އިންޑިއާގެ ފިލްމުތަކާއި ޑްރާމާ ތަކުން ފެނި ގިނަ ބަޔެއްގެ މަގްބޫލުކަން ހޯދާފައިވާ ހީނާ ހާންގެ ބައްޕަ މަރުވެއްޖެއެވެ.

ހީނާ ހާންގެ ބައްޕަ ކުއްލި ގޮތަކަށް މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ބައްޕަ މަރުވިއިރު ހީނާ ހާން ހުރީ ކަޝްމީރުގައި މިއުޒިކް ވީޑިއޯއެއް ކުޅެން ގޮހެވެ. ބައްޕަގެ މަރުގެ ހަބަރާއި އެކު ހީނާ ވަނީ ވަގުތުން މުމްބާއީއަށް ގޮސްފައެވެ.

މީގެ ކުރިން ހީނާ ހާން މީސް މީޑިއާގައި ހިއްސާ ކޮށްފައިވާ އެތައް ޕޯސްޓެއްގައި އޭނާ އަކީ ވަރަށް 'ބައްޕަގެ ކުއްޖެއްކަން' ބުނެދީފައިވެއެވެ. ބައްޕަގެ އެތައް ފޮޓޯ އަކާއި ވީޑިއޯއެއް ބަތަލާ ހީނާގެ މީސް މީޑިއާ އެކައުންޓް ތަކުން ފެނިގެން ގޮސްފައިވެއެވެ.

ހީނާގެ ބައްޕަ މަރުވި ހަބަރާއި އެކު ހީނާގެ ގިނަ ފޭނުންތަކެއް އަންނަނީ އެ އާއިލާއަށް ތައުޒިއާ ކިޔަމުންނެވެ.

ހީނާ އާއި އެކު ފިލްމު ތަކުގައި މަސައްކަތް ކޮށްފައިވާ އެހެން ފަންނާނުން ވެސް ދަނީ ހީނާ އަށާއި އާއިލާއަށް ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ. މިއީ ހީނާއަށް ހިތާމަވެރި ދަނޑިވަޅެއްކަމާއި، ހިތްވަރު ގަދަކުރުމަށް ބަޔެއް މެސެޖު ތަކުގައި ލިޔެފައިވެއެވެ..

މީގެ ކުރިން ހީނާ ހާން ޓީވީ އިންޓަވިއު އެއްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާ އާއި ބައްޕަ އާއި ދެމެދު އޮންނަ ގުޅުމަކީ ވަރަށް ގާތް ގުޅުމެއް ކަަމަށެވެ. ބައްޕަ އަކީ ކޮންމެ ކަމެއްގައި ވެސް ހީނާއަށް ހިތްވަރުދީ، އޭނާ ކުރިޔަތް ދިޔުމަށް ލިބުނު އެންމެ ބޮޑު އެއް ބާރު ކަމަށް ބުނެފައިވެއެވެ. ކުޑައިރުން ފެށިގެން ދިރިއުޅުމުގައި ދިމާވާ އެކި ކަންކަން ބައްޕައާއި ހިއްސާ ކުރާ ކަމަށާއި ކަންކަމުގައި ގޮތް ނިންމުމުގެ ކުރިން ބައްޕަގެ ލަފާ ހޯދާ ކަމަށް ހީނާ ބުނެފައިވެއެވެ.