ކޮންމެ ދުވަހަކު އިންތިޒާރު ކުރެވެނީ ހަމަ އެއް ވަގުތަކަށެވެ. އެއީ ހިތުގައި އެމޫނުގެ ރީތިކަން ހަރުލާފައިވާތީ އެވެ. އަހަރެން ވަޒީފާ އަދާކުރާ އޮފީހުގެ ދޮރުމަތީގައި ހުންނައިރު އެކުއްޖާ ކޮންމެ ދުވަހަކު ވެސް ފެނެއެވެ. އެއީ ކޮން ގެއެއްގެ ކުއްޖެއްކަން އަދި ނޭގެއެވެ. އޭނާ ހިނގާފައި ދަނީ އެކަންޏެއް ނޫނެވެ. އިތުރު ދެކުދިންވެސް އޭނާއާ އެކުގައި ދެއެވެ. އަތުގައި ފޮތް ދަބަހެއް އޮވެއެވެ. ހަމަ ގައިމުވެސް އެއީ ޔުނީފޯމް އަޅާ މަދަރުސާ އަކަށް ދާ ކުއްޖެއް ނޫނެވެ. ކޮންމެ ވެސް ކޯހެއް ހަދަމުން ދާހެން ހީވެއެވެ.

އަހަރެން އުޅޭ އޮފީހުގެ ދޮރުގެ ކުރިމަތީގައި އޮންނަ ހުސްޖާގައިގައި އޮންނަނީ ތަފާތު ގަސް ހައްދާފައެވެ. އެންމެ ގިނައިން ހައްދާފައި އޮންނަނީ ބޯގަންވިލާއެވެ. ތަފާތު ކުލަތަކެވެ. އަދި ރީތި މާ އަޅާ ގަސްތައްވެސް ހައްދާފައި އޮވެއެވެ. ބޭރުން އަންނަ މީހުންނަށް އޮފީހަށް ވަދެވެނީ ގޭޓަކުންނެވެ. އެގޭޓު ވެސް ހުންނަނީ ދަނގަޑުން ވާލި އަޅާ ބޭރު ފެންނަ ގޮތަށް ހަދާފައެވެ. ގޭޓު ހަރުކޮށްފައި ހުންނަނީ ފަސް ފޫޓް އުސްމިނުގެ ފާރެއްގައެވެ. އެދުވަސް ވަރު ސަރުކާރުގެ ގިނަ އޮފީސްތައް ހިނގަމުން ދިޔަ އިމާރާތްތަކުގެ ބޭރު ފާރު ހުންނަނީ އެގޮތަށެވެ. މިހާރު ވެސް ޣާޒީ ބިލްޑިންގ އަދި ހުރަވީ ބިލްޑިންގުގެ ބޭރު ފާރު އެ ހުންނަ ގޮތަށެވެ.

ކޮންމެ ދުވަހަކު ފެންނަ ކުއްޖާ މިއަދަކު ނުފެނުނެވެ. ވަރަށް މާޔޫސް ވެއްޖެއެވެ. އެކަމަކު ހިތް ބުނަނީ މާދަމާ ފެންނާނެ ކަމަށެވެ. ޖެހިގެން އައި ދުވަހުވެސް ނުފެނުނެވެ. ހަފްތާ އެއް ވެއްޖެއެވެ. ޚަބަރެއް ނުވެއެވެ.

އެކި ވަގުތު ތަކުގައި އޮފީހުގެ ކުޑަދޮރުން ބޭރު ބަލައި ލެވެއެވެ. މާޔޫސް ކަން ދަނީ ބޮޑުވަމުންނެވެ. އެގޮތަށް މަސް ދުވަސް ފާއިތު ވެގެން ދިޔަފަހުން އަނެއްކާ ފެންނަން ފަށައިފިއެވެ. އަހަރެން އުޅޭ އޮފީހުގެ ތަޅުންގަނޑު ހުންނަލެއް އުސްކަމުން މާގަސްތަކުގެ މަތިން މަގުމަތިން ދާ މީހުން ރީތިކޮށް ފެނެއެވެ. އެދުވަސް ވަރަކީ ސައިކަލުވެސް ވަރަށް މަދު މީހަކު ނޫނީ ނުދުއްވާ ދުވަސް ވަރެކެވެ. ގިނަ މީހުން އުޅެނީ ބައިސިކަލްގައެވެ. އަހަރެމެން އޮފީހުގެ ހުރިހާ މުވައްޒަފުން ވެސް ދުއްވަނީ ބައިސިކަލެވެ. ސީނިއަރ ސެކްރެޓަރީ ވަރަށް ފަހުން ވަނީ ސައިކަލެއް ހޯދާފައެވެ. އެއީ ވެސް އޮފީހުގެ ވެރިމީހާ ކުރިން ދުއްވި ސައިކަލެކެވެ.

ރޯދަމަސް ފެށިއްޖެއެވެ. އޭރު ރޯދަމަހުގެ ރަސްމީ ގަނޑިއަކީ ހެނދުނު ނުވަޔަކުން މެންދުރު ފަހު އެއް ގަޑި ބަޔަށެވެ. އެއްގަޑި ބައިވިއަސް އިތުރު ގަޑީގައި މަސައްކަތް ކުރާން އަހަރެން މަޑު ކުރަމެވެ. ބައެއް މުވައްޒަފުން ރޭގަނޑު ވެސް ނުކުމެއެވެ.

އަހަރެން ހިތްކިޔައިގެން ހިތުން ލޯބި ވެގެން އުޅޭ ކުއްޖާ މިހާރު ފެންނަނީ ކޮން ގަޑިއެއްގައި ބާވައޭ ހިތަށް އަރާ ފާރަ ލަމުން ގެން ދިޔައީމެވެ. އަބަދާ އަބަދު ބޭރު ބަލައި ލެވެއެވެ. އެހާ ފަސޭހައިން ބޭރު ފެންނަނީ އަހަރެން އިންނަ މޭޒު ހުންނަނީ ކުޑަދޮރެއްގެ ކައިރީގައި ކަމަށް ވާތީއެވެ. މިހެން ހަފުތާއެއް ވޭތުވީ ތަނާ އެއް ދުވަހު އެކުއްޖާ ފެނިއްޖެއެވެ. މިހާރު މިވަނީ ގަޑި ބަދަލު ވެފައެވެ.

އެކުދިން ވެސް ވަރަށް ބޮޑަށް އަހަރެމެން އޮފީސް ހުންނަ އިމާރާތާ ދިމާ އަށް ބަލައެވެ. ސަބަބެއް ކަމަށް އަހަރެންނަށް ހީވަނީ މާގަސް ތަކުގެ ރީތި ކަމުންނެވެ. އަދި ޚާއްޞަ ކޮށް އެކުދިން ބޭނުންވާ ވައްތަރުގެ މާތައް ފެނުމެވެ.

އެއްދުވަހު ހިތަށް އެރިއެވެ. މިއަދު ކޮންމެ ގޮތެއް ހަދާފައި ވެސް މާގަހުން މަލެއް އޭނާ އަށް ދޭނީއެވެ. ފިނިފެންމާ ވެސް ވަރަށް ގަދައަށް ހެދިފައި އޮވެއެވެ. އަދި ބައެއް މާތައް ފާރުގެ މަތިން ފެނާން ވެސް ހުރެއެވެ. މި ޚިޔާލު އައުމާ އެކު ދުރާލާ ބަގީޗާ ބަލަހައްޓާ މީހާ ގާތުން ހުއްދަ ހޯދައިގެން އެދުވަހު ރީތި ފިޔާތޮށި ފިނިފެން މަލެއް ބިނދެލައިފީމެވެ. އޭނާ އަންނަ ވަގުތައް އިންތިޒާރު ކުރަމުން ދިޔައީމެވެ.

ކުއްލި ކަމެއްގައި އުޅެފައި ގަޑި ބަލައިލި އިރުގަޑިޖެހިގެން ހިނގައްޖެއެވެ. ގަޑި ޖެހި ދިޔުމުން އޮފީހުގައި ހުރެގެން މަގުމަތި ހޯދާ ބަލައިލީމެވެ. އޭނާގެ ހިލަމެއް ނުވެއެވެ. މަގުމައްޗަށް ނުކުމެ ބަލައިލިއިރު އަހަރެމެން އޮފީސް ފަސް ދީ އެތިން ކުދިން ދަނީއެވެ.

އޮފީހުން ބޭރަށް ނުކުމެބާރަށް ހިނގާފައި ގޮސް ބައިސިކަލަށް އެރި އިރުވެސް ހިތުގައި ޖަހަނީ ނޭނގޭ ކަހަލަ ވިންދެކެވެ.

އަހަރެންނަކީ އަންހެން ކުދިންނާ ރަށްޓެހި ވުމަށް ކުރާނެ މާމޮޅު ކަމެއް އެނގޭ މީހެއް ނޫނެވެ. އެއަށް ވުރެ މާފިނޑިއެވެ. ރައްޓެހިވާން ކުއްޖަކާ ދައްކާނެ ވާހަކަ އެއް ވެސް ނޭނގެއެވެ. އޭރު އަހަރެންގެ އުމުރުން އަދި ވީ ވިހި އަހަރެވެ. އަތް ފައިވެސް ފިނިވެ ލޮނު ދާ ހިތްލަން ފަށައިފިއެވެ. ހިތަށް އަރަނީ މިއަދު އެކުއްޖާ އަށް އެރީތި ފިނިފެންމާ ދެވޭނެ ބާވައެވެ. އޭނާ އެ މަލުގައި ހިފާނެ ބާވައެވެ. ބުނާނެ ދެތިން ބަހެއް ވެސް ހިތަށް އެރުވީމެވެ. މަގުމަތީގައި މާގިނަ މީހުންނެއް ވެސް ނެތެވެ. އޭރު އެތިން ކުދިން ވަރަށް ދުރަށް ހިނގައްޖެއެވެ.

ބައިސިކަލް ދުއްވާލާފައި ދާއިރު ވެސް ހިތުގެ ވިންދުގެ އަޑުވެސް އިވޭ ކަހަލައެވެ. މޭ ވެސް ބޮޑުވެއެވެ. ވަރަށް އަވި ބާރު ދުވަހެކެވެ. ނަމަވެސް މަގުގައި ހުރި ބައެއް ބޮޑެތި ގަސްތަކުގެ ހިޔަލުން އެމީހުން ހިނގާފައި ދެއެވެ. އެކުދިންނާއި އަރާހަމަ ކޮށްފީމެވެ. ބައިސިކަލް މަޑެއް ނުކުރަމެވެ. އަހަރެންގެ އަތުގައި އޮތް ފެނިފެންމާ ދިއްކޮށްލީ ސީދާ އެމާ ދޭން ބޭނުންވާ ކުއްޖާ ގެ އަތަށެވެ. އެކުއްޖާ ހުއްޓިފައި ވަރަށް ރީއްޗަށް މަލުގައި ހިފިއެވެ. ދެންތިބި ދެކުދިން ހިނގުން މަޑުކޮށްލިއެވެ. އަހަރެން ވެސް ބައިސިކަލްގެ ބުރަކި ޖައްސާލީމެވެ. އަހަރެން ބުނީމެވެ. މިއީ ހިތުގެ އަޑިން ދިން މަލެކެވެ. ކިޔަނީ ކޮންނަމެއް ހެއްޔެވެ؟ އޭނާ ނަން ބުނުމާ އެކު ޝުކުރިއްޔާ އޭ ބުނެލިއެވެ.

ވީ އުފަލެއް ނޭނގުނެވެ. އައިކޮޅަށް ބައިސިކަލް އަނބުރާލީމެވެ. ދުއްވުނު ބާރުމިނެއްގައި ދުއްވާފައި އޮފީހަށް އަތުވެއްޖައިމެވެ. އޮފީހުގައި އުޅޭ ޕިޔޯނު މަނިކު ގާތުގައި އަހަރެން ކުރަން އުޅުނުކަންތައް ވެއްޖެއޭ ބުނެލީމެވެ. އޭނާ އަކީ އެކަހަލަ ސިއްރު ވާހަކަ ހިއްސާ ކޮށްލާ މީހެކެވެ.

އެދުވަހުގެ ބާކީ އޮތް ވަގުތު ތަކުގައި މުޅި މީހާއަށް ހީވަނީ މާވަރުގަދަ ޖޯޝެއް އައިސްފައި ހުންނަ ހެންނެވެ. އުފާވެރިކަން ހިތުގައި އެނބުރެނީއެވެ. ހިތް ހަމަ ޖެހުމުގެ ފުންނޭވާ ވެސް ލެވެނީ އެވެ.

ބާޒާރުން މަހެއް ގަނެލަން ދައްތަ ބުނެގެން ވެސް ޝަކުވާއެއް ނުކޮށް މަސް ގަނެގެން ގެނެސް ގޭގައި ކަނޑާލީއެވެ. ރޯދަ ވަރުބަލިކަން ވެސް ހުރީ ކެނޑިފައެވެ. އެހެން ނޫނީ ގިނަ ދުވަސް ދުވަހު އޮފީހުން އައިސް ވެފައި ހުންނަ ވަރުބަލިން އޮށޯވެލަމެވެ. މިއަދު އެހުރި ފޯރި އެއް ބުނެދޭން ވެސް ނޭނގެއެވެ.

އެރޭ ވެސް ފިކުރު ކުރެވެނީ ދެން ހަދާނެ ގޮތަކާ މެދުގައެވެ.

ހިތް ބުނަނީ ގޭގެ ނަން ހޯދައިގެން ފޯނު ކުރުމަށެވެ. ޖެހިގެން އައި ދުވަހުވެސް އޭނާ ފެނޭތޯ ބަލަން ހުރީމެވެ. ފެނިއްޖެއެވެ. އޭނާ އާއި އެކުގައި ތިބި ކުދިން ވެސް ވަރަށް ބެލިއެވެ. އަދި ތިން ކުދިން ވެސް ތިބީ ހިނިތުން ވެފައެވެ. ރޯދަ މަސް ނިމެން ވާއިރަށް ފާރަލައިގެން އޭނާ އުޅޭ ގޭގެ އެޑްރެސް ހޯދައިގެން ފޯނު ކުރީމެވެ. ދެއްކީ އާދައިގެ ވާހަކައެވެ. އޭނާ ކިޔަވަނީ ޓީޗަރު ކަމެވެ. އަހަރެންވެސް ދައްކަނީ ވަޒީފާގެ ވާހަކައެވެ. ކުރާ މަސައްކަތެވެ. ލޯބި ވާ ވާހަކަ ބުނާކަށް ނުކުރެއެވެ. ދެން ފޯނުން ގުޅި ދުވަސް ތަކުގައި ގިނަ ފަހަރަށް އޭނާ އާއި ދިމައެއް ނުވެއެވެ. ދިމާވި މަދު ފަހަރު ތަކުގައި ވެސް ބުނަނީ ފިލާވަޅު ހަދަން ހުންނަ ވާހަކައެވެ. ދެތިން ބަހެއް ބުނެލާފައި ފޯނު ބާއްވަނީ އެވެ.

ޢީދު އައުމުގެ ދެތިން ދުވަސް ކުރިން ޢީދު ކާޑެއް ގަނެލައިފީމެވެ. އަދި ވަރަށް ރީތި ސިޓީ އުރެއެއްގައި ބަންދު ކޮށްލާފައި އުރައިގެ ބޭރުގައި އާމިލާ ރަޝީދު މިގޮތަށް ޖަހާލީމެވެ.

ޢީދު ވިލޭރޭ ޢިޝާ ނަމާދުން ފައިބައިގެން އެގޭދޮށަށް ދިޔައީމެވެ. އަދި އޭނާއަށް ގޮވާލަ ދިނުމަށް އެދުނީމެވެ. ނުކުތުމުން ސިޓީއުރަ ދިއްކޮށްލީމެވެ. އަދި ރަށްޓެހި ވާން ބޭނުން ވާކަމުގައި ޖެހެލުމެއް ނެތި ބުނެލީމެވެ. ލިބުނު ޖަވާބަކީ އޭނާ ކުއްޖަކާ ރަށްޓެހި ވެގެން އުޅޭ ކަމުގައެވެ. ކާޑު ދިނީތީ ޝުކުރިއްޔާ އޭ ބުނެލިއެވެ. ގަދަކަމުން އަހަރެން ހިނިތުން ވެލީމެވެ.

އިސް އޮބާލާއިގެން އެގެ ހުންނަ ގޯޅި ގަނޑު ތެރެއިން ނުކުމުގެން ހިނގައިގަތީ މެވެ. ހިތުގައި ނޭނގޭ ރިހުމެއް އެކުލެވެން ފަށައިފިއެވެ. މިއޮތް ހުރިހާ ދުވަހު ހިތު އެޅި ކުއްޖާ ނުލިބުނީ އެވެ. އަހަރެން އޭނާ ލިބޭނެ ކަމުގެ ހާދަ ފޮނި އުންމީދެއް ކުރީމެވެ. އޭނާއަކީ އަހަރެންނަށް ވުރެ އިސްކޮޅުން ކުރު ކުއްޖެކެވެ. ކަޅަސް ރީތި ކުއްޖެކެވެ.

އޭނާގެ ހިނގުމާއި ހިނިތުން ވެލުމުގައި ވަރަށް ޢިޝްޤީ ސިފަތަކެއް ހުރެއެވެ. އަހަރެންނަށް އޭނާއާ ގަޔާވެވުނީ ހަމަ ފެނި ފެނިއެވެ. އޭރު އޭނާ ކުއްޖަކާ ރަށްޓެހި ވެގެން އުޅޭ ކަމެއް ނޭނގެއެވެ. އެކަނި ފެންނަ ދުވަސް ދުވަހު ވެސް ކައިރިން ފިރިހެން ކުއްޖަކު ނުފެނެއެވެ.

އޭގެ އެތަކެއް އަހަރު ފަހެވެ. އަހަރެންނަށް އެ ފިނިފެންމާ ދެވުނު ކުއްޖާ ފެނުނުއިރު ހުރީ ވަރަށް ބޮޑު ބަދަލެއް އައިސް ފައެވެ. ބޮޑު ދެކުދިން ވެސް ކައިރީގައި ތިއްބެވެ. އޭނާ އަށް އަހަރެން އެނގުނުހެން ހިޔެއް ނުވެއެވެ. މާބޮޑު ސަމާލު ކަމެއް ނުދެއެވެ. ދެފަހަރަކު ބަލައިލިއެވެ.

އޭގެ މަހެއް ހާދުވަސް ފަހުން އަނެއްކާ ފެނިއްޖެއެވެ. ފިހާރައެއްގެ ތެރެއިންނެވެ. އަހަރެން އޭނާ ކައިރިއަށް ދިޔައީމެވެ. އަދި ބުނީމެވެ. އަހަރެން އެނގިއްޖެހިއްޔެވެ؟ އޭނާ ހިނިތުން ވެލަމުން ބުނެލިއެވެ. ތިއީ ރޯޒްމޭރީ ނޫން ހެއްޔެވެ.

އަހަރެން އެހީމެވެ. ކީކޭ ހެއްޔެވެ؟

އޭނާ އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ. އެދުވަހު މާދިން ފަހުން އޭނާގެ ރައްޓެހި ދެކުދިން އަހަރެނަށް ދިން ނަމަކީ ރޯޒް މޭރީ ކަމުގައެވެ. މިހެން ބުނުމާއެކު އަހަރެމެން ދެމީހުންނަށް ވެސް ވަރަށް ބޮޑަށް ހީލެވުނެވެ.

ހާލު އަހުވާލު އަހާލީމެވެ. ދިރިއުޅުމުގެ ވާހަކައިން އެނގުނީ ރާއްޖޭން ބޭރުގައި ދިރި އުޅޭ ކަމެވެ. އަދި ކައިވެނި ރޫޅުނު ވާހަކަވެސް ބުންޏެވެ.

އަހަރެން ބުނީމެވެ. އަދި ވެސް އެދެނީ އުފާވެރި ހަޔާތަކަށެވެ.

އޭނާ ވަރަށް ހިތްވަރު ގަދައެވެ.

ކައިވެންޏެއް ކުރަން އަހަރެން ހިތްވަރު ދިނީމެވެ. އަހަރެންގެ ދިރިއުޅުމާ ގުޅޭ ބައެއް ސުވާލު ވެސް އޭނާ ކުރިއެވެ.

އަހަރެން ބުނީމެވެ. ދެކުދިންނާއި އަންބަކު އެބައިނެވެ. ވަރަށް އުފާވެރިއެވެ. އޭނާ ހިނިތުން ވެލީ ހަމަ އޭރުވެސް ހިނިތުން ވެލިހެންނެވެ. ހަނދާންވީ ފިނިފެންމާ ދިނުމުން އެދުވަހު އޭނާ ހީނލި ގޮތެވެ.

ނިމުނީ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރިޔަމް

    ވާހަކަ ލިޔުންތެރިޔާ އަށް ހަމަަ އަޅުގަނޑުގެ އައްސަރިބާހާއި ސާބަސަސް. ސިފަކުރުންތައް ވަރަށް ފުރިހަމަ. ހަމަ އެއްވަނަ (: