ތުރުކީގެ ދެ ވަނަ ޑިވިޝަނުގެ ފުޓުބޯޅަ މެޗެއްގެ ވަކި ހިސާބަކުން މެޗު ކުޅުން މެދުކަނޑާލިއެވެ. އެގާރަ ވަރަކަށް މިނެޓަށް މެޗު މެދުކަނޑާލީ ދެ ޓީމުގެ ކުޅުންތެރިންގެ ތެރެއިން މުސްލިމް ކުޅުންތެރިން ރޯދަ ވީއްލަން ފުރުސަތު ދިނުމަށެވެ.

ފުޓުބޯޅަ މެޗުގެ ކުޅުން ކުރިޔަށް ދަނިކޮށް މަގްރިބަށް ބަންގިދޭ އަޑު އިވެން ފެށުމާއެކު ކުޅުން ހުއްޓާލިއެވެ. އަންކަރާ ކޮޖިއޮރެންޖުކޫގެ ހަތަރު ކުޅުންތެރިން މެޗުގެ ވަކިހިސާބަކުން ރޯދަ ވީއްލަން ތިބި މަންޒަރު ތުރުކީގެ ސްޕޯޓްސް ޗެނަލަކުން ޓްވިޓާގައި ހިއްސާ ކޮށްފައިވެއެވެ. އެތައް ބައެއްގެ ސަމާލުކަން ލިބުނު މި ފޮޓޯ ތަކުން ފެނިގެން ދަނީ ދަނޑުގައި ކަކޫ ޖަހައިގެން ހަތަރު ކުޅުންތެރިން އިށީނދެ ތިބެ ދޮންކޭލާއި ކަދުރު ކަމުންދާ އިރު ގޯލްކީޕަރު ފެންފޮދެއް ބޮނިކޮށެވެ. މި މަންޒަރު ވެގެން ގޮސްފައިވަނީ ގިނަ ބަޔަކަށް ކަމުދިޔަ، ހިތްގައިމު މަންޒަރަކަށެވެ.

މެޗު ތާވަލް ކުރެވިފައި ކުރިން އޮތީ ރޯދަ ވީއްލަން ފުރުސަތު ދޭ ގޮތަކަށް ނޫނެވެ. އެކަމަކު އަންކަރާ ކޮރިއެންޖުކޫގެ ކުޅުންތެރިޔަކަށް އަނިޔާވެގެން މެޗުގެ ކުޅުން ހުއްޓުމަކަށް އައި ވަގުތު ރޯދަ ވީއްލާ މަންޒަރު ފެނި އެކަމަށް ވަގުތު ދިނުމުގެ ގޮތުން މެޗު އެގާރަ މިނެޓަށް މެދުކަނޑާލީއެވެ.

މިއީ ފުޓުބޯޅަ މެޗުގެ ތެރެއިން ކުޅުންތެރިން ރޯދަ ވީއްލަނިކޮށް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2018 ވަނަ އަހަރު ޓިއުނީޝިއާގައި ރޯދަމަހު ކުޅުނު މެޗެއްގައި ޓީމް މެމްބަރުން ރޯދަ ވީއްލުމަށް ފުރުސަތު ދިނުމުގެ ގޮތުން އެގައުުމުގެ ގޯލްކީޕަރަށް އަނިޔާވި ކަމަށް ހެދި މެޗުގެ ކުޅުން ހުއްޓުވާފައިވެއެވެ.

 

ފުޓުބޯޅަ މެޗު ތަކުގެ ތެރެއިން މިފަދަ ހިތްގައިމު އެތައް މަންޒަރެއް ފެނިގެން ދެއެވެ. އެގޮތުން، ލިވަޕޫލްގެ މޮޅު ކުޅުންތެރިޔާ ސަލާހަށް ގޯލް ޖެހުމުން އެކަން ފާހަގަ ކުރުމުގެ ގޮތުން ސަޖިދައަށް ތިރިވާ މަންޒަރު ފެނިފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު