ބޮލީވުޑްގެ ޑްރާމާތަކުގައި މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ތަރި ހީނާ ޚާން އުމްރާގެ އަޅުކަން އަދާކޮށްފިއެވެ.

ހީނާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ މަތިވެރިވެގެންވާ އުމްރާގެ އަޅުކަން އަދާކުރުމުގެ ތައުފީގު ދެއްވި ކަމަށްޓަކައި ﷲ ގެ ހަޟްރަތުގައި ޝުކުރު ދަންނަވާ ކަމަށެވެ. އަދި އުމްރާގެ އަޅުކަން ފުރިހަމަވުމުން ވަރަށް ހިތްހަމަޖެހިއްޖެ ކަމަށާއި މި ތަޖުރިބާ އަކީ ދުވަހަކުވެސް ހަނދާނުން ފޮހެނުލެވޭނެ ފޮނި ތަޖުރިބާއެއް ކަމަށް އޭނާ ބުންޏެވެ.

މިޕޯސްޓާއެކު ހީނާ ވަނީ އުމްރާގެ އަޅުކަމުގައި އޭނާ ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.

ބޮލީވުޑްގެ ފިލްމުތަކުން ވެސް ކުރިން ފެނުނު ހީނާ ބުނީ އުމްރާގެ އަޅުކަން އަދާ ކުރުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި މިއަދު އެކަން ފުރިހަމަވެއްޖެ ކަމަށެވެ. އަދި މި މާތް ބިން ދޫކޮށްފައި އެނބުރި ދާން ބޭނުންނުވާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އުމްރާގެ އަޅުކަން ނިންމުމަށް ފަހު ހީނާ ވަނީ މަދީނާ އަށް ދިޔުމުގެ ދަތުރު ފަށައިފައެވެ.

ހީނާ އާއެކު ރިއަލިޓީ ޝޯ "ބިގް ބޮސް"ގައި ބައިވެރިވި މުސްލިމް އެކްޓަރުންގެ ތެރެއިން އާސިމް ރިއާޒް އާއި އަލީ ގޯނީ ވެސް ދާދިފަހުން އުމްރާގެ އަޅުކަން އަދާކޮށްފައެވެ.

ހީނާ އެންމެ ބޮޑަށް ވިދާލީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގައި ކުޅުނު އަކްޝަރާގެ ރޯލުންނެވެ. މި ސިލްސިލާގައި ހަތް ވަރަކަށް އަހަރު އޭނާ މަސައްކަތް ކުރުމަށްފަހު ޝޯ ދޫކޮށްލީ މާ މުސްކުޅި ރޯލެއް ކުޅެން ޖެހިގެންނެވެ. ފަހުން އޭނާ ވަނީ "ކަސޯޓީ ޒިންދަގީ ކޭ"ގެ އާ ސީޒަންގައި ކޯމަލިކާގެ ރޯލު އަދާކޮށްފައެވެ.

ހީނާ އެންމެ ފަހުން ކުޅެފައިވަނީ "ޝަޑްޔަންތުރަ" ކިޔާ ވެބް ސީރީޒް އެކެވެ. މި ސީރީޒްގައި ހީނާ އާއެކު ބައިވެރިވެފައިވަނީ ކުނާލް ރޯއީ ކަޕޫރާއި ޗަންދަން ރޯއީ ސާންޔާލްއެވެ.