އޭޕްރީލް 22 ވަނަ ދުވަހު ގެނެސްދިން ބައި

"އިލްހާމަށް ލިބުނު އަންހެންދަރި މިދުނިޔެއަށް ފުރަތަމަ ނޭވާލީންސުރެން އިބްރީސްގެ ބާރުތައް މަޑުމަޑުން ލިބެމުން އައީ." އިބްރާހީމްބެ އިތުރަށް ބުނެލިއެވެ. "އެ ދަރިޔަކު މި ދުނިޔެއަށް އުފަންވިތާ އެތައް އަހަރުތަކެއް ވެއްޖެ. އެކަމަކު އިބްރީސްގެ ބާރުތައް ލިބެމުން އައީ ވަރަށް މަޑުމަޑުންކަމަށްވާތީ މިހާ ދުވަހު ކަސްތޮޅުން ސަލާމަތްނުވެވިފަ ހުރީ. ސަބްރީނާއަށް މާކުރިން ވެސް އެނގިފައި އޮތީ އިލްހާމަށް އަންހެންދަރިޔަކު ލިބިއްޖެނަމަ އިބްރީސް ކޮންމެވެސް ދުވަހަކުން ސަލާމަތްވާނެކަން. އިބްރީސް ކަސްތޮޅު އަޅުވާފައި ހުރީ އަންދާނުލެވިގެނެއް ނޫން. އިލްހާމްގެ އަންހެން ދަރިޔަށް އިބްރީސްގެ އާއިލާއިން ދުއްތުރާ ކުރާނެތީ އިބްރީސްގެ ހުރިހާ ބާރެއް އަތުލައި މި ގޯތި ތެރޭގައި އޭނާ ހައްޔަރުކޮށްފައި އެހުރީ."

"މާތްކަލާކޯ. އިލްހާމްގެ އަންހެން ދަރިޔެކޭ." މަރުޖީނާގެ ބޮޑު މޫނުގެ ދެފަރާތުގައި އަތް ޖައްސާލަމުން ނިކަން ބާރަށް ބުނެލިއެވެ.

މަރުޖީނާގެ އަޑަށް އެންމެންނަށް އެދިމާއަށް ބަލާލެވުނުއިރު ހުއްޓުން އަރާފައި ހުރި އިލްހާމްގެ ހަށިގަނޑަށް ކުޑަ ލޮޅުމެއް އަޔެވެ. ޞަފިއްޔާ މަތިން ހަނދާންވެފައި ދެލޯ ބޮޑުކޮށްލަމުން ފަސް އެނބުރި ބަލާލެވުނެވެ. ހިލަ ބުދެއް ފަދައިން ހުއްޓުން އަރާފައި ހުރި ޞަފިއްޔާ ފެނުމާއެކު އިލްހާމްގެ ދެލޯ އިހުނަށްވުރެ ބޮޑުވިއެވެ. ޞަފިއްޔާއަށް އިވުނު ވާހަކަ ޤަބޫލުކުރަން ދަތިވެފައި ހުރިވަރު އެ މޫނުމަތިން ފާޅުކަންބޮޑު ގޮތެއްގައި ހާމަވަމުން ދިޔައެވެ. ފުރަތަމަ ފެނިލުމުން ވެސް ޞަފިއްޔާއަށް އިބްރާހިމްބެ ބުނި ވާހަކަ އިވިއްޖެކަން އިލްހާމަށް ޔަގީންވިއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

"ޞަފިއްޔާއަށް އަޑު އިވުނުތަ؟ އިލްހާމްގެ އަންހެން ދަރިޔަކު ދުނިޔޭގައި އެބަހުއްޓޯ." މަރުޖީނާ ވާހަކަ ދައްކަންފެށީ އަޖައިބު އަންތަރީސްވެފައި ހުރެއެވެ. "ޞަފިއްޔާ އެކިޔާ އެއްޗެއް ޤަބޫލުކުރެވޭތަ؟ މަށަށް މިފެންނަނީ ހުވަފެނެއްތަ؟ މާތް ކަލާކޯ! ޞަފިއްޔާ. އޭ ބަލަ ޞަފިއްޔާ."

ޞަފިއްޔާގެ ކަންފަތަށް މަރުޖީނާގެ އަޑު ފޯރާހެނެއް ހިޔެއް ނުވެއެވެ. އޭނާ ދެއަތުން އަނގަމަތި ނިވާކޮށްގެން ހުރެ އިލްހާމަށް ބަލަމުން ދިޔައީ ގަބުވެފައި ހުރެއެވެ. ޞަފިއްޔާ އަނގައިން ނުބުނެ ހުރުމުން ޞަފިއްޔާގެ ދެކޮނޑުގައި ހިފައި މަރުޖީނާ ތަޅުވައިގަތެވެ. އޭނާއަށް ހޭވެރިކަންވެ ލަސް ހިނގުމެއްގައި އިލްހާމްއާ ދިމާއަށް އަންނަން ފެށިއިރު އެ ދެލޮލުގައި ވިދުމެއް ހުއްޓެވެ.

ނަޒީލް ކަންބޮޑުވެފައި ހުރިއިރު ނިކާލް ހުރީ ހަޤީޤަތް ޤަބޫލުކުރަން އުނދަގޫވެފައެވެ. ބައްޕަގެ އިތުރު ދަރިޔަކު ހުރެދާނެކަމަކަށް އޭނާއަށް ޤަބޫލެއް ނުކުރެވެއެވެ. ބައްޕަގެ މިޒާޖު ހުންނަ ގޮތުން ކިތަންމެ ހަރުކަށިކޮށް ވާހަކަ ދައްކާ އަޑުގަދަކޮށް ޒުވާބުކޮށް ހެދި ނަމަވެސް ބައްޕައަކީ މަންމަ ދެކެ އިންތިހާއަށް ލޯބިވާ މީހެކެވެ. ބައްޕައެއް މަންމައަކަށް ބޭވަފަވާތެރިއެއް ނުވާނެއެވެ. ބައްޕަ ބަދުނާމުކުރަން އިބްރާހީމްބެ ވާހަކައެއް ހެދީ ކަންނޭގެއެވެ. އަމިއްލަ އަގެއް ނެތް މީހަކަށް އެހެން މީހެއްގެ އަގެއް ވެސް މުހިއްމެއް ނުވާނެއެވެ. އެފަދަ މީހުން ބަލާނީ ފުރުޞަތެއް ލިބޭ އިރަށް އެހެން މީހުންގެ އަބުރާއި އިއްޒަތް ވެސް ވެއްޔާ މޮޑެލެވޭތޯއެވެ. ކުޑަ އަންހެން ކުއްޖެއްގެ ދިރިއުޅުން ނަގާލި މީހެއް ކޮންމެ ފަދަ ވާހަކައެއް ދައްކަން ވެސް ފަހަކަށް ނުޖެހޭނެއެވެ. އިބްރާހިމްބެ ކުޑަ އަންހެން ކުއްޖަކާ ބެހި، އެކަން ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކޮށްފައިވާތީ ނިކާލްގެ ނަޒަރުގައި އިބްރާހިމްބެޔަކީ އިތުބާރު ހިފޭ މީހެއް ނޫނެވެ.

ޞަފިއްޔާ ކައިރިވަމުން އައިވަރަކަށް އިލްހާމްގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އޭނާ ދިޔައީ ޞަފިއްޔާއަށް ދޭނެ ޖަވާބަކާމެދު ވިސްނަމުންނެވެ. ޞަފިއްޔާއާ އިނުމުގެ ކުރިންނާއި ފަހުންވެސް އިލްހާމް އުޅެފައިވާ ވިޔާނުދާ އުޅުމުގެ ސަބަބުން ސީދާ އޭނާގެ ދަރިޔަކު އެހެން މީހަކަށް ލިބިފައެއް ނުވާނޭ ބުނާކަށް ނޭގެއެވެ. އޭނާ ވަނީ ސަފީނާ ނޫން އެތަކެއް އަންހެނުންނެއް އޭނާގެ ޝިކާރަޔަކަށް ހަދައިފައެވެ. ޒުވާން ދުވަސްވަރު ނަގާލެވުނީ އެތަކެއް މަލަކުން ފޮނި ބޮއެ އަލާފިލުވަމުންނެވެ. ބައެއްފަހަރު އެމީހުންގެ އިޒްނަޔާ، ރުހުމާއެކުގައެވެ. އަނެއްބައިފަހަރު ހުއްދަވެސް ހޯދުމެއް ނެތިއެވެ. ވީމާ ޔަޤީންކަމެއްނެތް ހާލުގައި އޭނާގެ ދަރިޔަކު ނުހުންނާނެޔޭ ބުނެ އޮޅުވާލިޔަސް އިބްރާހީމްބެ އެ ދަރިޔެއްގެ ވަނަވަރު ކިޔާލާނެއެވެ. އެ ކުއްޖެއްގެ މަޢުލޫމާތު ވެސް އިބްރާހިމްބެ އޮންނާނީ ހޯދާފައިކަން ކަށަވަރެވެ. އިލްހާމްގެ ކަރަށް މަހާލި މަޅިން ސަލާމަތްވާން ބުނާނެ އެއްޗެއް ވިސްނަމުން ދިޔަވަރަކަށް އޭނާގެ ހާސްކަންވީ ބޮޑެވެ. ހުރިހާ ގޯހެއް ހަދަމުން އެދަނީ އިބްރާހީމްބެއެވެ. އޭނާ ކިބައިން ބަދަލުހިފުމުގެ ބޭނުމުގައި، އެންމެންގެތެރޭ އެ ވާހަކަ އެ ދެއްކީ ހާސްކަމާ ނުތަނަވަސްކަން އުފެއްދުމުގެ މަގްޞަދުގައެވެ.

ނިހާ ހުރީ އެތެރެ އެތެރެއިން ހީނލަހީނލައެވެ. އިލްހާމްގެ މޫނުމަތިން ފެންނަމުން ދިޔަ ކަންބޮޑުވުމާއި ހާސްކަމުން އޭނާއަށް ލިބެމުން ދިޔައީ ބަޔާންކުރަންދަތި އުފަލެކެވެ. ދުވަހަކުވެސް ނުލިބޭވަރުގެ ބޮޑު އުފަލެއް ލިބި ހިނި އަންނަގޮތްވުމުން އޭނާ އަނގަމަތީ އަތް އަޅާލައިގެން ހުއްޓެވެ. އިބްރީސް އޭނާއާ އަވަލީ ހަމަ ރަނގަޅަކަށެވެ. އުފާކުރުން ހައްޤެވެ. މިހާރު އަވާލާފައިހުރި ވަރަށް ވުރެން ބޮޑަށް އަވަލައި އިލްހާމްގެ ހުރިހާ ހަޤީޤަތެއް ބޭޒާރުވާނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އޭނާ ހިތަށް އަރުވަން ނުވާވަރު އެއްޗެހި އަރާ ފައިބަމުން ދިޔައީ އިލްހާމަށް ދެރަ ނިކަމެތި ގޮތް ވުމަށް އެދެވޭލެއް ބޮޑުކަމުންނެވެ.

"އެއީ ތެދެއްތަ؟" ޞަފިއްޔާގެ ފެންކަޅިވެފައިވާ ދެލޮލުން އިލްހާމަށް ބަލާލަމުން ސުވާލުކޮށްލިއެވެ. އިލްހާމްގެ މޫނުމަތީގައިވާ ކަންބޮޑުވުން ފެނި ޞަފިއްޔާގެ ހިތް އޮބިނޯންނަ ވަރަށް ތެޅުމުން ދިޔައެވެ. އިބްރާހީމްބެ އެ ދެއްކި ވާހަކާގައި ކޮންމެވެސް ހަޤީޤަތެއްވެޔޭ އޭނާގެ ހިތްބުނާ ކަހަލައެވެ.

"މީހަކު ދައްކާހާ ވާހަކައެއް ޞަފިއްޔާ ޤަބޫލުކުރާތި. މިހުރީ ތި ހުރިހާ ނުބައެއްވެސް ހަދާމީހަކީ." އިލްހާމް ހަމަޖެހިލަން މަސައްކަތްކުރަމުން އިބްރާހިމްބެއާ ދިމާއަށް ކަޅިއަޅާލިއެވެ. އެވަގުތު އިބްރާހީމްބެގެ ތުންފަތް މައްޗަށް ވެރިކޮށްގެން ހުރި ކެހިވެރި ހިނިތުންވުން ފެނިފައި އޭނާގެ ބޮލަށް ރުޅި ސަވާރުވިއެވެ. އޭނާ އެއްޗެއް ނުބުނެ ހުރުމުން އައިސްފައި ހުރި ހިނި ނިކަން ދެކިބަލާށެވެ. މީނާ ހީކުރަނީ އަނގަ ބައްދާލައި ބޭޒާރުކޮށްލުމުގައި ކާމިޔާބުވާނެކަމަށް ހެއްޔެވެ؟ ހަމަހިލާ އިލްހާމް އެކަން ކާމިޔާބު ވިޔަކަ ނުދޭނެއެވެ. އޭނާއަށް އާދެވުނު ރުޅީގައި ދެ ދަތްޕިލައަށް ބާރުކޮށްލެވުނީ ދަތްތައް މުގުރިގެންދާހާ ބާރަށެވެ. އިބްރާހީމްބެ އިލްހާމަށް ބަލާލިއިރު އެ ދެލޮލުން އަލިފާން ކަނި ބުރައެވެ.

"ހުރި ލަދުހަޔާތް ކުޑަކަން. ކަލެޔަށް ތިޔަށްވުރެ ބޮޑު ދޮގެއް ހަދަން ނުކެރުނީތަ؟" އިލްހާމް ހަޅޭލަވައިގަތެވެ. "މަށަށް ލިބިފަހުރި އަންހެން ދަރިޔަކު މި ދުނިޔެއަކު ނުހުންނާނެ. މަމީކީ ކަލެޔެއްނޫނޭ. ސިހުރުހާހޫރަ ހަދައިގެން މީހުންގެ ގަޔަށް އަރަމުން ދުވާކަށް. ކަލެޔަށް ވަރިހަމަވާނެ ބާލިޣުނުވާ ކުޑަކުއްޖަކަސް. ނަހަލާލަށް ދަރިޔެއް ލިބުނަސް ލިބޭނީ ތިފާޑަށް ތެޅޭ ހައިވާނުންނަށް. ތީކީ މަގޭ ފެންވަރެއް އަދި ފިތުރަތެއްވެސް ނޫން. އަންހެންދަރިޔެއް ކީއްކުރަން އެހެން ބަނޑަކަށް ފިރިހެން ދަރިޔަކުވެސް ނުހުންނާނެ. މަގޭ ހުންނާނީ ހަމައެކަނި ދެ ފިރިހެން ކުދިން. މިތިބީ ކަލޭގެ ކުރިމަތީ.. މަގޭ ނަޒީލް އާ ނިކާލް. އަޑު އިވިއްޖެތަ؟"

"ކިތަންމެ ރަނގަޅަށްވެސް އަޑު އިވިއްޖެ. ކަލެޔަށް އަންހެން ދަރިޔަކު ލިބުނު." އިބްރާހީމްބެ ސާބިތުކަމާއެކު ބުނެލިއެވެ. "ކަލޭ ހީކުރީތަ މަ މިތަނަށް އައިސް އަނގައެއް އޮތީމަ ތަޅުވަނީއޭ. ކަލެޔަށް އަންހެން ދަރިޔަކު ނުލިބޭނަމަ އިބްރީސް މިނިވަންވުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެ."

"ފާޑުފާޑު ވާހަކަ ހަދަހަދައިގެން ދައްކަންއުޅޭނެ ކަމެއް ނެތް." އިލްހާމް ކުރިޔަށް ވުރެން ބާރަށް ފެލިގަތެވެ. "ކަލޭ ލައްވާ މިކަން ކުރުވަން އުޅެވުނު ކަން އެއީ މަގޭ މޮޔަކަން. ދެންވެސް ބޭކާރު އަނގައަރުވަން ނޫޅެ މިތަނުން ރައްކާވޭ. ކަލޭގެ އެހީތެރިކަމެއް ދެން އަހަރުމެން ބޭނުމެއްނޫން."

"ކަލެޔަށް މަގޭ އެހީތެރިކަން ބޭނުންވާނެ. ކަލޭ ތި ހީކުރާހާ ގިނަ ވަގުތެއް ނެތް. ކަލޭގެ ދަރިންގެ ސަލާމަތަ." އިބްރާހީމްބެ އަށް ބުނެވުނީ އެހިސާބަށެވެ.

"ރައްކާވާށޭ." ނިކާލް ހަޅޭލަވައިގަތެވެ. "ބައްޕަ އެ ބުނި އެއްޗެއް ކަލެޔަށް ނީވުނީތަ؟ ނޫނީ ކަލޭ ބީރީތަ؟ ބޭކާރު ވާހަކަ ނުދައްކާ މިތަނުން ދާންއުޅޭ. ކަލޭ ތި ދައްކާ ވާހަކަ ގަބޫލުކުރާނެ އެކަކު ވެސް މިތާކު ނެތް."

ނިހާ ދިޔައީ ސިހިގެންނެވެ. އިލްހާމަށް ނިކާލް ކުރާ "ކަނު" އިތުބާރު ފެނިފައި ނިހާގެ ތަލިން ކުޅު ހިކޭ ގޮތްވިއެވެ. ނިކާލްގެ ސިކުނޑީގައި ތެތްކަމެއް ވެސް ނެތީ ހެއްޔެވެ؟ އިލްހާމްގެ މޫނުމަތީގައި އެވާ ހާސްކަމާއި ކަންބޮޑުވުން ވެސް އޭނާއަށް ނުފެންނަނީ ހެއްޔެވެ؟ ނޫނީ އިލްހާމް އެކޭ އެއްފަދައިން އެ ސިއްރު ވަންހަނާކުރަން ޚުދު ނިކާލް ވެސް ބޭނުންވަނީ ހެއްޔެވެ؟

އިބްރާހީމްބެ ނިހާއަށް ބަލާލިއެވެ. އެޔަށްފަހު އިންޝާއާ ދިމާއަށް ބަލާލިއެވެ. އެ ދެ މީހުންނަށް ޖެހިފައިވާ މުސީބާތުން ސަލާމަތް ކޮށްދިނުމަށް އޭނާ ކިތަންމެހާ ވެސް ބޭނުމެވެ. ފަހަރުގައި މިރޭ އެކަމުން މިންޖު ނުވެއްޖެނަމަ އެ މީހުންނަށް ދެރަ ގޮތެއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ގޭގެ ވެރިންނާ ދެކޮޅަށް، އެމީހުންގެ ނުރުހުމުގައި އޭނާއަށް ކޮށްދެވޭނީ ވަކި ކޮންކަމެއް ހެއްޔެވެ؟ އިލްހާމް ހާރުވާލެވުމުން ލިބުނު އުފަލާއިއެކު އޭނާ އެތަނުން ދިޔުމަށް ހިނގައިގެތެވެ.

"ނޫން. ނޫން." މަޑުމަޑުން ހުރި އިންޝާ އިބްރާހީމްބެ ފައިބުޑަށް ވެއްޓިގަތީ ރޮމުންނެވެ. "މިހާރު ތިންރޭ ވެއްޖެ މަށަށް އެ ޖިންނި އުނދަގޫ ކުރާތާ. ނަޒީލްގެ ސިފަޖެހިގެން އައިސް މަށަށް އަނިޔާކޮށް ގަދަކަމުން މަގޭ ގަޔަށް އަރާ މަ ރޮލާކައި ހުސްކޮށްފި! ހެޔޮނުވާނެ. މަ ސަލާމަތް ކޮށްދީ. އޭތީގެ ކިބައިން ސަލާމަތް ނުވެއްޖެއްޔާ މިރޭ މަށަށް ހަދާލާނެ ގޮތެއްވެސް ނޭނގޭ. ރޭގައި ވެސް މަ ނިދާފައި އޮއްވާ މިގެޔަށް ގެނެސްގެން ދީފައި ހުރި އަނިޔާ މިހިރަ ފެންނަނީ."

އިންޝާ އޭނާ ލައިގެން ހުރި ދޫ ކުރުތާ ހެދުމުގެ އަތްކުރި އޮޅާލަމުން ދެއަތުގެ މުލައްދަނޑީގައި ނޫފައި ގަނެފައި ހުރި ޒަހަމުތައް ދައްކާލިއެވެ. އެދޮން ހަންގަނޑުގައި ކަނޑާ ނެގިފައި ހުރި ވަކީގެ ނިޝާންތައް ފެނުމާއެކު ނަޒީލް ބާރަކަށް އައިސް އިންޝާގެ އަތުގައި ހިފައިލިއެވެ. އެ ޒަހަމްތައް މަތީ ނަޒީލަށް ފިރުމާލެވުނުއިރު އޭނާގެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.

"އިބްރާހީމްބޭ." ދަނޑިވަޅުގެ ބޭނުންހިފައި ނިހާ އިބްރާހީމްބެގެ އަތުގައި ހިފައިގަތެވެ. އިބްރީސްގެ ކިބައިން އޭނާއާއި އިންޝާ ސަލާމަތްކޮށްދިނުމަށް އެދި ރޮއެފައި އާދޭސްކުރިއެވެ. ނިހާގެ ހާލު ފެނި ނިކާލްގެ ހިތަށް ބުނޭދޭން ނޭނގޭ ކަހަލަ އަސަރެއްކުރިއެވެ. އިބްރާހީމްބެއަށް އިތުބާރުކުރަން ހެޔޮ ނުވާނެކަމަށާއި އޭނާ ނޫން އެހެން ސިހުރުވެރިއެއް ހޯދައިގެން ވިޔަސް އެކަމުން ސަލާމަތްކޮށް ދޭނެކަމަށް ބުނެ، ނިހާއަށް ޔަޤީންކަންދީ ހަމައަކަށް އެޅުވުމަށް ނިކާލް ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ނިހާއަށާއި އިންޝާއަށް އެގޮތެއް ކަމަކު ނުދިޔައެވެ. އެމީހުން ބޭނުންވީ ވަގުތުން ވަގުތަށް އިބްރާހީމްބެ ލައްވާ ފަންޑިތަ ހަދުވާށެވެ. އިބްރާހީމްބެ ކޮންމެ ވާހަކައެއް ކޮންމެ ގޮތަކަށް ދެއްކި ނަމަވެސް އިބްރީސްގެ ކިބައިން އެމީހުން ސަލާމަތްވާން ބޭނުންވާކަމަށް ބުންޏެވެ. އިބްރީސްގެ ބާރާއި، އަނިޔާވެރިކަން އަދި ރަހުމުކުޑަކަން ވެސް އެންމެ ރަނގަޅަށް އެނގޭނެ ބަޔަކަށް ތިބީ ޚުދު އެމީހުން ކަމުގައި ބުނެ ގިސްލަގިސްލާފައި ރުޔެވެ.

"އެހެންވީމަ ކޮންގޮތަކަށް ތި ނިންމީ." ނިކާލާއި އިލްހާމްއާ ދިމާއަށް ބަލާލަމުން، ހިތްހަމަނުޖެހިފައި ހުރެ އިބްރާހިމްބެ ބުންޏެވެ. "މަށަކަށް ވަގުތެއް ނެތް. މަ ދައްކާ ވާހަކަ ޤަބޫލުކުރިޔަސް ނުކުރިޔަސް މަ ބުނާނީ ކަން އޮތްގޮތަށް. ކުރިޔަށް އޮތް ތަނުގައި ވެސް ބުނާނީ ކަން ހިނގައިފައިވާ ގޮތަށް. ފަންޑިތަހަދަން ކަލޭމެންނަށް މަނޫން އެހެން މީހަކު ހޯދައިގެން ގެނެވިދާނެ. ކޮންމެ މީހަކު ގެނަޔަސް، އިބްރީސްއާ ބެހޭ ހުރިހާ ކަމެއް ހޯދަން އެންމެ މަދުވެގެން ވެސް ދުވަހެއް ބޭކާރުވާނެ. އޭރުން ވެސް ތީގެ ހުރިހާ ހަސްކާއެއް ފެންނާނީ މި ތިބަ ދެ މަންޖެއިންނަށް. އެމީހަކު ވެސް ބުނާނީ ހަމަ މަ ބުނިހެން. އިލްހާމަށް އަންހެންދަރިޔަކު ލިބުނު. އެއީ ކަމުގެ ހަޤީޤަތް. ދުނބުރިއެއް އަނބަކަށް ހަދަން ކިތަންމެ ވަރަކަށް އުޅުނަސް އެޔެއް އަނބަކަށް ނުވާނެ. އެހެންވީމަ ތި އާއިލީ ޑުރާމާ މަޑުޖައްސާލާފަ މަ ކަންތައް ކުރަންވީ ގޮތެއް ބުނޭ."

"މަ ބޭނުން މަގޭ އިންޝާ ސަލާމަތްކުރަން." ނަޒީލް އިންޝާ ގަޔާލާ ބޮނޑިކޮށްލަމުން ބުންޏެވެ. "ބައްޕައާ ނިކާލް މިކަމާ ދެކޮޅަސް މަ ބޭނުމީ މަގޭ އަންހެނުން މިކަމުން ސަލާމަތްކުރަން. ބައްޕަގެ އަންހެން ދަރިޔަކު ހުރިތޯ ނެތްތޯ ބެލުން މަށަކަށް މުހިންމެއް ނޫން. ތީން އެކެއްގެ އެއްބާރުލުން ނުލިބުނަސް މިރޭ މިކަން ކުރަން މަގޭ އެހީތެރިކަން ލިބޭނެ."

"މަވެސް މިހުރީ ތި ފަންޑިތަ ހެދުމުގައި އެހީވާން ތައްޔާރަށް." ފައިރޫޒްވެސް ނަޒީލްގެ ވާހަކައާ އެއްބައިވެލިއެވެ. އިލްހާމްގެ އާއިލީ މައްސަލަގަނޑު ތެރެއަށް ނުވަނުމަށް ފައިރޫޒް އެއްޗެއް ނުބުނެ ހުރި ނަމަވެސް ނިހާ އެކަމުން ވީހާވެސް އަވަހަކަށް ސަލާމަތްކުރުމަށް އޭނާ ބޭނުމެވެ.

ނިކާލަށް ބަލާލެވުނީ އިލްހާމާ ދިމާއަށެވެ. އިލްހާމް ހުރީ ހަދަންވީ ގޮތެއް ނޭނގިފައެވެ. އެކަމަށް ހުރަސްއަޅައިގެން އިންޝާއަށް ގެއްލުމެއް ލިބިއްޖެނަމަ ނަޒީލް އޭނާއަށް ދުވަހަކުވެސް މާފެއް ނުކުރާނެއެވެ. ނިހާއަށް ގޮތެއް ވެއްޖެނަމަ ނިކާލްގެ ހިތް ވެސް އޭނާގެ މައްޗަށް ކަޅު ވެގެން ހިނގައިދާނެއެވެ. އިބްރީސްގެ ކިބައިން ރައްކާތެރިވެ ސަލާމަތް ހޯދުމުގައި ލަސްނުކޮށް ފިޔަވަޅު އެޅުމަށް ޚުދު މަންމަ ވެސް ވަނީ ނަސޭހަތްތެރިވެފައެވެ. އޭގައިވެސް ކޮންމެވެސް ހިކުމަތެއް އޮންނާނެއެވެ. އިލްހާމް ގޮތުގައި ހުރެ ބޯހަރުކަން އިސްކޮށްގެން އެ އާއިލާއަށް އިބްރީސްގެ ފަރާތުން ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ އެޅޭނީ ޚުދު އޭނާގެ ބޮލުގައެވެ. އެހެން އެކަންވާކަށް އިލްހާމް ނޭދެއެވެ. ނަމަވެސް އިބްރާހީމްބެ ލައްވާ ފަންޑިތަ ހަދުވައިގެން ފެންމަތިވެދާނެ ހަޤީޤަތަކުން އޭނާގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެންވެއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މިހާރުވެސް ނިކާލްއާ ޞަފިއްޔާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ޝައްކެއް އުފެދިފައި ނުވާކަމެއް ނޭނގެއެވެ. އިލްހާމަށް ގޮތެއް ނިންމަން އުނދަގޫވެ ހަތަރު ފަރާތުން ބެދެމުން އައިސް ގޮތް ހުސްވި ކަހަލަ އިޙްސާސެއް ކުރެވުނެވެ.

"އެންމެ ރަނގަޅު." އިލްހާމްގެ ވިސްނުމަށް އިތުރު ގޮތެއް ނައުމުން އެންމެފަހުން އެއްބަސްވީ މަޖުބޫރުވެގެންނެވެ. "މަށޭ ކިޔައިގެން ދޮގު ވާހަކަ ނުދައްކާ ކަލޭގެ މަސައްކަތައިގެން ކުރިޔަށްދޭ. އަދި ބުނަން ކަލޭ ތިކުރާ އެއްވެސް ކަމަކުން މަގޭ ދަރިޔަކަށް ގެއްލުމެއް ލިބިގެން ނުވާނެ. އިންޝާއާއި ނިހާއަށް ވެސް ހާނިކައެއް ލިބިގެން ނުވާނެ. އެކަހަލަ ކަމެއް ވެއްޖިއްޔާ މަށަކީ ނުބައި މީހެއްކަން ކަލެޔަށް އަންގާލާނަން."

އިލްހާމް ދިނީ އިންޒާރެކެވެ. އެ އިންޒާރަކީ ދަރިންގެ ކުރިމަތީގައި އޭނާގެ ހުރި "ޠާހިރުކަން" ދެއްކުމަށް ބޭނުންކުރި އުކުޅެއްކަން އިބްރާހީމްބެއަށް އެނގެއެވެ.

"މަ ދައްކަން ބޭނުން ވާހަކައެއް މަ ދައްކާނަން. ޤަބޫލުކުރުމާއި ނުކުރުން އެއީ ކަލޭމެންގެ އަތްމަތީ އޮތް ކަމެއް." އިބްރާހީމްބެ ބުނެލިއެވެ.

އެހާ ހިސާބަށް ދިޔައިރު ނިކާލްއާ ޞަފިއްޔާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ޝައްކެއްވަނީ އުފެދިފައެވެ. އިބްރާހީމްބެ އެހާ ސާބިތުކަމާއެކު އެ ދައްކާ ވާހަކަތަކުގެ ސަބަބުން އިލްހާމަށް އެމީހުން ކުރާ އިތުބާރުގައި ކޫރުންއަޅުވާލިއެވެ. އެހެނަސް އާއިލީ މަޞްލަހަތަށްޓަކައި އެވަގުތު ހަނުހުރުން އެއީ އެންމެ މޮޅު ގޮތް ކަމަށް ނިންމައި، އިލްހާމްއާ އިތުރު ސުވާލެއް ނުކޮށް ދެމީހުން ވެސް ފަރުޖައްސާލީއެވެ.

ބާބު 17 - ދެވަނަ ޤާޠިލު

ކުރީ ރެޔެކޭ އެއްފަދައިން އެންމެ ފުރަތަމަ ކަމަކަށް މިރޭ ވެސް ނިހާ ވަށައިގެން އިބްރާހިމްބެ ފުރިހަމަނުވާ ބުރެއް އަޅާލިއެވެ. އިންޝާއާއި ނަޒީލް ވަށައިގެން ވެސް ވަކިވަކިން ހަމަ އެކަހަލަ ދެ ބުރު އަޅާ ލެވުނެވެ. ނަމަވެސް އެ ދެމަފިރިން ވަށައިގެން އެޅުނު ބުރުތައް ހުރީ ފުރިހަމަކޮށްފައެވެ. އެޔަށްފަހު ފައިރޫޒާއި ނިކާލް އަދި ޞައްތާރުގެ އިތުރުން އިލްހާމް ނިހާގެ ހަތަރެސްފަޔާ ދިމާލުގައި އިށީނީ ނިހާ ބުރުން ބޭރުވުމަށް ކޮށްފާނެ ކަމަކަށް ހުރަސް އެޅުމުގެ ގޮތުންނެވެ.

"ރޭގަ ތި ދެމަފިރިންނަށް ބާރު ފޯރުވުމުގައި އިބްރީސްއަށް ކާމިޔާބުވި ސަބަބުވެސް މަ މިއައީ ހޯދައިގެން. އެ ގޮތަށް ބާރު ފޯރުވުނީ ކުރިން ވެސް ތި ދެމަފިރިންނަށް އޭތީގެ އުނދަގޫ ފޯރާފައި ހުރުމުން. އެހެންވެ މިރޭ ބުރެއްގެ ތެރޭގައި ބަހައްޓަން މި ނިންމީ. ބުރު ތެރޭގައި ތިއްބަސް އުނދަގުލެއްވުމަކީ އެކަށީގެންވާ ކަމެއް. ކިތަންމެ އުނދަގުލެއްވިޔަސް ބުރުން ބޭރަށް ނުނިކުންނާތި. ނިހާ ކައިރީ ތިތިބި އެންމެންވެސް އެކަމަށް ސަމާލުވެ ތިބޭތި." ފަންޑިތަ ފެށުމުގެ ކުރިން އިބްރާހީމްބެ އެންމެނަށް ނަސޭހަތްތެރިވީ ހުށިޔާރުވެތިބުމަށެވެ.

ޤުރުޢާން ކިޔެވުމަށްޓަކައި އިބްރާހިމްބެ ހަތް މީހަކު ގެނައެވެ. ނިހާ އޮށޯވެލައިގެން އޮތް ބުރުގެ ވަށައިގެން އެމީހުން އިށީންދެ އެތުރެލުމަށްފަހު ކިޔެވުމައިގެން ކުރިޔަށް ދާންފެށިއެވެ. ޤުރުޢާން ކިޔެވުމުގެ އަޑު ފެންޑާގެ ހަތަރު ފަރާތުން ގުގުމަން ފެށުމާއެކު ކުޑަދޮރުތަކުގެ ދޮރު ފޮތިތައް ވަޔާ ވިހުރެން ފެށިއެވެ. އެ ތަނުގައި "ބޫން" ކިޔާފައި ވައިގެ އަޑުފަށްގަނޑު ގަދަވަމުން ދިޔުމާއެކު މޭޒުތަކުގެ މަތީގައި ހުރި ބައެއް ތަކެތި ވިއްސައިގެން ދިޔައެވެ. އެންމެ ޗޭނުގަނޑެއްގެ އެހީގައި ހުރި ޗާންދަލިޔާ ވެސް އެނބުރެމުން ދިޔަލެއް ބާރުކަމާ އަވަސްކަމުން ހީވީ ދެންމެ ދެންމެ ލުހިގެން އައިސް ވެއްޓި ޖެހިދާނެހެންނެވެ. އެތަނަށް ކުޑަވަރެއްގެ ތޫފާނެއް އައިސްގެން އުޅޭ ކަހަލައެވެ. ކުއްލިއަކަށް އެ ޗާންދަލިޔާ ފަންގިފިލައިން ލުހިގެން އައިސް ބިން މައްޗަށް ޖެހި ފުޅިތޮށިތައް އެކި ދިމަ ދިމާއަށް ބުރަބުރައިގެން ދިޔައެވެ. އިބްރާހީމްބެ ދުރާލާ ވިސްނާ އެ ދިމާލުގައި އެއްވެސް ބުރެއް ނޭޅިކަން އެއީ ހަމަ ނަސީބެކެވެ. އެއްވެސް ކަމަކަށް ސަމާލުކަން ނުދީ ކިޔެވުން ކުރިޔަށް ގެންދިޔުމަށް އިބްރާހީމްބެ އިރުޝާދުދީފައި ވާތީ އެހާޖާނުގަނޑު ތެރެއިން ވެސް ކިޔެވުމުގެ އަޑަށް އެއްވެސް ބަދަލެއް ނާދެއެވެ.

ފެންޑާ ތެރޭ އުފެދުނު ކޮޅިގަނޑު މައިތިރިވިއެވެ. އިބްރާހީމްބެގެ ތުންފަތްމަތިން ފާޅުވީ ކާމިޔާބު ހިނިތުންވުމެކެވެ. އޭނާ އުންމީދު ކުރިގޮތަށް ހުއްޓުމެއް ނެތި ކިޔަވަމުން ގެންދިޔަ ޤުރުއާނުގެ ކުރިމަތީގައި އިބްރީސްއަށް ހަތިޔާރު ބަހައްޓަން ޖެހުނީއެވެ. މަޑުމަޑުން ނިހާގެ މެދުހަށި ތަޅުމުން އުފުލެން ފެށިއެވެ. އޭނާގެ ދެލޮލުގެ ކަޅި ގެއްލި އަނގައިން ބިރުވެރި އަޑެއް ނެރެންފެށިއެވެ. ނިހާގެ ކަރުދޮށުގައި ހުރި ހުރިހާ ނާރުތަކެއް ފުއްޕާލައި ކަރަން ވާން އަރުވާލަމުން ތަޅުން މައްޗަށް ޖެހުނު ބާރުމިނުގައި ފުންމައިގެން ތެދުވަން އުޅުނެވެ. ނަމަވެސް ނިކާލްމެން ނިހާ އޮބިއަޅާ ހިފެހެއްޓީ ފިސާރި ހުށިޔާރުކަމާއެކުގައެވެ.

"އެންމެންގެ ދުވަސް ދުއްވާލާނަން. އެންމެންގެ ދުވަސް ދުއްވާލާނަން." ނިހާ ބަރު އަޑަކުން ތަކުރާރު ކުރަމުން ގެންދިޔައެވެ.

އިންޝާގެ ބަނޑުތެރެޔަށް ފެތުރުނު ތޫނު ތަދުންގެ ސަބަބުން އަޅާ ވޭނަށް އޭނާ ކެތްކުރަމުން ގެންދިޔައީ ކުރުގެޅިލައިގެން އޮވެއެވެ. ނަޒީލް އިންޝާއަށް ބަލަހައްޓައިގެން ހުރިއިރު އެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާންހުއްޓެވެ. ނިހާގެ ހަށިގަނޑަށް އިބްރީސް ވަދެއްޖެކަން ޔަޤީންވުމާއެކު އިބްރާހީމްބެ ނިހާ އޮތް ބުރު ފުރިހަމަކުރުމަށްފަހު ބުރު ތެރޭގައި ތިބި އެންމެން ބުރުން ބޭރަށް ނެރުނެވެ. އެއަށްފަހު ޤުރުއާން ކިޔެވުމުގައި މަސްއޫލުވެ ތިބި މީހުންނަށް އިޝާރާތްކޮށް ކިޔެވުން ހުއްޓާލުމަށް އެންގިއެވެ. ޤުރުޢާނުގެ އަޑު ކެނޑިގެން ދިޔުމާއެކު ނިހާ ފުންމައިގެން ތެދުވެ ދެ ދަތްޕިލަ ފިއްތާ ބާރުކޮށްލިއެވެ. ދެ އަތްތިލަ މުއްކަވާ ބާރުކޮށްލަމުން ހަށިގަނޑު ތުރުތުރު އަޅައިގެންދާ ވަރަށް މުޅި ހަށިގަނޑަށް ވާން އަރުވާލިއިރު ހަށިގަނޑުގެ ހުރިހާ ނާރުތައް ހުރީ ފުއްޕާލައިފައެވެ.

"ކަލޭމެންނަށް މަށަށް ކިތަންމެ އަނިޔާއެއްކުރެވުނަސް މަ އަންދާލުން އެއީ ކަލޭމެންނަށް ވާނެކަމެއް ނޫން." ނިހާ ބިރުވެރި އަޑަކުން ފެލިގަތެވެ. "މަ ކަލޭ ކުރާ އެއްވެސް ސުވާލަކަށް ޖަވާބެއްވެސް ނުދޭނަން."

ނިހާ ނުލަފާ އަޑަކުން ހީނގަތެވެ.

"ކަލޭ ގާތުން އޮޅުން ފިލުވަންޖެހޭ އެއްޗެއް ނެތް." އިބްރާހީމްބެ ފަހުރުވެރިކަމާއެކު ޖަވާބު ދިނެވެ. "މަށަށް ހުރިހާ އެއްޗެއް ވެސް އެނގޭ.. ކަލެޔާ މަ ކުރަން ބޭނުންވަނީ ހަމަ އެންމެ ސުވާލެއް. ކަލޭ އިސްލާމްވާން ބޭނުންތޯ؟ ނުވަތަ ނޫންތޯ؟"

"އެއްވެސް ސުވާލަކަށް ޖަވާބެއް ނުދޭނަމޭ." ނިހާ ކުރިޔަށްވުރެ ބާރަށް ފެލިގަތެވެ.

"ކަލޭ އިސްލާމްވާން ބޭނުންތަ؟ ނޫނީ އަންދާލައި އަޅިޔަށް ހަދާލަންވީތަ؟" އިބްރާހީމްބެ އަނެއްކާވެސް އެހިއެވެ.

"ކަލެޔަކަށް އެއްކަމެއްވެސް ނުވާނެ. މަ މީ ކަލޭ ތި ހީކުރާ ކަހަލަ އިފުރީތެއް ނޫނޭ. މަ މިދުނިޔެއިން ނައްތާލެވޭނީ އެންމެ މީހަކަށް. އޭނާގެ އެހީއާ ނުލާ ކަލެޔަކަށް އެއްކަމެއް ވެސް ނުވާނެ." ނިހާ ހެމުންހެމުން ހަތަރު މޮއްގަނޑު ޖަހާ ބުރު ވަށާ އެނބުރެން ފެށިއެވެ.

"މަށަށް ތިކަން އެނގެޔޭ. އެމީހަކީ ކަލޭގެ އަމައެއްނު. ކަލޭގެ އަމަޔަކީ އިންސާނެއްކަމާއި ކަލެޔަކީ އިންސިޔަކާ ޖިންނިއެއް ކުރި ފާހިޝް އަމަލަކުން މިދުނިޔެއަށް ފާވެފަހުރި އިފްރީތެއްކަން. ކަލޭގެ އަމާ މިހާރު މިދުނިޔޭގައި ނެތްކަންވެސް މަށަށް އެނގެޔޭ." އިބްރާހީމްއަށް އިބްރީސްއާ ބެހޭ ގޮތުން އެނގިފައި ހުރި މަޢުލޫމާތުތައް ކިޔަން ފެށިއެވެ.

ލަމްޙާ ނެތް ދުނިޔެއެއްގައި އިލްހާމަށް ލިބޭ އަންހެންދަރި އިބްރީސްއަށް ހިބައިން ދިނުމަށް އިޤްރާރުވެވުނު ހަނދާނެއް ސަބްރީނާ ނެތެވެ. އެ ކަހަލަ އިޤްރާރުނާމާއެއް ވެވުނުކަން އޭނާ ހަނދާނަށް އައީވެސް ލަމްޙާ މިދުނިޔެއިން ނެތިކޮށްލި ފަހުންނެވެ. އަބަދުވެސް ސަބްރީނާ ހިތުގެ އެންމެ ފުންމިނުން އިލްހާމް ދެކެ ލޯބިވިއެވެ. ލަމްޙާ މަރާލީވެސް އިލްހާމަށް ހަޤީޤަތް އެނގި އޭނާއަށް ނަފްރަތުކޮށްފާނެތީ، ހުރިހާ ކަމެއް ވަންހަނާކުރުމުގެ ބޭނުމުގައެވެ. އިބްރީސް ކަސްތޮޅު އަޅުވަން ނިންމީވެސް އިލްހާމްގެ ދިރިއުޅުމަށް އަތުވެދާނެ ތޫފާނަކުން އޭނާ ސަލާމަތްކުރާށެވެ. އެކަމުގައި ސަބްރީނާއަށް އެހީތެރިވެދިނީ އިބްރީސްގެ މަންމައެވެ. އިބްރީސްގެ ބާރުތައް އަތުލައި ކަސްތޮޅު އެޅުވުމަށްފަހު އެގޯތި ތެރޭގައި ހައްޔަރުކުރުމަށް އެހީތެރިވެދިން ސިހުރުވެރިޔަކީ ވެސް އެއީއެވެ. އެއީ ސަބްރީނާގެ އެންމެ ގާތް އެކުވެރިޔާ އަދި އިބްރީސްގެ މަންމަ ޝަހުދިއްޔާއެވެ.

"ކަލޭގެ ބަފަޔަކީ ޖިންނީންގެ ރަސްރަސްކަލުންގެ ތެރެއިން ރަސްކަލެއް. އެހެންވީމަ ކަލޭ ނެތް ދުނިޔެއެއްގައި ކަލެޔަށް ލިބެން އޮތް އެއްޗެއްވެސް ވާރުތަވާނީ ކަލޭގެ ބައްޕަގެ އެންމެ ދޮށްޓަށް ދެން ހުރި ދަރިޔަކަށް. ކަލޭ މިދުނިޔޭން ނައްތާލުމަކުން އެ ބުނާ އަންހެން ކުއްޖަކަށް ވަކި ސަލާމަތެއް ނެތް. ކަލޭ މި ދުނިޔޭގައި ބަހައްޓާފައި ތިހުރީ އެ އަންހެންދަރިއަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްކުރަން." އިބްރާހީމްބެ ދައްކަމުން ދިޔަ ވާހަކަތައް އެތަނުގައި ތިބި އެންމެން ކަނުލާ އަހަމުން ދިޔައިރު ނިހާ ދިޔައީ އަޑުގަދަކޮށް ބާރަށް ހެމުން މަލާމާތް ކުރުމުގެ ގޮތުން ވައްތަރުޖައްސަމުންނެވެ.

އިބްރީސް ކަސްތޮޅު އެޅެވުނުތާ އެތައް އަހަރެއް ފަހުން އިލްހާމަށް އަންހެން ދަރިޔަކު ލިބުނެވެ. އެ އަންހެންދަރި ދުނިޔެއަށް އުފަންވީންސުރެން އިބްރީސްއަށް މަޑުމަޑުން އޭނާގެ ބާރުތައް ލިބެމުން އަޔެވެ. އިބްރީސް މިނިވަންވެގެން ދިޔައިރު ހަޤީޤަތުގައި އޭނާއަށް ހުރިހާ ބާރުތަކެއް ފުރިހަމައަށް ލިބިފައެއް ނުވެއެވެ. އިބްރީސްގެ އަސްލު ސިފައަށް ބަދަލުވުމުގެ ކުޅަދާނަކަން ވެސް އޭނާއަކަށް ނުލިބެއެވެ. އުޅެން ޖެހުނީ އޮލަ ދުންގަނޑެއްގެ ސިފައިގައެވެ. އިބްރީސްއަކީ އިންސާނީ ނަސްލު ވެސް ހިއްސާކުރާ ޖިންނިއަކަށްވާތީ ގެއްލިފައިވާ ބާރުތައް ލިބޭނެ ގޮތެއް އޮތެވެ. އެއީ އިންސާނަކާއެކު ޖިންސީ ގުޅުން ހިންގުމެވެ. އޭރުން އިންސާނުންގެ ހަށިގަނޑުގައިވާ ބާރުތައް އިބްރީސްއަށް ލިބި އޭނާ ފުރިހަމަވާނެ ބާރު ލިބިގެންދެއެވެ. އެ މަޤުޞަދު ހާސިލުކުރުމަށް ނަޒީލްގެ ހަށިގަނޑު މެދުވެރިޔަކަށް ހެދީ އޭރު އިބްރީސްއަށް އަސްލު ސިފަ ޖެހުމުގެ ބާރު ލިބިފައި ނުވާތީއެވެ.

"ކަލޭގެ މަންމަ ދުނިޔޭގައި ނެތަސް މަށަށް ކަލޭގެ ދުވަސް ދުއްވައިލެވިދާނެ.." އިބްރާހީމްބެ ބުންޏެވެ. "އެހެންވީމަ ފަހުފަހަރަށް މި އަހަނީ ކަލޭ ބޭނުންވަނީ ކޮން ގޮތެއް.. އިސްލާމްވާންތަ؟ ނޫނީ ނެތިފަނާ ކޮށްލަންވީތަ؟"

"ކަލެޔަކަށް އެއްކަމެއްވެސް ނުވާނެ!" އިބްރީސް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

"ތިޔެއް ދައްކާލާނަމޭ!" އިބްރާހީމް މަޑުމަޑުން ބުނެލިއެވެ.

އިބްރާހީމްބެ ދިޔައީ އިލްހާމް ކައިރިއަށެވެ. އިބްރީސް މިދުނިޔެއިން ނެތިކޮށްލުމުގެ ކުރިން އިލްހާމްގެ ހުއްދައެއް ހޯދުމަށެވެ. އިބްރީސް ނެތި ދިޔަޔަސް އިލްހާމްގެ އަންހެން ދަރިޔަށް އެއްވެސް ސަލާމަތެއް ނެތްކަން ބުނެދީ އިންޒާރު ދިނުމަށެވެ.

"މަގޭ ދަރިޔަކު ނުހުންނާނޭ." އިބްރާހީމްބެ ހުއްދައަށް އެދުމާއެކު އިލްހާމް ހަޅޭލަވައިގަތެވެ. "ކަލޭ ތި ކުރާ ކަމެއް ކޮށްބަލަ."

އިލްހާމްގެ ޖަވާބު ލިބުމުން އިބްރާހީމްބެ ހިނިތުންވެލުމަށްފަހު އިތުރަށް ވިސްނައިލުމަށް އެދުނެވެ. އިލްހާމް ދިނީ ކުރިން ވެސް ދިން ޖަވާބެވެ. އިބްރާހީމްބެގެ މަސައްކަތް ފެށުމުގެ ކުރިން އޭނާ ކިޔަވަން ގެނައި މީހުންތައް ފޮނުވާލިއެވެ. އޭރުވެސް ނިހާ އަތްޖަހައި ފުމެ ދުވަމުން މަންމަ މަރުވެފައިވާ ވާހަކަ އިބްރާހީމްބެއަށް ހަނދާންކޮށްދެމުން ދިޔައެވެ.

"މަންމަ ވީ މަރުވެފަޔޯ." ނިހާ އުފާފާޅުކުރަމުން ދިޔައެވެ. "މަންމަ ނެތިސް އެއްކަމެއްވެސް ނުވާނެޔޯ."

"ކަލޭގެ މަންމަ ދުނިޔޭގައި ނެތަސް ހެވޭ. ބޯގަންވިލާ ގަހު ބުޑުގައި ކަލޭ އަންދާލެވިދާނެ ބާރެއްވާކަން ހަނދާންނެތުނީތަ؟"

އިބްރާހީމްބެގެ ވާހަކަތައް އަޑު އިވިފައި ނިހާ ހުއްޓުން އެރިއެވެ. އިބްރާހީމްބެއަށް ބަލަހައްޓައިގެން ހުރި ގޮތުން ހީވަނީ އެ ހަދަން އުޅޭ އެތިފަހަރު އޭނާއަށް އެނގިއްޖެހެންނެވެ. އިބްރީސް މި ހުރިހާ ދުވަހު ހައްޔަރުގައި ހުރި ތަނުން އޭނާ ނެތިކޮށްލެވޭނެފަދަ ހަތިޔާރެއްވާކަން ހަނދާނަށް އައުމާއެކު އެ މޫނުމަތިން ބިރުވެރިކަން ފާޅުވެގެން ދިޔައެވެ. ދެލޯ ބޮޑުކޮށް އިބްރާހީމްބެއަށް ބަލަމުން ހަޅޭލަވައިގަތެވެ.

އިބްރާހީމްބެ ނިކާލަށް ގޮވާލައިފައި ފަކީރާއަކާއި ބައްތިތަކެއް ހޯދައިގެން ގެނައުމަށް އެދުނެވެ. އެތަކެތި ހިފައިގެން ބޯގަންވިލާ ގަސް ކައިރިޔަށް ދިޔުމަށް ބުނީ ނިހާގެ ނުތަނަވަސްވެފައިވާ މޫނަށް ބަލާލަމުންނެވެ. އިބްރީސް ނެތިކޮށްލެވޭނެފަދަ ހަތިޔާރެއް އެތަނުގައި ވާނޭކަމަށް އިބްރާހީމްބެ ބުނުމާއެކު ނިހާގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގެންދިޔައެވެ. އިބްރާހީމްބެމެން ގެއިން ނުކުތުމަށް ހިނގައި ގަތުމާއިއެކު ނިހާ ބިރުން ތެޅިފޮޅެން ފެށިއެވެ. އަދި ކަރު ބުޑުން ބިރުވެރި ތޫލި އަޑެއްނެރެމުން ހޭރެންފެށީ ބުރުން ބޭރުވާން މަސައްކަތްކުރަމުންނެވެ.

*****

މަރުޖީނާގޭ ފެންޑާގައި ހުރި ސޯފާގައި ހިމޭންކަންމަތީ އިން ޞަފިއްޔާގެ ލޮލުން ކަރުނަ ހިކޭ އިރެއް ނުދެއެވެ. މާޔޫސްކަމުން ފުރިފައިވާ އެ މޫނުމަތި ހިތާމަވެރި ތަސްވީރެއް ފަދައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދެއަތުން ފޮހެމުންދިޔަ ވަރަކަށް ލޮލު ތެރެއަށް ކަރުނަ ގިނަވަމުން ދިޔައީ އޭނާގެ ހިތަށް އަރާ ފައިބަމުން ދިޔަ އެއްޗެހީގެ ސަބަބުންނެވެ. އިންޝާއާއި ނިހާގެ ސަލާމަތާއި ރައްކާތެރިކަމަށް އޭނާ ދުޢާކުރަމުން ދިޔައިރު އިރުއިރު ކޮޅުން އިބްރާހީމްބެ ދެއްކި ވާހަކަވެސް ސިކުނޑީގައި ގުގުމާލައެވެ. އެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު އިލްހާމްގެ ބިރުގެންފައި ހުރި މޫނު ސިފަވެގެން ދެއެވެ. އެ މޫނުމަތިން ފެނުނު ކަންބޮޑުވުމުގެ ފަހަތުގައި ހަޤީޤަތެއްވާކަމަށް އޭނާގެ ހަވަނަ ހިއްސު ކެނޑި ނޭޅި ދެމުން ދިޔަ އިންޒާރުތަކުން ހިތަށް ނުބައި ގޮތެއް ވެލައެވެ. އިލްހާމް ގޯހެއް ހަދާފައިވާކަމަށް ސިކުނޑި އެއްބަސްވެއެވެ. އެކަމުން ހިތަށް ލިބެމުންދިޔަ އަނިޔާއާއި ބިރުވެރިކަން ކަރުނައިގެ ސިފައިގައި އެ ދެލޮލަށް ގިނަވެ، ފުރި ބަރާވެގެން ކޯތާފަތް މައްޗަށް ފައިބައި ގަންނަނީއެވެ. ޞަފިއްޔާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން މަރުޖީނާއާއި ދީޕިކާ ތިއްބެއެވެ. މަރުޖީނާއަށް ވެސް އެއްޗެއް ބުނަން ނުކެރިފައި އިނީ ޞަފިއްޔާގެ ދެލޮލުން ފައިބަމުންދާ ކަރުނަ ފެނިފައެވެ. އޭނާ ކިތަންމެ އަނގަ ގަދަވެގެން އުޅުނު ނަމަވެސް ޞަފިއްޔާގެ ހާލަށް ހަމްދަރުދީވެއެވެ.

ދީޕިކާ ވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަވީރު ސުނޯހައުސް ކައިރިއަށް ދިޔުމަށް އޭނާ ވެސް ތައްޔާރުވިއެވެ. ނަމަވެސް ފެންވަރާ ތައްޔާރުވެލައިގެން ނުކުތްއިރު އެކަކުވެސް ގޭގައި ނެތުމުން އެކަނި ބޭރަށް ނުކުންނަން ފަސްޖެހުނީއެވެ. ސުނޯހައުސްއަށް އެކަނި ގޮސް ވަންނަން ނުކެރޭނެތީ ގޭގައި އިންދައި ޞަފިއްޔާ އައިސް ވަނީ ރޮމުންނެވެ. ވީ ގޮތެއް ދީޕިކާއަކަށް ނޭނގެއެވެ. މަރުޖީނާ ވެސް ޞަފިއްޔާ ފަހަތުން އައިސް ގެޔަށް ވަން ގޮތަށް އެ އިންނަނީ އަނގައިން ބަހެއް ބޭރު ނުކޮށެވެ. އަނެއްކާ ނިހާ ނޫނީ އިންޝާއަށް ދެރަކަމެއް ދިމާވީބާއޭ ދީޕިކާގެ ހިތަށް އެރިއެވެ. އެންމެފަހުން ދީޕިކާއަށް ނީދެވިގެން މަރުޖީނާ ގައިގާ ކޮށްޓާލައިފައި ވީ ގޮތެއް އޮޅުންފިލުވުމަށް އަތުގެ އިޝާރާތުން "ކިހިނެއްވީތޯ" އަހާލިއެވެ. މަރުޖީނާ އަތުން އިޝާރާތްކޮށްލީ ހިމޭނުން އިނުމަށެވެ. ނަމަވެސް ދީޕިކާ އަނެއްކާ ވެސް އަހައިފިއެވެ. މަރުޖީނާ ތެދުވެ ދީޕިކާ އަތުގައި ހިފައިގެން އެތަނުން ދުރަށް ގެންދިޔައެވެ.

"ސާބަހޭ ދީޕިކާއަށް" މަރުޖީނާ ޞަފިއްޔާއަށް ބަލަމުން ވާހަކަ ދައްކަންފެށީ ވައި އަޑުން ނިކަން ސިއްރު ސިއްރުންނެވެ. "އޭނަ ހަމަޔަކަށް އެޅެންދެންވެސް މައިތިރިވެގެން ނީނދެވުނުދޯ؟"

"ކިހިނެއް ވަނީ؟ ނިހާ ކޮއްކޮ ކަމެއް ވަނީ؟ އިންޝާކޮ ކޮންތާ ހުންނަނީ؟" ދީޕިކާ ވައި އަޑުން ސުވާލުކޮށްލިއެވެ.

"ހޫމްމމމ.. ސަހަރޯ. ތީވާ ވާހަކައެއް. ކީއްތަނުވަނީ؟" މަރުޖީނާ ވާހަކަ ދެއްކީ އަދި އެޔަށްވުރެ މަޑުންނެވެ. "އިލްހާމްގެ އަންހެންދަރި އެއް ހުރެޔޯ. އެ ގޭގައި އެ އުޅެނީނު ޖިންނިއެއް. އޭތި އައިސްގެން އެ އުޅެނީ އިލްހާމްގެ އަންހެންދަރި ހޯދަންވެގެން. އެނގޭތަ އެ އަންހެންދަރިޔަކީ ކާކުކަން؟ އެކަމު ބުނަން މީ މަށަށްވެސް ހިވާއެއްޗެއް އިނގޭ. އަސްލު ހަޤީޤަތެއް މަށަކަށް ވެސް ނޭނގެ. މަށަށް ހީވަނީ އެގޭގަ އެ އުޅެނީ ނު މި ޞަފިއްޔާގެ ދައްތަގެ ދަރިއެއް ނިހާ. އެއީ އިލްހާމްގެ އެބުނާ ދަރިހެން. އެހެންވެ ޖިންނި އައިސް އެއުޅެނީ ނިހާ ބަލާ. އަނެއްކޮޅުން އިންޝާ އިނީ އެ ޖިންނީގެ ދަރިއަކަށް ބަލިވެ. މިހުރިހާ ދުވަހު އެ ޖިންނި ހުރީ ހައްޔަރުކޮށްފައި."

މަރުޖީނާގެ ވާހަކަ އެ ހިސާބަށް ދިޔައިރު ދީޕިކާގެ މޫނު މައްޗަށް އައި ބަދަލު ފެނުމުން، އޭނާ އެ ދައްކަމުންދާ ވާހަކަ ދީޕިކާއަށް އެއްކޮށް ފަހުމުވާކަމާމެދު ޝައްކު އުފެދުނެވެ.

"މި ކިޔާ އެއްޗެއް ނޭނގުނު ދޯ؟ ސާބަހޭ. މި ބުނީ އެ ޖިންނި ހުރީ ބަންދުކޮށްފައޭ. ކަލޭ ތި އުޅޭ ގޭގަ. އިލްހާމަށް އަންހެންދަރި ލިބުނީމާ އޭތި ސަލާމަތްވެގެން އެއައީ ދަރި ބަލާ. ދެން އެ ޖިންނި މަރާލިޔަސް ޖިންނި އާއިލާ ހުންނަނީނު. އެ މީހުން އައިސް އެ ކުއްޖާ ގެންދަނީ. އެކުއްޖާއަށް ގޯނާ ފަށެއްކޮށްލާނެ. މަށަށް ވެސް އެ ވާހަކަތައް އިވުނީމަ ބިރުން ކިރިޔާ ހެޔަށް ގޮތް ނުވީ. ޤަބޫލުކުރަން ވެސް އުނދަގޫވި. އަދި ޞަފިއްޔާއަށް ވާނެ ވަރު ވިސްނާލާ."

މަރުޖީނާގެ ވާހަކަތައް އިވިފައި ދީޕިކާ ބިރުން ގޮސް ތުރުތުރު އަޅައިގަތްއިރު ދެލޯހުރީ މުދުނުގައެވެ. މުޅި މީހާ ހާސްކޮށްލައި ދާހިއްލުވާލިލެއް އަވަސްކަމުން މޫނުގައި ޖަހާފައިހުރި ހުދުފުއްތައް ވެސް ދިޔާވެގެން ފައިބަން ފެށިއެވެ. ޖިންނި އަންދާލުމުން އޭތީގެ އާއިލާ މީހުން އަތުވެއްޖެނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟

"އަހަރެން އިންޑިޔާ ދަނީ. އަހަރެން މިތާ ނުހުންނަނީ. އަވަސްދާން ބޭނުން." ދީޕިކާ ހާސްކަންމަތީ ހާސަރު ދަމަންފެށިއިރު އޭނާއަށް ސިފަވަމުން ދިޔައީ ކުރީރެޔަކު ސުނޯހައުސް ތެރެއިން އޭނާއަށް ފެނުނު ރަތްކުލައިގެ ދެލޮލެވެ.

"ހޫންނނނ.. އަދި ބޮޑު ފިނޑިއެއް ކައިރީދޯ މި ވާހަކަ މި ދެއްކުނީ." ދީޕިކާ ބިރުން ތެޅިފޮޅެން ފެށުމުން މަރުޖީނާ ބޮލަށް އުނދަގޫވިއެވެ. މަރުޖީނާ މޫނު ކުނިކޮށްލަމުން ދީޕިކާ ހަމަޔަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ.

******

އިރުއޮއްސި އަނދިރިކަން ފެތުރިފައިވުމުން އެމީހުން ގަސްތަކު ތެރެއަށް ވަނީ ޓޯޗުތައް ހިފައިގެންނެވެ. އިބްރާހީމްބެ ކޮނޑުގައި ދަބަސް އަޅުވައިގެން ހުރެ ޓޯޗުން އަލިކުރަމުން ކުރިޔަށް ދިޔައިރު ފައިރޫޒާއި ނިކާލް ހުރީ އޭނާ ފަހަތުގައެވެ. ކޮންމެ މީހެއްގެ އަތުގައި ޓޯޗެއް އޮތްއިރު ނިކާލްގެ އަތުގައި ފަކީރާއެއް ވެސް އޮތެވެ. އިބްރާހީމްބެ ބޮޑު ބޯގަންވިލާ ގަހާ އަރާހަމަވުމާއެކު މަޑުކޮށްލިއެވެ. ތިރީސް އަހަރަށް ވުރެން ގިނަ ދުވަސް ވެފައިވާ އެގަހުގެ ބުޑަށް އަލިކޮށްލިއެވެ. އަދި ގަހުގެ ބުޑުން ކަނާތް ފަރާތަށް ފޫޓެއްހާތަން ދޫކޮށް ޓޯޗުގެ އަލި އެދިމާއަށް ބަދަލުކޮށްލިއެވެ.

"ކޮންނަންވީ މި ހިސާބު." އިބްރާހީމްބެ ބުންޏެވެ. އެއީ އިބްރީސް ކަސްތޮޅު އެޅުވިފައި ހުރިތަންކަމަށް އިބްރާހީމްބެއަށް ޒިބުނާތުގެ ފަރާތުން މައުލޫމާތު ލިބުނު ހިސާބެވެ.

ނިކާލް އަތުގައި އޮތް ޓޯޗު ފައިރޫޒް އަތަށް ދިއްކޮށްލަމުން އޭނާ ލައިގެން ހުރި ގަމީހުގެ އަތުކުރި އޮޅާލިއެވެ. އަދި ޖިންސްގެ ފައިކުރި ތަނބިކަށްޓާ ހަމައަށް އަރުވާލައި، އަރައިގެން ހުރި ފައިވާން އެއް ފަރާތެއްގައި ބެހެއްޓިއެވެ. ނިކާލް އަތަށް ފަކީރާ ހެޔޮވަރުކޮށްލިއިރު ކޮންނަން ޖެހޭ ހިސާބު ފާހަގަވާނޭ ފަދައިން ފައިރޫޒްއާ އިބްރާހިމްބެ އެ ދިމާއަށް އަލިކޮށްގެން ތިއްބެވެ. ނިކާލް ފަރިތަކަމާއެކު ފަކީރާ ފަސްގަނޑު ތެރެއަށް ޖަހަމުން ފަސްތައް ނަގާ އެއްފަރާތަކަށް އުކަމުން ދިޔައެވެ. އޭނާގެ ގައިން ލޮނު ދާހިއްލުވާލައި ނިތްކުރިމަތިން ދާތައް ފާޅުވިއިރު އެ ހިސާބުގައި ހުރީ ބޮޑު ވަޅުގަނޑެއް ކޮނެވިފައެވެ. ގާތްގަނޑަކަށް ދެ ފޫޓު ފުނަށް ކޮނެވުނުއިރުވެސް އިބްރާހީމްބެ އިރުޝާދު ދެމުން ދިޔައީ ހުއްޓާނުލާ ކޮނުން ކުރިޔަށް ގެންދިޔުމަށެވެ. ކުއްލިޔަކަށް ފަސްގަނޑު ތެރެއިން ފަކީރާގައި އެއްޗެއް ޖެހުނު އަޑު އިވުމާއެކު، ނިކާލް ފަސް އެނބުރި އިބްރާހިމްބެއަށް ބަލާލިއެވެ. އެ ހިސާބުން އިބްރާހިމްބެ އިރުޝާދު ދިނީ ބަލައިގެން ކޮނުމަށެވެ. އޭނާ ހޯދަން އެއުޅޭ އެއްޗަކަށް ގެއްލުންވެދާނެ ކަމުގެ ބިރަށެވެ. ނިކާލް ދެބުރަކު ފަކީރާއިން ފަސް ނެގުމަށްފަހު ވަޅުތެރެއަށް ފޭބިއެވެ. އޭނާގެ ދެ އަތުން ފަސްތައް އެއްފަރާތް ކުރަމުން ކޮންނަމުން ދަނިކޮށް ފުޅިއެއް ފެނުނެވެ. އެއީ ނިކާލްގެ އަތްތިލައާ އެއްވަރުގެ ބިއްލޫރި ފުޅިއެކެވެ. ވެލިން ތަތްތެޅިފައި އޮތް ފުޅި ނަގާ ނިކާލްގެ އަތުން ވެލިތައް ފޮހެލިއިރު ފުޅީގެ މެދުންވަނީ ރެނދެއްލާފައެވެ. ފުޅީގެ އެތެރެ ވަށައިގެން ހުރީ ކަޅުކުލައިގައި ކަމުން އެތެރެ ފެންނަ ގޮތެއް ނުވެއެވެ. އެ ފުޅި އިބްރާހީމްބެ އަތަށް ނިކާލް ދިއްކޮށްލިއެވެ.

"އިބްރީސް ހައްޔަރު ކުރެވިފައި ހުރީ މި ފުޅިތެރޭގައި." އިބްރާހީމްބެ ބުންޏެވެ. "އިބްރީސް މިންޖުވީ ފެންނަން މިހިރަ ހަނި ރެނދު ދޭތެރެއިން."

ނިކާލް ވަޅުގަނޑު ތެރެއިން އަރައި އިބްރާހީމްބެ ދެން ކަންތައްކުރާނެ ގޮތެއްގެ އިންތިޒާރުގައި ހުރިއިރު ތަފާތު އެކި ހިޔާލުތަކުން އޭނާގެ ސިކުނޑި ހާސްކުރަމުން ދިޔައެވެ. އިބްރާހީމްބެއަށް އެތަނުގައި އެ ފުޅި އޮންނާނެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އިބްރީސް ހައްޔަރު ކުރެވިފައިވާ ތަނާއި އަންދާލެވޭނެ ގޮތްވެސް އިބްރާހީމްބެއަށް އެނގެއެވެ. އިބްރީސްއާ ބެހޭގޮތުން އެ ހުރިހާ މަޢުލޫމާތެއް އެނގޭއިރު ބައްޕަގެ އަންހެންދަރިޔަކު ހުންނަކަން ވެސް އިބްރާހީމްބެއަށް އެނގިދާނެއެވެ. ބައްޕަގެ އަންހެންދަރިޔަކު އުފަންނުވާނަމަ އިބްރީސްއަށް ސަލާމަތް ނުވެވޭނެކަމަށް ބުނެ އިބްރާހީމްބެ ދޮގު ހަދާފާނެބާއެވެ؟ ނިކާލްގެ ހިތުގައި އުފެދެމުން ދިޔަ ޝައްކު ބޮޑުވެ، އިބްރާހީމްބެ ކުރިން ދެއްކި ވާހަކައަކީ ތެދު ވާހަކަތަކެއްހެން ހީވާން ފެށުމާއެކު ދެއަތަށް ބޯ ހޫރުވާލެވުނެވެ. ބައްޕައަށް ޝައްކު ނުކުރުމަށް އެ ހިތަށް ވިސްނައިދޭން އޭނާ މަސައްކަތްކުރިއެވެ.

އިބްރާހީމްބެ ދަބަސް ހުޅުވާލައިފައި އެ ފުޅި ދަބަހަށްލުމަށްފަހު ދަބަހުން ޕެޓްރޯލް ފުޅިއެއް ނެގިއެވެ. އެހިސާބުގައި ހުރި ފަތްތައް ވަޅުގަނޑުތެރެއަށް އަޅާލުމަށްފަހު ފަތްތަކު މައްޗަށާ ވަޅުގަނޑުގެ އަރިއަރި މައްޗަށް ޕެޓްރޯލް ބުރުވާލިއެވެ. އެއަށް ފަހު ގަމީހުގެ ޖީބުން އަލިފާން ފޮށްޓެއް ނަގާ އަލިފާން ދަނޑިއެއް ރޯކޮށް ވަޅުގަނޑު ތެރެއަށް އެއްލުމާއެކު ވަޅުގަނޑުގައި ރޯވެގެން ދިޔައެވެ. އެޔާއެކު އިވިގެންދިޔަ ބާރު ތޫލި އަޑުގެ ސަބަބުން އެންމެން ސިހިގެން ދިޔުމާއެކު އެމީހުންނަށް ކަންފަތްމަތީ އަތް އަޅައި ބާރުކޮށްލެވުނެވެ. ނިކާލް ކަންފަތް މަތިން އަތް ނެގިއިރު ކަންފަތް ހުރީ ރަނގަޅަށް ވެސް ބައްވެފައެވެ. އެހާ ބިރުވެރި ބާރު އަޑެއް އޭނާއަށް ދުވަހަކު ވެސް އިވިފައެއް ނުވެއެވެ. އެއަޑު އިވުނީ ގެޔާ ދިމާއިންނެވެ. އެއީ ކޮން އަޑެއް ހެއްޔެވެ؟

"ނިހާ" ފައިރޫޒް މަޑުމަޑުން ބުނި އަޑުއިވުނެވެ.

ނިކާލް ފައިރޫޒަށް ބަލާލުމަށްފަހު ދެވަނަ ސިކުންތުގައި ދެފަޔަށް ލެވުނުހާ ބާރެއްލާފައި ގަސްތަކުތެރެއިން ނުކުމެ ގެޔާ ދިމާއަށް ދުއްވައިގަތެވެ. ފަހަތުން ފައިރޫޒް ދުވެފައި ދިޔައިރު އިބްރާހީމްބެ ހިނގާލައިފައި ގެޔާ ދިމާއަށް ދިޔައެވެ.

ނިކާލް ގޭތެރެއަށް ވަންއިރު ނިހާ ތަށިމުށިގަނޑު މަތީ އޮވެގެން ރޯމަހެއް ތެޅޭހެން ތެޅެނީއެވެ. ނިހާގެ އަނގައިން ވޭނީ އާޙްގެ އަޑު ނުކުންނަމުން ދިޔައިރު އިންޝާ އޯކަށް ދަމަމުން ކަޅުކުލައިގެ އޮލަ ދަވަހެން ހުރި ހޮޑު އަނގައިން ބޭރުކުރަމުން ދިޔައެވެ. ކަޅު ތެޔޮ ގަނޑެންހެން ހުރި ދަވަތައް ހޮޑަށް ބޭރުކުރަމުން ގޮސް އިންޝާ އަވަދިވެ ހުރި ތަނަން ދެމުނުގޮތަށް ހަރަކާތް ހުއްޓުނެވެ. އިލްހާމް ހުރީ ނަޒީލް ބުރުތެރެއިން ނުކުމެދާނެކަމަށް ސަމާލުވެ އެ ބުރު ކައިރީ ފާރައަށެވެ. އޭރުވެސް ނިހާ އޭނާގެ މުޅި ހަށިގަނޑުގައި އަތް ކާއްތަމުން މަޑުމަޑުން ތެޅެމުން ދިޔައެވެ. ނިކާލް ކުރިޔަށް އެޅި ފިޔަވަޅާއެކު ޞައްތާރު އޭނާގެ ގައިގާ ހިފެހެއްޓިއެވެ.

"ރޭގައި ކުރިކަހަލަ މޮޔަކަމެއް ނުކުރާތި." ޞައްތާރު އެހެން ބުނީ ފައިރޫޒާ ދިމާއަށް ވެސް ބަލާލަމުންނެވެ.

*******

ސުނޯހައުސްއާ ދިމާއިން އިވުނު ބިރުވެރި އަޑު ޞަފިއްޔާއަށް ވެސް އިވުނެވެ. އެހެންކަމުން އެ އަޑުގެ ހަޤީޤަތެއް ބެލުމަށް އޭނާ މަގުމައްޗަށް ނުކުތްއިރު ފަހަތުން މަރުޖީނާއާއި ދީޕިކާވެސް ނުކުތެވެ. އޭރު ސުނޯހައުސް ކައިރިއަށް މީހުންތައް ޖަމާވެފައި އޮތެވެ. އެމީހުން ސިއްރުން ވާހަކަތަކެއް ދައްކަމުން ދިޔައެވެ. ޞަފިއްޔާ ހިތުގައި އުފެދިގެން ދިޔަ ބިރުވެރިކަމާއެކު މުޅިމީހާ ހާސްކޮށްލިއެވެ. އޭނާގެ ދަރިންނަށް ކަމެއްވީބާއެވެ؟ ޞަފިއްޔާ ބާރަށް ހިނގާލައިފައި ގޮސް ސުނޯހައުސްއަށް ވަނީ މަރުޖީނާ ނުވަނުމަށް ގޮވަގޮވާ ހުއްޓައެވެ.

އިންޝާގެ ހޭވެރިކަމެއްނެތެވެ. އިބްރާހީމްބެ ބުރުތެރެއަށްވަދެ އިންޝާ ރަނގަޅަށް ބެލުމަށްފަހު އެންގީ އޭނާ ވީހާ ވެސް އަވަހަކަށް ހޮސްޕިޓަލަށް ގެންދިޔުމަށެވެ. އިންޝާއަށް ނޭވާވެސްލެވެނީ ވަރަށް ކުޑަކޮށްކަމުން، ޖިންނި އަންދާލައި ވަގުތު އޭނާގެ ފުރާނައަށް ނުރައްކާވެދާނެހެން ހީވާކަމަށް އިބްރާހީމްބެ ބުނެލިއެވެ. ނަޒީލަށް ބުރުތެރެއިން ނުކުތުގެ ހުއްދަ ނުލިބުމުން އިންޝާ ހޮސްޕިޓަލަށް ގެންދިޔުމާ ޙަވާލުވީ ފައިރޫޒާއި ޞައްތާރެވެ. އެމީހުން އިންޝާ އުފުއްލާލައިގެން ނުކުންނައިރު ޞަފިއްޔާ ގޭތެރެއަށް ވަންނަނީއެވެ.

"މަގޭ ދަރި. ކިހިނެއްވީ؟" ޞަފިއްޔާއަށް އިންޝާ ފެނުމާއެކު ރޮއެގަނެވުނެވެ. އަވަހަށް ދުވެފައި ގޮސް ފައިރޫޒް ހުއްޓުވައި އިންޝާގެ މޫނުމަތީ ދެފަރާތުން ހިފަހައްޓައިލިއެވެ.

"ޞަފިއްޔާ." އިލްހާމަށް ޞަފިއްޔާ ފެނުމާއެކު އެދިމާއަށް ބާރަށް ދިޔައެވެ. "ގެޔަށް ނުވަންނާށޭ ބުނީމަވެސް. ނުކުމޭ މިތަނުން. ދޭ. ދޭ. ހަމަ މިހާރު ދޭ."

ޞަފިއްޔާ ކަރުނަތައް ފޮހެލަމުން ނިހާއަށް ބަލާލުމަށްފަހު ޞައްތާރުމެން ފަހަތުން ހިނގައިގަތެވެ. އިބްރާހީމްބެ ދަބަހުން ފުޅި ނަގާފައި ތިރީގައި ބެހެއްޓުމާއެކު ނިހާ ބޯ އަރިކޮށްލާފައި އެ ފުޅިއަށް ބަލައިލިއެވެ. އިބްރާހީމްބެ އުޑުފައިން އިށީނުމަށްފަހު އެ ފުޅީގެ މަތި ނަގައި އެތެރެ ބަލައިލިއެވެ. އޭނާގެ ދެއިނގިލި ކުރި ފުޅި ތެރެއަށް ކޮށްޕައިލުމަށްފަހު، އެތެރޭގައި ހުރި އިސްތަށިތަކެއް ދެ އިނގިލިކުރިން ނެގިއެވެ. އެ އިސްތަށިތައް ހުރީ އެއް ބޮނޑިއަކަށް ތަތްވެ ހިކިފައެވެ.

"މީ ކަލޭގެ އަމާ ބޮލުގެ އިސްތަށި." އިބްރާހީމްބެ ބުންޏެވެ. "މަ ނުޖެހޭނެ މާ ބޮޑުކަމެއް ކުރާކަށް. ހަމަ އެންމެ ސިކުންތަކުން ވެސް ކަލޭގެ ދުވަސް ދުއްވާލެވިދާނެ. އެހެންވީމަ އަދި އެއް ފުރުޞަތު ކަލެޔަށް މަ ދޭނަން. ކޮން ގޮތެއް ބޭނުމީ.."

އިބްރާހީމްބެ މަސައްކަތްކުރީ އިބްރީސްއަށް ބިރު ދައްކާ ވިސްނައިދީގެން އިސްލާމުކުރުމަށްފަހު އިލްހާމްގެ އާއިލާއާ ދުރަށް ފައްސާލާށެވެ. އޭރުން އިލްހާމްގެ އަންހެންދަރިފުޅަށް ވެސް ލިބޭނެ އިތުރު ގެއްލުމެއް ނޯންނާނެއެވެ.

"އިސްލާމެއް ނުވާނަން." ނިހާ ބަލިބަލި އަޑަކުން ބުނެލިއެވެ.

"އިސްލާމު ވެއްޖެނަމަ، ކަލޭ މި ގޯތި ހަތަރުފާރުން ބޭރުވެވޭނެ ގޮތް ވެސް ހަދައިދޭނަން" އިބްރާހީމްބެ އިތުރު ހުށަހެޅުމެއް ހުށަހެޅިއެވެ.

ނިހާ ބޯ އެއްފަރާތަކަށް އަރިކޮށްލަމުން އިބްރާހީމްބެއަށް ބަލާލިއެވެ. އަދި ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ.

"ކަލޭގެ އެހީއެއް އެކަމަކަށް ބޭނުމެއްނުވޭ. މަ މިގެއިން ވެސް ސަލާމަތްވާނެ." ނިހާ ކެއްސާލިއެވެ. "ވަގުތު ޖެހުނީމަ."

"އަންދާލަންޏާ ލަސްނުކޮށް އަންދާލައި. މަ ނިމިގެން ދިޔަސް އިސްލާމެއް ނުވާނަން. ނިހާވެސް ދުލެއް ނުކުރާނަން. މަރުވަންޏާ މަރުވާނީ ނިހާއާވެސް އެކުގައި." ނިހާ ވަރަށް މަޑުމަޑުން ހީނލީ މަލާމާތުގެ ރާގެއްގައެވެ.

ނިކާލަށް ނޭވާ ހިފަހައްޓާލަމުން ގާތުގައި ހުރި އިލްހާމްގެ އަތުގައި ބާރަށް ހިފައިލެވުނެވެ. ނިހާގެ ފުރާނައަށް އެކަމުން ނުރައްކަލެއް ވެދާނެބާއޭ ނިކާލްގެ ހިތަށް އެރިއެވެ. އިލްހާމް މޫނު ކުނިކޮށްލަމުން ނިކާލަށް ބަލާލީ ލޮލުގެ ހިމަކޮޅުންނެވެ. އެ އަންހެނާދެކެ ނިކާލް ވެގެން މިއުޅެނީ ހާދަހާ ވަރުގަދަ ލޯތްބެކެވެ. މި ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަން އެނގޭނަމަ އަދި ކިހާވަރެއްވާނެ ބާއެވެ. ދޮންހިޔަލައާއި އަލިފުޅަށްވުރެން ވެސް މި ދެމީހުންގެ ކަންތައް ބޮޑުވާނެކަން ޔަޤީނެވެ. އިބްރީސްގެ ކިބައިން ނިހާ ސަލާމަތްނުވެ މަރުވެއްޖެއާ ކިތަންމެހާ ވެސް ރަނގަޅެވެ.

އިބްރީސްއާ އިތުރު ސުވާލުތަކެއް ކޮށްގެން ވަގުތުތަކެއް ބޭކާރުކުރާކަށް އިބްރާހީމްބެ ބޭނުމެއްނޫނެވެ. މިހާރުވެސް އިބްރީސްއަށް ދޭންޖެހޭ ވަގުތަށްވުރެ ގިނަ ވަގުތު ދެވިއްޖެއެވެ. އޭނާ އިބްރީސް އަންދާލުމަށްވާންޖެހޭ ތައްޔާރީތައްވާން ފެށިއެވެ. އިބްރާހީމްބެ ދަބަހުން ކަރުދާސް ގަނޑެއް ނެގުމަށްފަހު އޭގައި އެއްޗެހިތަކެއް ކުރަހާފައި އަރަބިބަހުން އަކުރުތަކެއް އަޅާލިއެވެ.

"މިގަނޑަށް އިލްހާމްގެ އިނގިލިކުރިން ލޭ ތިއްކެއް ޖަހާ. އެންމެ ތިއްކެއްވެސް ރަނގަޅުވާނެ" އިބްރާހީމް އެ ކަރުދާސްގަނޑު ދިއްކޮށްލަމުން ބުންޏެވެ.

އިލްހާމް އޭގައި ހިފަންނުހިފަން ހުރެފައި ހިފިއެވެ. އިބްރާހީމްބެ ބުނި ގޮތަށް ކަންތައްކުރުމުގެ ކުރިން އޭނާގެ ލޭ ބޭނުންވާ ސަބަބު ބުނޭތޯ ހުއްޓިލައިގެން ހުއްޓެވެ. އޭނާގެ ލޭ ބޭނުންކޮށްގެން އޭނާއަށް ގެއްލުމެއްދޭން އިބްރާހީމްބެ ރާވަނީބާއެވެ؟

"އިބްރީސް ހައްޔަރުކުރަން ބޭނުންކުރީ ކަލޭގެ ލެޔާއި އިބްރީސްގެ މަންމަގެ އިސްތަށި. އިންސާނާގެ ހަށިގަނޑުން ވަކިކުރާ އިސްތަށީގައި ކިތަންމެ ދުވަހެއްވަންދެން ބާރު ހުއްޓަސް ލޭ އެޔާ ތަފާތުވާނެ. އެހެންވެ ސިހުރުހެދުމަށް ވެސް އިސްތަށި ބޭނުންކުރަނީ. މިހާރު މި ފުޅީގައި ހުރި ކަލޭގެ ލޭގައި އެއްވެސް ބާރެއް ނެތް."

އިބްރާހީމްބެ ބުނީ ތެދެކެވެ. މަންމަ ދުނިޔޭގައި އެ ފުޅިއަށް އިލްހާމްގެ އިނގިލި ކަނޑާލައިގެން ލޭ އެޅުވިއެވެ. އެއީ އިބްރީސްގެ ކިބައިން މަންމަ މިންޖުކޮށް ދިނުމަށް މަންމަގެ އެދުމަކަށް އިލްހާމް ކުރިކަމެކެވެ. އިލްހާމްގެ ހިތުގައި އުފެދުނު ޝައްކުފިލައިގެން ދިޔުމުން އިބްރާހީމްބެ ބުނި ގޮތަށް ކަންތައްކޮށް ނިންމާލިއެވެ. އިބްރާހީމްބެ އެ ކަރުދާސް ކޮޅު ފައްޖަހާލުމަށްފަހު ފުޅިތެރެއަށް ކޮއްޕާލަމުން ނިހާއަށް ބަލައިލިއެވެ. ނިހާގެ މޫނުމަތިން ވަރުބަލިކަމުގެ އަސަރުތައް ފެންނަމުން ދިޔައިރު ވެސް އެ ތުންފަތްމަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ.

"ކަލޭ ތިކަންކުރަން ތިއުޅެނީ ނިހާއަށް ވާނެ ގެއްލުމަކަށް ވިސްނާފަތަ؟" އިބްރާހީމްބެގެ ހިޔާލު ބަދަލުކޮށްލެވޭތޯ ނިހާ އުޅުނެވެ. "އެނގޭދޯ މަ ނިހާގެ ހަށިގަނޑަކުން ނުނިކުންނާނެކަން. އެހެންވީމަ މަ ހަލާކުކުރަން ތިކުރާކަމެއްގެ އަސަރު ނިހާއަށްވެސްކުރާނެ. މަށާއެކު ނިހާވެސް ނިމިގެންދާނެ. ނިކާލް ކަލޭ ނިހާދެކެ ވަނީ ހަޤީޤީ ލޯތްބެއްނޫން. ހަޤީޤީލޯބިވާނަމަ މީނދަ ފާދިރީ ކަލޭގެ ކުރަން އެ އުޅޭކަންތައް ހުއްޓުވާނެ."

ނިކާލް ކުރިޔަށް ފިޔަވަޅެއް އަޅާލުމާއެކު އިބްރާހީމްބެގެ އަތުގެ އިޝާރާތުން މަޑުކުރުމަށް އެދުނެވެ.

"އޭނަ ދައްކާ ވާހަކަތައް އަޑުއަހައިގެން މޮޔަކަމެއް ނުކުރާތި. ނިހާއަށް ގެއްލުމެއްވާނެ ގޮތަކަށް އެއްކަމެއް ވެސް މަށެއް ނުކުރާނަން." އިބްރާހީމްބެ ޔަޤީންކަމާއެކު ބުނެލިއެވެ.

އިބްރާހީމްބެ މިރޭ ފަންޑިތަ ހަދަން އައިސް ހުރީ އިބްރީސް ހީކުރާވަރަށްވުރެ ގިނަ މަޢުލޫމާތު އެއްކޮށްގެންނެވެ. ކުރިޔާލައި ކަންކުރަންވީގޮތް ރާވައި ނިންމައިގެން ހުރުމުން އޭނާއަށް ލިބިފައިވަނީ ވަރަށް ބޮޑު ޔަޤީންކަމެކެވެ. ނިހާގެ ހަށިގަނޑުގައި އިބްރީސް ވަކި ހިއްޕާލައިގެން އޮތް ނަމަވެސް އިބްރީސް އެ ހަށިގަނޑު ތެރެއިން ނެރެލާނެ މޮޅު ފަންޑިތައެއް އިބްރާހީމްބެއަށް އެނގެއެވެ. އޭނާ ކަތުރެއް ހިފައިގެން ބުރުތެރެއަށް ވަދެ ނިހާގެ ބޮލުން އިސްތަށިކޮޅެއް ބުރިކޮށްލިއެވެ. އެޔަށްފަހު ބުރުން ބޭރަށް ނުކުމެ ނިހާގެ ބޮލުން ވަކިކުރެވުނު އިސްތަށިކޮޅާއި އިބްރީސްގެ މަންމަގެ އިސްތަށިތަކުން އެތިކޮޅެއް ގޮށްޖަހާލުމަށްފަހު ކަރުދާސް ގަނޑަކަށްލައި ފަށްފަށަށް ފަށްޖަހާލިއެވެ. އެ ކަރުދާސްގަނޑު ތުންފަތާ ކައިރިކޮށް ސިއްރުން ކިޔެވެލިތަކެއް ކިޔެވުމަށްފަހު ކަރުދާސް ގަނޑުގައި ރޯކޮށްލިއެވެ.

ކުއްލިއަކަށް ނިހާގެ ގަޔަށް ބާރުގަނޑެއް އެރުމާއެކު އިދިފުށަށް ދަމައިގަތެވެ. އަތާއި ފައި ކުރުގެޅިގެން ގޮސް އަތުގެ އިނގިލިތައް ކުރިޔަށް ލެނބިގެން ދިޔައެވެ. އަނގަ އޮރިޔަށް ދަމައިގަނެ މުޅި މީހާ އެނބުރެންފެށިއެވެ. ބުމަރެއްހެން އެނބުރެމުން ދިޔަވަރަކަށް އަނގަތެރެއިން ކަޅުކުލައިގެ އޮލަ ދުންތައް ނުކުމެ ނިހާ ނުފެންނަ ވަރަށް ކަޅު ދުންތައް އެތަނަށް ގިނަވެ ބޯވެގެން ދިޔައެވެ. އެ ދުންތަކުގެ ތެރެއިން އިބްރީސްގެ މޫނު ފާޅުވިތަން އެތަނުގައި ތިބި އެންމެނަށް ފެނުނެވެ. އިބްރާހީމްބެ ނޫން އެހެން އެންމެންގެ ހިތް ތެޅިލީ ބިރުވެރި ގޮތަކަށެވެ. އިބްރީސްގެ ހުނުމުގެ އަޑު ދުންގަނޑުގެ ތެރެއިން އިވިގެންދިޔައެވެ.

"މަ އަންދާލިޔަސް ކަލޭމެންގެ ކިބައިން ބަދަލުހިފަން މުޅި އާއިލާ އަންނާނެ." އިބްރީސް އެހެން ބުނީ އިބްރާހީމްބެ ކުރަން އުޅޭ ކަންތައް ހުއްޓުވުގެ ބޭނުމުގައެވެ. އެކަން އިބްރާހީމްބެއަށް އެނގެއެވެ.

"ބޭކާރު ވާހަކަ ނުދައްކާ. ތި ދޭ އިންޒާރުން މި ކަންތައް ހުއްޓާނެހެން ހީވަންޏާ އެއީ ކަލޭގެ މޮޔަކަން." އިބްރާހީމްބެ ބާރަށް ބުންޏެވެ.

އިބްރާހީމްބެ ކުރިން ފުޅި ތެރެއަށް ލީ ގަނޑުކޮޅު ނެގުމަށްފަހު އޭގައި ރޯކޮށްލަމުން ފުޅި ތެރެއަށް ވައްޓާލިއެވެ. އެޔާއެކު އިބްރީސް ހޭރިގަތް އަޑުއިވުނެވެ. ދުންގަނޑުގެ ތެރެއިން ފާޅުވެފައިހުރި އިބްރީސްގެ މޫނު މަޑުމަޑުން ފަނޑުވަމުން ގޮސް ޣައިބުވިއެވެ. ރުއިމާއި ހަޅޭކުގެ އަޑު ކެނޑިނޭޅި އިވެމުން ދިޔައިރު ދުންތައް އެކިއެކި ސިފަސިފައަށް ބަދަލުވަމުން ދިޔައެވެ. ބައެއް ފަހަރު އިންސާނެއްގެ ސިފައަށެވެ. އަނެއްބައިފަހަރު ވަށް ބޯޅައަކަށް ބަދަލުވެ މުޅި ހިސާބަށް ފެތުރިގަނެއެވެ. ކުއްލިއަކަށް އެ އޮލަ ދުންތަކު ތެރެއިން ހުޅުގަނޑެއް ރޯވެ އަނދަންފެށުމާއިއެކު ރުއިމުގެ އަޑު ގަދަވެގެން ދިޔައެވެ. އެއަލިފާން ގަނޑު ނިވުނުއިރު ހުރިހާ ދުމެއްވެސް ފަޒާގެ ތެރެއަށް އޮބިގެން ގޮސްފިއެވެ.

ހަމައެވަގުތެވެ. ހޮސްޕިޓަލުގެ އެމަޖެންސީގައި އެނދުމަތި ކުރެވިފައި އޮތް އިންޝާގެ ބަނޑު ފުއްޕާލީއެވެ. ހީވީ ކުއްލިއަކަށް ނުވަމަހުގެ މާބަނޑު އަންހެނަކަށް ބަދަލުވިހެންނެވެ. ކައިރީގައި ހުރި ނަރުސް ކުއްޖާގެ ދެލޯ ބޮޑުވެގެން ދިޔުމާއެކު ފަހަތަށް ޖެހިލެވުނެވެ. އޭނާއަށް މިފެންނަނީ ހުވަފެނެއް ހެއްޔެވެ؟ ދެ ފަހަރަކު އެސްފިޔަ ޖަހާލުމަށްފަހު ބަލާލުމުންވެސް ފެނުނީ ހަމަކުރިންވެސް ފެނުނު ގޮތަށެވެ. އެ މަންޒަރު އެހެން ނަރުހަކަށް ދައްކާލުމަށް އޭނާ ގޮވަންފެށީ ބިރުން ހުރެއެވެ. އިންޝާ ފުން ނޭވާތަކެއް ލާން ފެށުމާއެކު ގުޅާފައިހުރި މެޝިންތަކުގެ އަޑު ގަދަވެގެން ދިޔުމުން، އެނބުރި ބަލާލިއިރު އިންޝާ ދެލޯ ހުޅުވައިގެން އޭނާއާ ދިމާއަށް ބަލަން އޮތެވެ. ނަމަވެސް މިހާރު ބަނޑު އޮތީ ހިނދިފައެވެ. އޭނާ ހައިރާންވެ އަންތަރީސްވެ އިންޝާގެ ބަނޑަށް ބަލަން ހުރެވުނީ ގަބުކައިފައެވެ. ބާރު ހަޅޭކެއްގެ އަޑު ކަންފަތުގައި ޖެހުމާއެކު އޭނާ ސިހިފައި ބަލާލިއިރު އެހެން ނަރުހަކު އައިސް އިންޝާގެ އޮކްސިޖަން މާސްކު އަޅާދެނީއެވެ.

"މޮޔަވީތަ! ބަލަހައްޓައިގެން ތިހުންނަނީ ކީއްވެފަތަ؟ ޕޭޝަންޓް މަރުނުވީ ކިރިޔާނު." އެކުއްޖާ އެތިވަރު ގޮވަމުން އިންޝާގެ ހާލަތު ބަލަންފެށިއެވެ.

*****

ނަޒީލް ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުން ދިޔައީ ބުރުން ބޭރަށް ނުކުތުމުގެ ހުއްދަ ލިބޭނެ ވަގުތަކަށެވެ. އޭނާގެ ލޯބިވާ އަނބިމީހާ އޮތް ހާލެއް ނޭގޭތީ އެތަނުގައި ހުރެވެނީކީ ނޫނެވެ. އެންމެފަހުން އިބްރާހީމްބެގެ ހުއްދަ ލިބުމާއެކު ނަޒީލް ބާރަށް ދުވެލައިފައި ގެއިން ނުކުމެގެން ދިޔައީއެވެ.

ނިހާ އުފުއްލާލައިގެން ގެނެސް ސޯފާގައި ބާއްވާލަ ދިނީ ނިކާލެވެ. ނިހާގެ މޫނުމަތީގައި ފެންފޮދެއް ހާކާލުމާއެކު ދެލޯ ހުޅުވައިލީ ވަރުބަލި ގޮތަކަށެވެ. ނިކާލްގެ ސޫރަ ފެނުމާއެކު އޭނާއަށް ހިނިތުންވެވުނެވެ.

"އަލްހަމްދުﷲ." ނިކާލަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމަކާއި އުފަލެކެވެ. އެ ހިތްހަމަޖެހުމުން ދެލޯ ފެންކަޅިވެގެން ދިޔައެވެ.

"ނިކް." ނިހާގެ އަޑުގައި ވެސް ވަނީ ވަރުބަލިކަމެވެ.

ނިކާލް ވަރަށް ލޯބިން ނިހާގެ ބޮލުގައި ފިރުމާލިއެވެ. ނިހާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަތައް ނީރާލިއެވެ. ނިކާލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުން ތެދުވެ، އިބްރާހީމްބެއާ ސަލާންކޮށްލީ ހިތްހަމަޖެހިފައި ހުރެއެވެ. އަދި ޝުކުރު އަދާކުރިއެވެ. އިލްހާމްވެސް ކަންދެއްކުމުގެ ގޮތުން ހިނިތުންވެލާފައި އިބްރާހީމްބެއަށް ޝުކުރުއަދާކުރިއެވެ. އަދި އެ މަސައްކަތަށް އިބްރާހީމްބެ ބުނި އަގެއްގެ ދެ ގުނަ ދޭނެކަމަށް އިލްހާމް ބުނެލިއެވެ.

"ނޫނޭ. ހަމަ ކިޔާފަ އޮތް އަގު ދިނީމަ ރަނގަޅުވާނެ." އިލްހާމް "މާތް" ވާން އުޅޭވަރު ފެނިފައި އިބްރާހީމްބެ ގާތަށް ކުޑަކޮށް ހިނިއައެވެ. އޭނާގެ މަސައްކަތް ނިމުމުން ދަބަސް ހިފައިގެން ގެއިން ނުކުތުމަށް ހިނގައިގަނެފައި ހުއްޓުނީ އެއްޗެއް ހަނދާންވެގެންނެވެ.

"އަދި އެއް ވާހަކަ ބުނަންވެފަ އެބަ އޮތް." އިބްރާހީމްބެ އެނބުރި ބަލާލަމުން ބުންޏެވެ. "ނިހާ ފަހަތުން އިބްރީސް އަޅައިގަތް ސަބަބު. މި ވާހަކަ ކުރިން ނުބުނީ ހުރިހާ ކަމެއް ނިމުނީމަ ބުނަންވެގެން. ކުރިން ވެސް ބުނިހެން އިލްހާމަށް އަންހެން ކުއްޖަކު ލިބުނު ނަމަވެސް އިބްރީސްއަށް ބާރުތައް ލިބެމުން އައީ މަޑުމަޑުން. އެހެންވެ އެތައް އަހަރެއްވީ އިރުވެސް އިބްރީސް ސަލާމަތްނުވެ އޮތީ. އިބްރީސް މިހާ އަވަހަށް ސަލާމަތްވާން ޖެހުނު އަސްލު ސަބަބަކީ އޭއްޗަށް އިތުރު ބާރެއްވެސް ލިބުން. ނިހާ މި ގެޔަށް ބާރުގަދަ ތަވީދެއް ވެއްދުމުގެ ސަބަބުން އިބްރީސް އެ ތަވީދުގެ ހުރިހާ ބާރެއް ނަގައިގެން ސަލާމަތްވީ."

"ކޮން ތަވީދެއް؟ ކީއްކުރަން މި ގެޔަށް ގެނައި ތަވީދެއް؟" އިލްހާމް އަޑަށް ބާރުލާފައި އަހައިލީ ކުރިން ނިހާ ތަވީދެއްގެ ވާހަކަ ދެއްކި ހަނދާންވުމުންނެވެ. އޭރުވެސް އިލްހާމް ނިހާއަށް ޝައްކުކުރިއެވެ. ނަމަވެސް ނިހާ ސަލާމަތްކުރަން އިބްރާހީމްބެ އެ ހަޤީޤަތް ސިއްރުކުރީއެވެ. އޭގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

"އެއީ ނިހާ ބުނެގެން މަ ހަދައިދިން ތަވީދެއް. ނިކާލްގެ ލޯބި ހާސިލުކުރަން ހެދި އިސްތިރިއެއް. ތަވީދެއްގެ އިތުރުން ފޮނިކާ އެއްޗަކަށް އަޅާފަ ނިކާލަށް ކާންދިނުމަށް ވެސް އެއްޗެއް ދިނިން." އިބްރާހީމްބެ ހުރިހާ ވާހަކައެއް ކިޔައިދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އިލްހާމްގެ އާއިލާގެ ތެރޭގައި ފިތުނަވެރިކަން އުފެއްދުމެވެ.

އެ ވާހަކަތައް އިވި ނިކާލްގެ ހަށިގަނޑަށް ލޮޅުމެއް އައުމާއެކު ބުމަ އުފުލިގެން ދިޔައިރު ދެލޯ ބޮޑުވިއެވެ. އޭނާއަށް މި އިވުނީ ރަނގަޅު ވާހަކައެއް ހެއްޔެވެ؟ ނިކާލަށް ގުޑިލަން ވެސް ނޭނގިފައި ހުރެވުނީ އެ ވާހަކަ ޤަބޫލުކުރަން ދަތިވިވަރުންނެވެ. އިލްހާމް ދަތްތަކަށް ބާރުކޮށްލަމުން ދެބުމަ ގޮށްޖަހައިލިއެވެ. ނިހާ އެ އުޅުނީ ފަންޑިތައިގެ ބާރުން ނިކާލް ކާމިޔާބުކޮށް އޭނާއަށް ޖެއްސުންކުރަން ވެގެންނެވެ. ނިހާ އުޅުނީ ނިކާލްދެކެ ލޯބިވެގެނެއް ވެސް ނޫނެވެ. އެއީ ހަމަ އޭނާ ކިބައިން ބަދަލުހިފަންވެގެން ނިހާ ކުޅޭ ކުޅިގަނޑެކެވެ. ނިކާލް މާވަރަކަށް ނިހާއާ ގާތްވެގެން މި އުޅެނީ ސިހުރުގެ ބާރުން ހެއްޔެވެ؟ ހާދަހާވާ ގޮތެއް ވެސް ނެތް އަންހެނެކެވެ.

"އެއީ ތެދެއްތަ؟ ކަލޭ ނިކާލް ހާސިލުކުރަން ސިހުރުހާހުރަ ހަދައިގެން ނިކާލަށް އޭތި މީތިވެސް ކާންދިނިންދޯ؟" އިލްހާމް ހަޅޭލަވައިގަތް އަޑަށް ނިކާލް ސިހުނެވެ. އަވަސް އަވަހަށް ފަހަތަށް އެނބުރި ބަލާލެވުނުއިރު ނިހާ އިނީ ދެލޯ ބޮޑުކޮށްލައިގެން އެމީހުންނަށް ބަލާށެވެ. އެ މޫނުމަތީގައިވާ ހައިރާންކަމާއި ބިރުވެރިކަމުން ނިކާލްގެ ހިތުގައި ބިރުވެރިކަމެއް އުފައްދައިލައިފިއެވެ. ނިހާ އެފަދަ ވިޔާނުދާކަމެއް ކުރީ ހެއްޔެވެ؟ އޭނާ ހިތުގައި މި އުފެދުނު ލޯތްބަކީ ސިހުރުގެ ބާރުން އުފެދުނު ލޯތްބެއް ހެއްޔެވެ؟ މީ ސިހުރު ލޯބި ހެއްޔެވެ؟ ނިހާގެ މޫނުމަތިން ފެންނަ ބިރުވެރިކަމުގެ ފަހަތުގައިވާ ހަޤީޤަތް ނިކާލްގެ ސިކުނޑި ޤަބޫލުކުރި ނަމަވެސް ހިތް އެކަމާ އެއްބަހެއް ނުވިއެވެ. ރިއްސަމުން ދިޔަ ހިތް ބުނެލީ އޭނާ ނިހާދެކެ ވަނީ ހަޤީޤީ ލޯބިކަމުގައެވެ.

ނިކާލް ބަލާލިގޮތުން ނިހާގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. މުޅިމީހާ ހާސްކޮށްލައި ސިކުންތުކޮޅެއްގެ ތެރޭގައި މޫނުމަތިން ދާތިކިތައްވެސް ފާޅުވެގެން ދިޔައެވެ. އޭނާ ހީކުރީ އިބްރާހީމްބެ އެވާހަކަ ސިއްރުކޮށްދޭނެ ކަމަށެވެ. ނަމަވެސް އެކަމުގެ މަތިން ހަނދާންނެތިފައި ހުއްޓާ އިބްރާހީމްބެ ކުއްލިއަކަށް އެ ވާހަކަ ބުނުމުން ހަދާނެގޮތް ހުސްވެއްޖެއެވެ. އިބްރާހީމްބެ އެ ދިނީ ވަރުގަދަ ޝޮކެކެވެ. ނިކާލް މަޑުމަޑުން ނިހާއާ ދިމާއަށް އަންނަން ފެށުމުން ނިހާ އިތުރަށް ބިރުގަތެވެ. އެކަން ފޮރުވުމަށް ނިހާ ވަރަށް މަސައްކަތްކުރިއެވެ. ނިހާ އަވަސް އަވަހަށް ނިތްކުރިމަތިން ފާޅުވެފައިވާ ދާތިކިތައް ފޮހެލަމުން ދުރު ބަލާލިއެވެ.

"ތިހާ ހާސްވަނީ އެއީ ތެދެއްވީމަދޯ؟" ނިހާގެ ގާތުގައި ހުއްޓެމުން ނިކާލް ސުވާލުކޮށްލިއިރު ހިތްހަމަނުޖެހިފައި ހުރިހެން ހީވިއެވެ.

ނިހާ އިސްޖަހާލި ގޮތަށް އިނީ އިސް އުފުލައި ބަލާލަންވެސް ނުކެރިފައެވެ. ނިހާގެ ހިމޭން "ޖަވާބު"ން އިބްރާހީމްބެ ދެއްކީ ތެދު ވާހަކަތަކެއްކަން ނިކާލަށް ޤަބޫލުކުރެވުނެވެ.

"އެހެންވީމާ މަށަށް މި ވެވުނު ލޯތްބަކީ ސިހުރުގެ ބާރުން ވެވުނު ލޯތްބެއް ދޯ؟" ނިކާލްގެ އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ.

ނިހާ ސިހިގެންދިޔުމާއެކު އިސްއުފުލާލަމުން ނިކާލަށް ބަލާލެވުނީ އިވުނު އަޑު ޤަބޫލުކުރަން އުނދަގޫވި ވަރުންނެވެ. އޭނާދެކެ ނިކާލް ހަޤީޤަތަށް ވެސް ލޯބިވަނީ ހެއްޔެވެ؟ އެކަމަށް ނިކާލް އިޢުތިރާފުވީ ނަމަވެސް އެ ލޯތްބަކީ ސިހުރުގެ ބާރުން ވެވުނު ލޯތްބެއްކަމަށް ނިކާލް ޤަބޫލުކުރާކަން އެނގުމުން ނިހާގެ ހިތަށް ތަދުވިއެވެ.

"މަށަށް ކޯއްޗެއް ކާންދިނީ؟" ނިކާލް ދެމުބަ ކައިރިކޮށްލަމުން ކުރިޔަށްވުރެ ބާރަށް އެހިއެވެ.

ނިކާލް ޝައްކުގެ ނަޒަރުން ނިހާއަށް ބަލަމުން ދިޔައިރު އެ މޫނުމަތިން ފެންނަނީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ. ނިކާލްގެ އެ ސިފަ ފެނިފައި ނިހާ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. އޭނާގެ ދެލޮލަށް އެތައް ހާސް ކަރުނަތިކިތައް ބޮނޑިވެގެން ދިޔައީ އެއްވެސް އިޚްތިޔާރަކާނުލައެވެ.

"ނޫން. އެއްވެސް އެއްޗެއް ކާކަށް ނުދެން. ނިކް މަށަށް ޝައްކުނުކުރޭ." ނިހާގެ އަޑު ކުރަކިވެގެން ގޮސް ލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތެވެ.

"ކޮން ނޫނެއް ކިޔާކަށްތަ؟" ނިކާލް ނިހާގެ ދެކޮނޑުގައި ބާރަށް ހިފާލަމުން ކޮޅަށް ނެގިއެވެ. "އެއްޗެއް ކާން ނުދޭނަމަ މަށަށް ލޯތްބެއް ނުވެވޭނެ. ހަމަ ކުއްލިއަކަށް ހުރެފަ ވިސްނަން ފެށުނީ. ލޯބިވެވުނީ. ސިހުރު ހަދައިގެން މަ ތި ދަލުގަ ޖައްސަން ތި މަސައްކަތްކުރީ ކޯއްޗެއް ހޯދަންވެގެންތަ؟ ފައިރޫޒްއާ ކާވެނި ހަމަޖެއްސިދުވަހުން ފެށިގެން ހަމަވިސްނެނީ. ގެއްލިދާނެތީ ލޮލަށް ނިދިވެސް ނާދޭ. ހީކުރެވުނީ މަށަށް ހަމަ ހަޤީޤީ ލޯތްބޭ މި ވެވުނީ. އެކަމަކު އެހެނެއް ނޫން ދޯ މިވީ. ކަލޭ މަށަށް ސިހުރު ހަދައިގެން މަގޭ ހިތް މި އޮތީ ބަދަލުކޮށްފައި. މަ ނުވޭ ކަލޭދެކެ އެއްވެސް ލޯތްބެއް. މަގޭ ކުރިމަތިން ދުރަށްދޭ."

ނިހާ ދުރަށް ކޮށްޕައިލަމުން ނިކާލް ފުރަގަސްދިނެވެ. ނިކާލްގެ މޫނަށް އަރާފައިވާ ޖަންބު ކުލަ ފެނުމުން އިލްހާމް ހުރީ ނިކަން ހިތްހަމަޖެހިފައެވެ. އެއީ ހަމަ އޭނާގެ ދަރިއެއްކަން ރަނގަޅަށް ވެސް ސާބިތުކޮށްދީފިއެވެ. ނިކާލް ހިތްހަމަނުޖެހި ރުޅިއައި ނަމަވެސް އޭނާގެ ހިތަށް އެހާ އުނދަގޫވެސްވިއެވެ. ނަމަވެސް އޭނާއަށް ކުއްލިއަކަށް ނިހާދެކެ މާ ވަރުގަދަ ލޯތްބެއް ވެވުމުން ޝައްކުކުރެވެނީއެވެ. ނިހާ ސިހުރު ހެދިކަމަށް އިބްރާހީމްބެ ވެސް ބުނެފިއެވެ. އިބްރާހީމްބެ ފުރަތަމަ އެ ގެޔަށް އައި ދުވަހު ނިހާ ދެއްކި ވާހަކަތައް ވެސް އޭނާގެ ހަނދާނަށް އަޔެވެ. އެދުވަހު ނިހާ ތަވީދެއްގެ ވާހަކަ ދެއްކީ ހަމަހޭގައި ހުރެގެންނެވެ. ނިހާ އެދުވަހު މަސައްކަތް ކުރީ އެ ހަޤީޤަތް ފޮރުވާށެވެ. ނިހާ ރޮއެ ރޮއެފައި ކުޅުނީ ބޮޑު ތަމްސީލެކެވެ. ނިކާލަށް ޤަބޫލުކުރަން ވެސް އުނދަގޫވިއެވެ. ނަމަވެސް މިހާރު އެ ހުރިހާކަމަކަށް ވިސްނާލުމުން ނިހާ އޭނާ ހާސިލުކުރަން ސިހުރު ހަދާފައިވާކަމަށް ޤަބޫލުކުރެވެއެވެ.

"ނިކް" ނިހާ ކަރުނަތައް ފޮހެމުން ވާހަކަ ދެއްކިއެވެ. "މަށެއް އެއްވެސް އެއްޗެއް ކާކަށް ނުދެން."

"ނިހާ މަށަށް އެއްޗެއް ކާން ނުދޭކަން ސާބިތުކޮށްދީބަލަ. އެކަންވާނެތަ؟ ނިހާ ކީއްކުރަން ކުރި ކަމެއްތަ؟ މަ ކިހިނެއްތަ ނިހާ ނުކުރަމޭ ބުންޏަސް ޤަބޫލުކުރާނީ." ނިކާލް ދެލޯ މަރާލަމުން ބުނެލިއެވެ. އޭނާގެ މޭގައިވަނީ ދިލަ ރިހުމެއް އުފެދިފައެވެ. ނިހާދެކެ ރުޅިއަންނަ ބޭނުންވިޔަސް ހިތް އެކަމަށް ހުރަސްއަޅައެވެ. މީ ހަމަ ސިހުރުގެ ބާރުގަދަކަން ހެއްޔެވެ؟ ނޫނީ ހަމަ ހަޤީޤީ ލޯބި ހެއްޔެވެ؟

"އިތުބާރު ނުކުރެވެންވީ ކީއްވެގެން؟ މަވީމަތަ ކަމެއް ސާބިތުކުރަން ޖެހެނީ. ނިކާލް ބައްޕަގެ އަންހެންދަރިޔަކު ހުރިކަމަށް އިބްރާހީމްބެ ބުނީމަ ގޯސްވީ އިބްރާހީމްބެ. އިބްރާހީމްބެ ވީ އިތުބާރު ނުހިފޭ މީހަކަށް. އެކަމަކު މިހާރު އިބްރާހީމްބެ ދެއްކި ހުރިހާ ވާހަކައެއް ޤަބޫލު ތިކުރީ. މިފަހަރު ގޯސްވީ އަހަރެން. އަހަރެން ނިކާލަށް އެއްވެސް އެއްޗެއް ކާކަށް ނުދެން. އަހަރެން އެއްޗެއް ކާންދޭން ވެގެން ގެނައިން. އެކަމަކު އެކަމެއް ނުކުރަން." ނިހާ ހިތްވަރުކޮށްފައި ވާހަކަ ދެއްކީ ނިކާލްގެ ރުޅި ފިނިކުރުމުގެ ބޭނުމުގައެވެ.

"ކަލޭ އެއްޗެއް ގެނައިއްޔާ އޮންނާނީ ކާންވެސްދީފަ. ގެނައީމޯލަ." އިލްހާމްގެ އަޑުގަދަކޮށްލިއެވެ. "އަދި މަ ބާނާލަން އެބަ މަސައްކަތްކުރޭނު. މަ މި ބުނަނީ މަގޭ އަންހެންދަރިޔެއް ނުހުންނާނޭ. ކަލޭ އެއްބަސް ތި ވަނީ ސިހުރުހަދަން އުޅުނުކަމަށް. އެހެންވީމަ އޮންނާނީ ސިހުރު ހަދާފަ."

"ނުހަދަން. ނުހަދަން" ނިކާލްގެ އަތުގައި ނިހާ ހިފައިގަތެވެ. "ހެޔޮނުވާނެ. އިތުބާރު ކޮށްބަލަ."

"މަ އިތުބާރެއް ނުކުރަން އެކަކަށް ވެސް. ބައްޕައަކަށް ވެސް." ނިކާލް އަމިއްލަ ނަފުޞަށް އިވޭވަރަށް ބުނެލިއެވެ. އަދި ނިހާގެ އަތް ފޮޅުވާލައިފައި ބާރަށް ހިނގައިފައި ގޮސް ސިޑިން އަރައިގެން ދިޔައެވެ.

ނިހާ ފެންކަޅިވެފައިވާ ދެލޮލުން އިބްރާޙީމްބެއަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ. އިބްރާހީމްބެގެ ސަބަބުން އޭނާގެ މައްޗަށް ނިކާލްގެ ހިތް ކަޅުވެއްޖެއެވެ. އޭނާއަށް ނިކާލް ނަފްރަތުކުރަން ފަށައިފިއެވެ. ދުވަހަކުވެސް ނިކާލްގެ މާފު ލިބިދާނެ ހެއްޔެވެ؟ ނިކާލްގެ މިޒާޖުގައި ބޯހަރުކަމެއް ހުންނާތީ އޭނާއަށް ވިސްނައިދިނުމަކީ އުނދަގޫކަމަކަށް ވާނެއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ނިހާއަށް މަޑުމަޑުން ދެކަކޫ މައްޗަށް ތިރިވެވުނީ ގައިގެ ވަރުދޫވާހެން ހީވުމުންނެވެ. އޭނާ ދެތުންފަތް ފިއްތާ ބާރުކޮށްލުމާއެކު ކަރުނަތައް ފުލުފުލުގައި ކޯތާފަތް މައްޗަށް ފައިބައިގަތުމާއެކު މޫނުމަތީ ދެ އަތް އަޅާލަމުން ބާރަށް ރޮއެގަތެވެ. ގިސްލަގިސްލާފައި އަޑު ބާރުކޮށް ރޮމުން ދިޔަ މަންޒަރު ބަލަން އިބްރާހީމްބެއާ އިލްހާމް ހުއްޓެވެ. ނިހާގެ ކޮނޑުގައި މީހަކު އަތް ޖައްސާލުމާއެކު ވަގުތުން ރުއިން މެދު ކެނޑުނެވެ.

"ނިކާލް." ނިހާއަށް ބުނެވުނެވެ. އޭނާ އަވަސްއަވަހަށް ފަހަތް ބަލާލުމާއެކު ޞައްތާރު ހިނިތުންވެލިއެވެ. ނިކާލެއް ފެންނާކަށް ނެތެވެ. ނިހާ އަވަސް އަވަހަށް ކަރުނަތައް ފޮހެލަމުން ކޮޅަށް ތެދުވެލިއެވެ.

"ހިތްވަރުކުރަންވާނެ." ޞައްތާރު ނިހާގެ ބޮލުގައި ފިރުމާލިއެވެ "މި އައީ ފައިރޫޒް ދަރިފުޅަށް ވީގޮތެއް ބަލާލަންދާށޭ ކިޔާވަރުން. ބައްޕަ ވަރަށް އުފާވެއްޖެ ﷲގެ އިރާދަފުޅާއެކު ދަރިފުޅު އެ ޝައިޠާނާގެ ކިބައިން ސަލާމަތްވެފަ ހުއްޓާ ފެނުނީމަ. ދެން އެކަމާ ބިރު ގަންނާނެކަމެއް ނެތް. ހިނގާ ކޮޓަރިއަށް. ފެންވަރައިގެން އޮށޯވެ އަރާމުކޮށްލާ."

ނިހާ ގަދަކަމުން ހިނިތުންވެލިއެވެ. ޞައްތާރު ނިހާ ގޮވައިގެން ހިނގައިގަތެވެ.

"އަނބުޅޭ މަޑުކޮށްބަލަ." އިލްހާމްގެ އަޑުއިވުނެވެ.

ނިހާ ކުއްލިއަކަށް ހުއްޓުން އެރިއެވެ. "އަނބުޅޭ" އިލްހާމް އެކީ ނަން ނިހާއަށް ތަކުރާރުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އެއީ އޭނާއަށް ކޮންމެވެސް ތާކުން އިވިފައިވާ ނަމެކެވެ. ވަގުތުން އޭނާގެ ހަނދާނަށް ކޮންމެވެސް ހާދިޘާއެއްގެ ކުލަނޫން މަންޒަރުތަކެއް ސިފަވެގެން ދިޔައެވެ. ހިތްދަތިވެ ހިތްފަޅައިގެން ދާވަރުވެފައި ހުއްޓާ އެ އިވުނު ނަމެއްގެ ސަބަބުން ނިހާއަށް ކުރިމަތިވި ހުރިހާ ކަމެއް މަތިން ހަނދާން ނެތިއްޖެއެވެ. އެއީ އޭނާއަށް އެހާ މުހިންމު ނަމަކަށްވީ ކީއްވެގެން ހެއްޔެވެ؟ ނިހާ އިތުރަށް ސިކުނޑިއަށް ބާރުކޮށްލުމާއެކު ސިފަވެގެން ދިޔައީ ކުޑަކުއްޖަކު ހޮޅުއަށްޓެއްގެ ދަށުގައި އޮއްވައެވެ. އެއީ އޭނާ ކުޑައިރުގެ ހަނދާނެކެވެ. މަންމަ މަރާލެވުނު ރޭގެ ހަނދާނެވެ. ކުއްލިއަކަށް އެރޭގެ ހުރިހާ މަންޒަރުތަކެއް އޭނާއަށް ކުލަކޮށް ސިފަވެގެން ދިޔައެވެ. މި ހުރިހާ ދުވަހު އެ ނަމެއްގެ މަތިން ހަނދާންނެތިފައިވާ އަނބުޅޭއަކީ އޭނަގެ މަންމަގެ ދެވަނަ ޤާޠިލެވެ. ހޮޅުއަށި ދަށުގައި އޮއްވައި ފެނުނު ހަ އިނގިލީގެ ވެރިޔާއެވެ. ނިހާގެ ހަށިގަނޑަށް ވަރުގަދަ ލޮޅުމެއް އައުމާއެކު ޞައްތާރުއާ ދުރަށް ޖެހިލެވުނެވެ. ދުރުގައި މަންޒަރު ބަލަން ހުރި އިބްރާހީމްބެ އެދިމާއަށް ބާރަށް އަޔެވެ. ނިހާ ދެލޯ ބޮޑުކުރަމުން އަވަހަށް ބަލާލެވުނީ ޞައްތާރުގެ ދެ ފަޔަށެވެ.

"ނިހާ އުނދަގުލެއްވަނީތަ؟" އިބްރާހީމްބެ ގާތަށް ޖެހިލަމުން ނިހާގެ ކޮނޑުގައި އަތް ބާއްވައިލަމުން އަހައިލިއެވެ.

ނިހާގެ ނަޒަރު އިބްރާހީމްބެގެ ފަޔަށް ބަދަލުކޮށްލެވުނު ވަގުތު އޭނާގެ ދެލޯ އިހުނަށްވުރެ ބޮޑުވެގެން ދިޔައީ އިބްރާހީމްބެގެ ފައިތިލައިގައި ހުރި ހަ އިނގިލި ފެނުމުންނެވެ. އޭނާގެ މަންމަގެ ޤާޠިލަކީ އިބްރާހީމްބެ ހެއްޔެވެ؟ އާނއެކެވެ. ސަފީނާ ދުނިޔޭން ދުއްވާލުމަށް އިލްހާމަށް އެހީތެރިވެދިން "އަނބުޅޭ" އަކީ އިބްރާހީމްބެއެވެ. ނިހާ އިސް އުފުލައިލަމުން އިބްރާހީމްބެއަށް ބަލާލެވުނީ ހައިރާންކަމުން ފުރިގެންވާ ނަޒަރަކުންނެވެ. އިބްރާހީމްބެ ނިހާގެ ކޮނޑުގައި ބާރަށް ހިފައިލަމުން ގޮވައިލިއެވެ. ނިހާ ސިހިފައި އިބްރާހިމްބެގެ އަތް ފޮޅުވާލެވުނީ ވިހަގަދަ ސޫތްޕެއް ކަށިޖެހުމުން ފޮޅާލައިފަދަ ބިރުވެރި ގޮތަކަށެވެ.

ނޯޓު:- މިހާ ހިސާބުން ވަންހަނާ މި ވާހަކައިގެ ފުރަތަމަ ސީޒަން ނިމުނީއެވެ. މި ވާހަކައިގެ ދެވަނަ ސީޒަން މާދަމާ ރެއިން ފެށިގެން ގެނެސްދެވޭނެއެވެ. ވާހަކަ ގެނެސްދެވޭނީ ކޮންމެ ރެޔަކު 09:00 ގައެވެ. އިންތިޒާރުކޮށްލައްވާ!

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ައޮފްމޫޑް

  އޭ.. ނިހާގެ މަންމަ ބުނިދޯ އިލްހާމް އެ ނިހާގެ މަންމައޭ، ހުވަފެނުގަ؟

  6
  1
  • ހެހެ

   އިލްހާމް ކިހިނެއް ނިހާ މަންމައަށް ވަނީ. ދުވަހަކު ވެސް ނުވާނެ 😂

   10
   1
 2. ޕަރީ

  ވާހަކަ ވަރަށް ރީތި. މާދަމާރެއަށްވެސް ވަރަށް އިންތިޒާރު ކުރާނަން.

  11
  • ޙސުަޖޖ

   ވާހަކަ ނިމުނީއޭ

   • ހށނ

    ޑޫޑް. ރަނގަޅަށް ނުކިޔަންދޯ އޯތަރސް ނޯޓް😂 ސީޒަން އެކެއް އެ ނިމުނީ. ދޭތް އަދި އޮތީ.