުނެފައިވަނީ ޕެކޭޖުގައި ވަނީ ދޯހާގަ ހުރި އޭނާގެ ރަހުމަތްތެރިއަކަށް ދިނުމަށް ދުންފަތް ކަމަށެވެ. މަސްތުވާތަކެތި ދެމަފިރިން ލައްވާ އުފުލާފައިވަނީ އެމީހުންނަށް ނޭންގި އޮޅުވާލުމެއްގެ ތެރެއިންނެވެ.

ގަތަރުގެ ކޯޓުން ވަނީ ދެމަފިރިން 10 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، 645،329.20 ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.

ގަތަރުގެ ޖަލުގައި ތާށިވެފައި ތިބި މުމްބާއީގެ ދެމަފިރިން ސަލާމަތް ކުރުމަށް އެދެމީހުންގެ އާއިލާއިން ދަނީ އަދިވެސް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުއްބާ

    އަދިވެސް ތަނަކުން މީހަކު އެއްޗެއް ދޭއިރައް ހަވާލުވާތި. ދަތުރުފަތުރު ކުރާއިރު އެއްވެސް މީހަކު ދޭއެއްޗަކާ ހަވާލުވާކައް ނުވާނެ. ޖަލައްލާފަ ތިތިބީ ގަމާރުކަމުން ކަމައް ވެދާނެ.

    9
    1