(ހއ. ދިއްދޫ) "މުހައްމަދު ރަޝީދު" އޭ ބުނީމަ އެއީ ކާކުކަން ފަހަރެއްގައި ނޭނގިދާނެއެވެ. ނަމަވެސް އަސްލު ޓިންޓިން އޭ ބުނީމަ އޭނާ ނުދަންނާނެ މީހަކު ހއ. އަތޮޅުގައި މަދުން ނޫނީ ނުުހުންނާނެއެވެ. ހއ. ދިއްދޫ އަށް އުފަން މުހައްމަދު ރަޝީދު ނުވަތަ އާންމު ނަމުން ނަމަ "ޓިންޓިން" އަކީ އެމްޑީޕީގެ ގަދަ ރީނދޫ ކުލައިގެ ފިކުރުގެ ނަގާކިޔާ މީހުންނާއި، މި ފިކުރުގެ ސަޕޯޓަރުންގެ މެދުގައި މިއީ ބީރަށްޓެހި ނަމަކަށް ނުވާނެއެވެ. ޓިންޓިން މަޝްހޫރު ވެގެން އައީ ނިކަން އާދަޔާ ޚިލާފު ގޮތަކަށެވެ. ގިނަ ބަޔަކަށް އޭނާ އެނގެނީ މީސްމީޑިއާގައި ތަފާތު އެކި ކަންކަމަށް ކޮމެންޓްރީ ދޭ މީހެއްގެ ގޮތުގައެވެ. "ޓިންޓިން"، އޭނާގެ ގޮތުގައި ފާހަގަކުރެވެނީ މި ކޮމެންޓްރީތަކުގެ ސަބަބުންނެވެ.

ޓިންޓިންގެ ނަމުން މަޝްހޫރުވި މުހައްމަދު ރަޝީދު. --- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދިވެހިން އާއްމުކޮށް ކޮމެންޓްރީ އަޑު އަހާފައި ވާނީ ފުޓުބޯޅަ މެޗުތަކުންނޭ ބުނުމަކީ ދޮގަކަށް ނުވާނެވެ. އެކަމަކު ޓިންޓިންގެ ކޮމެންޓްރީ ޑައިރީން ފެންނަނީ ތަފާތު ކުލަވަރެވެ. ޓިންޓިންގެ ކޮމެންޓްރީ ވީޑިއޯތަކުން ފެންނަނީ އިޖުތިމާއީ އަދި ސިޔާސީ ކަންކަން ހިމެނޭ މަސްހުނިގަނޑެކެވެ. ބައެއް ވީޑިއޯތަކުން ފެންނަނީ ސިޔާސީ މަސްރަހު ހޫނުވެ، އެންމެ ފޯރިގަދަކޮށް ހިނގައިދިޔަ މުޒާހަރާތަކެވެ. ބައެއް ވީޑިއޯތަކުން ފެންނަނީ ހެއްވާ ސަމާސާ ރާގަކަށް ގެނެސްދީފައިވާ އިޖުތިމާއީ މައްސަލަަތަކާއި ގުޅުން ހުރި ވާހަކަތަކެވެ. މަދުން ނަމަވެސް ޓިންޓިންގެ ވީޑިއޯތަކުން ތޯތޯ ވާހަކަތަކާއި، ޔޯލަ އަށް ދެކެވޭ ވާހަކަތައް ވެސް ގެނެސްދީފައި އެބަހުއްޓެވެ.

ކޮންމެއަކަސް ޓިންޓިންގެ ވީޑިއޯތައް ވެގެންދިޔައީ ވަރަށް އަވަހަށް ވައިގައި ހިފި ވީޑިއޯތަކަކަށެވެ. އެމްޑީޕީ ހަރުގެތަކާއި، ރަށްރަށުގެ ހޮޅުއަށިތަކުގައި ޓިންޓިން ލައިވް ބެލުން އާއްމުވިއެވެ. އޭނާގެ ހުށަހެޅުންތަކަކީ އެންމެ އާދައިގެ މީހާ އަށް ވެސް ފަހުމުވާ ފަދަ ސާދާ ހުށަހެޅުންތަކެކެވެ. އެއީ އެންމެ އާއްމު ރައްޔިތު މީހާ އާއި ހަމައަށް ފަސޭހައިން ފޯރާ ފަދަ ސީދާ ބަހުރުވަ އާއި، ސަމާސާ ބަސްތަކަކުން އަމުނާލެވިފައިވާ ހުށަހެޅުންތަކެކެވެ.

ޓިންޓިން ލައިވް މިހާރު ގިނަ ބަޔަކަށް އެނގެނީ ސިޔާސީ ކުލަވަރު އޭގައި އެކުލެވޭ ސިޔާސީ ލައިވްތަކެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް ޓިންޓިންގެ ލައިވްތައް އަސްލު ހަގީގަތުގައި ފެށިގެން އައީ ފުޓުބޯޅަ ކޮމެންޓްރީ އާއި ހިސާބުންނެވެ. އެގޮތުން އެންމެ ފުރަަތަމަ ކޮމެންޓްރީ ދޭން ފެށުނު ގޮތް "ވަގުތު" އާއި ހިއްސާކުރަމުން ޓިންޓިން ބުނީ އެންމެ ފުރަތަމަ އޭނާ ފެށީ ފުޓްބޯޅަ މެޗުތައް ވީޑިއޯ ލައިވްކުރަންކަމަށެވެ. އެގޮތަށް މެޗްތައް ލައިވްކުރުމުގެ ތެރޭގައި ބައެއް ފަހަރު މެޗުގައި ހިނގާ ކަންކަން ކޮމެންޓްރީ މެދުވެރިކޮށް ބުނެދޭން ފެށުމުން އާއްމުންނަށް ވަރަށް ކަމުދިޔަ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މުހައްމަދު ރަޝީދު "ވަގުތަށް" އިންޓަވިއު ދެނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

"އެއީ 2017 ވަނަ އަހަރުގެ ތެރޭގައި. ދިއްދޫގައި ފުޓްސަލް ދަނޑުގައި ކުޅުނު ފުޓްސަލް މެޗެއް. ދިއްދޫގެ މަޝްހޫރު ދެ ޓީމް ކުޅުނީ. އެއީ ފުރަތަމަ ފަހަރު ދިން ކޮމެންޓްރީ އަކީ. ހަގީގަތުގައި ސިޔާސީ ލައިވްތައް އެއީ ވަރަށް ސީރިއަސްކޮށް ކުރާ ކަމެއް މިހާރު. އެކަމަކު ފުރަތަމަ އެކަން ފެށުނީ ޖޯކެއް ގޮތަށް. އެއީ ވެސް 2017 ވަނަ އަހަރުގެ ކުރީކޮޅު އޭރުގެ ރައީސް ޔާމީންގެ ވެރިކަމުގައި ނޫސްވެރިންނާ މެދު އަމަލު ކުރާ ގޮތް ފެނި ހަޖަމް ނުވެގެން ފެށީ. ދެން ޓިންޓިން ލައިވްގައި އެންމެ ބޮޑު ބައިވެރިޔަކީ މުހައްމަދު ރަޝީދު. އޭނާ އުޅޭނެ އަޅުގަނޑާއެކު" އިބްރާހިމް ރަޝީދު ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޫސްވެރިންނަށް ކުރަމުން ދިޔަ ފުރައްސާރަ އާއި ދެކޮޅުހެދުމުގެ ގޮތުން ޓިންޓިން ފެށި ލައިވްތައް ވައިގައި ހިފާކަށް މާގިނަ ވަގުތެއް ނުނަގައެވެ. އިސާހިތަކު މީސްމީޑިއާގައި މީހުންގެ މެދުގައި ފަރިތަ ނަަމަކަށް "ޓިންޓިން" ވެއްޖެއެވެ. މުޒާހަރާގައި ވަނީ ކީއްތޯ ބަލާލަން ޓީވީ ހުޅުވާލުމުގެ ބަދަލުގައި "ޓިންޓިން"ގެ ލައިވް އަށް އިންތިޒާރު ކުރާ މީހުން ގިނަވާން ފެށިއެވެ. މީސްމީޑިއާގައި ސަމާސާ ރާގެއްގައި މި މަސައްކަތް ފެށި ނަމަވެސް އާއްމުންގެ ސަމާލުކަން ލިބުނު މިންވަރު އިތުރުވުމާއެކު ސައްހަ މައުލޫމާތު ގެނެސްދިނުމަށް އިސްކަން ދޭ ކަމަށް އޭނާ ބުނެއެވެ. ނަމަވެސް ގިނަ މައުލޫމާތުތައް ގެނެސްދެނީ، އެ ހާދިސާއެއް ނުވަތަ ކަމެއް ހިނގާ ވަގުތު ކަމަށް ވުމުން ބައެއް މައުލޫމާތުތައް އެންމެ ރަނގަޅަށް ގެނެސްދެވިފައި ހުރެދާނެކަން އޭނާ ގަބޫލުކުރެއެވެ.

މުހައްމަދު ރަޝީދު، "ވަގުތަށް" އިންޓަވިއު ދެނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

"ވަރަށް ބޮޑަށް ފެކްޓް ޗެކްކުރަން އަސްލު. ބައެއް ފަހަރު ހުންނާނެ ދޫވެފައި ޖޯކު ގޮތަށް އެކަމަކު ވަރަށް ބަލަން ހަމަ ރަނގަޅަށް މައުލޫމާތު ދެވޭތޯ. މިކަން ތައާރަފުވި އިރު ޖޯކުގޮތަށް ގެންނަނީ، އޭގައި ވެސް ތެދު ހިމެނޭނެ ބޮޑުބައި. 2018ގެ ފަހުން ފެށިގެން 99 އިންސައްތަ ތެދުވާނެ،" އޭނާ ބުންޏެވެ.

ޓިންޓިންގެ ލައިވްތަކުގެ ތެރެއިން އޭނާ އަށް އެންމެ ފާހަގަކުރެވޭ އެއް ލައިވްއަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބުވުމަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި މާލެ ވަޑައިގެންނެވި ދުވަހުގެ ލައިވްއެވެ. އެ ނޫނަސް ދިއްދޫ އަށް އެކި ދަތުރުތަކުގައި ވަޑައިގަތް އެމްޑީޕީ އަށް ނިސްބަތްވާ އިސް ފަރާތްތަކާއި 19 ވަނަ މަޖިލީހުގެ މެމްބަރުންގެ އިންޓަވިއުތައް ވެސް ޓިންޓިން ވަނީ ނަގާފައެވެ. ޓިންޓިން ބުނާގޮތުން އޭނާ އާއި ބައްދަލުވާ ފަރާތްތަކުން އޭނާގެ މަސައްކަތް ފާހަގަކޮށް ދޭ ހިތްވަރަކީ މި މަސައްކަތުގައި ދެމިހުރުމަށް އޮތް އެންމެ ބޮޑު އުންމީދެވެ.

ދެންވެސް އޮތީ "ޓިންޓިން" އާ ގުޅޭ ވަރަށް ޝައުގުވެރި ވާހަކައެކެވެ. އެކަމަކު މިއީ ނުދައްކާ ދޫކޮށްލެވޭ ވަރަށް ވުރެ މާ މުހިންމު ވާހަކައެކެވެ. މިއީ އަސްލު ޓިންޓިން މި ނަން އައި ގޮތުގެ ވާހަކައެވެ. ޓިންޓިން މީސްމީޑިއާގައި އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރު ވުމުގެ ކުރިން އޭނާގެ މާޒީ އަށް ބަލާލާ އިރު އޭނާ އަކީ ކުޅަދާނަ ފުޓުބޯޅަ ކުޅުންތެރިއެކެވެ. އޭނާ އަކީ މާޒިޔާގެ ސެކަންޑް ޑިވިޝަންގެ ގޯލް ކީޕަރެވެ. ޓިންޓިން މި ނަމަކީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ލިރުގާމް ސައީދު ދިން ނަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

" އޭރު ވަނަމެއް އެއީ. 1990 ކޮންމެވެސް އަހަރެއްގައި އެއީ. ވަރަށް ދިގުކޮށް ބޯ ބަހައްޓާފައި ކޮށާލިތަނާހެން އެއީ. ދިއްދޫގައި އޮތް މުބާރާތަކަށް އައި އިރު ހުރީ ޓިންޓިން ކަޓެއް ޖަހާފައި. ކުޑަ އިސްތަށިކޮޅެއް ލާފައި. އަސްލު ޓިންޓިން ލައިވް އެއީ ދެން އިވޯލްވް ވަމުން އައީ އެ ނަން." އޭނާ ކިޔައިދިނެވެ.

ޓިންޓިން އަކީ ދިއްދޫގެ އިތުރުން ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވުނު ފުޓްބޯޅަ ކުޅުންތެރިއެކެވެ. ދެއްވަދޫ ޓީމް، ޔުނައިޓެޑް ވިކްޓްރީ އަދި މާޒިޔާ އަށް އޭނާ ވަނީ ކުޅެފައެވެ. އެގޮތުން 12 ވަރަކަށް އަހަރު އޭނާ ވަނީ ފުޓުބޯޅަ ކުޅެފައެވެ. މީގެ އިތުރުން ޓިންޓިން އަކީ ރިސޯޓުތަކުގެ ވޯޓަ ސްޕޯޓްސް ދާއިރާ އާއި އެކި އުޅަނދުތައް ދުއްވުމުގެ މަސައްކަތް ކުރާ މީހެކެވެ.

" ޑައިވިން މަސައްކަތް ފެށީ ގެސްޓުންގެ އެކަމަށް ހުންނަ ޝައުގުވެރިކަން ފެނިފައި. ތަޖުރިބާކޮށްލަން ދިޔައީ. 1989 ހިސާބުގައި އެއީ. އޭރު ވޯޓަ ސްޕޯޓްސް ނުލިބޭނެ ވަރަށް ސްޓާފުންނަށް ވެސް. އޭރު ދިވެހިން ވެސް މަދުވާނެ. އަޅުގަނޑުމެން އުޅެނީ ހެލްޕަރުންނަށް. އުޅެމުން ގޮސް ވަރަށް ގިނަ ދުވަހު އުޅެގެން ކުރިއަށް ދިޔައީ. އެ ދުވަސްވަރު ވަރަށް ނުތިބޭނެ." އޭނާ ބުންޏެވެ.

ރިސޯޓް ހަޔާތް ދޫކޮށް ޓިންޓިން ރަށަށް ބަދަލުވީ އާއިލީ ހާލަތު ހުރިގޮތުންނެވެ. މިހާރު އޭނާ އަކީ ރަށުގެ ނަގާކިޔާ ކަންކަމުގައި އިސްވެ އުޅޭ މިހެކެވެ. އަދި އެމްޑީޕީގެ ރޫހު ދިރުވާ އާލާކުރުމުގައި ދިއްދޫގައި އޭނާ އަދާކުރާ ދައުރަކީވެސް ފާހަގަކޮށްލެވޭ ދައުރެކެވެ. ޓިންޓިން ބުނާ ގޮތުން އޭނާ ކުރާ ކޮންމެ މަސައްކަތެއް ވެސް އޭނާ ކުރަނީ ފާޑުކިޔުމާ ކުރިމަތިލާން ޖެހިދާނެކަން ދަނެގެންނެވެ. އަދި އޭނާ ދެކެނީ އެފަަދަ ކޮންމެ ފާޑުކިޔުމަކީ ކުރިއެރުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލީ ރާޖާ

    އަމިއްލައަށް މަޖާވެގަނެގެން އުޅޭ ސޮޑެއް. ރީނދޫ ގްރޫޕްގަ ގިނަވާނީ ތިކަހަލަ ބޮލުރޮދިން

    31
    7
  2. އަލީ ދިއްދޫ

    ވަގުތު ނޫހަށް ބަވާ މީހެއްގެ ރިޕޯޓު ވަގުތުން ޕޮޒިޓިވްކޮށް ގެނައީ ކީއްވެބާ؟؟ ވަގުތު މިހާރު ޕްރޮފެޝަނަލް ވަމުންދާކަން މިއިން އެނގެނީ

    20
  3. ކަޅުބެ

    މީ އެމްޑީޕީ ފިޔަވާ ހުރިހާ ސިޔާސީ މީހުންގެ އަބުރުކަތިލިމީހެއް މައުމޫން ވަހީދު ޔާމީން ގާސިމް މީނަ ތީ އޑޕ މީހުން އައްމެބޭ ހައްދާފަ މީހުންގެ އަބުރުކަތިލާމީހެއް

    16
    2
  4. ބްލޫބިއާޑް

    މިހާރު ރާއްޖޭގަގިނައީ ތިކަހަލަ 0.5 ގެ މީހުން....

    11
    2
  5. ހަވަރު ތިނަދޫ

    ބިން ކުޑައެއް ނުވާނެ، ފްލެޓު އަޅަން ޖާގަ ހުންނާނެ. އެއާޕޯޓާއި އެކު ރަށުގެ އިގްތިސާދު މެކުހައް ޖެހޭނެ. ގުޑްލަކް. ގަދައަަޅާ މަސައްކަތް ކޮއްލާ. ލިބޭނެ އިރާދަކުރެއްވިއްޔާ. އެހެން މީހުން ކިޔާ އެއްޗެއްސައް އަޅާލާނެ ކަމެއް ނެތް. އެއީ ޖޭ ވާ މީހުން

    3
    9
  6. ޔާސީން ސަލީމް

    އަސްލު ޓިން ޓިން ވަރެ އްހަމަ ނުވާނެ .ހ އ އަތޮޅުގެ ހަބަރުތަ އް އެމެން ތާޒާކޮށް ގެނެސްދިނުމުންގަ މުހަ އްމަދު ރަސީދު ކުރާ
    މަ އްސަކަތަ އް އައ އްސެރިބަހާ ސާބަސް ދަންނަވަން

    2
    6
  7. ކާފަ

    މިކަހަލަ ރޯނު އެދުރުންނާ ހެދި ދިއްދޫ ތަރައްޤީ ނުވެގެން މި އުޅެނީ.. އެހެން ޕާޓީީިއަކުން ކަމެއްކޮށްދީފިއްޔާ އެކަން މި ބޯގަޅިތަކށް ހަޖަމެއްނުވޭ.. މާ މަޖާވެގެން. ކަމެއް ކުރަންޏާ ކޯހެއް ހަދައިގެން ރޮޑުވިރުވަން ދޭބަަލަ ދިއްދޫ ފަސާދަނުކޮށް.