ހާރުދަމަށް ބައްޕައަށް ކައްކަން ޖެހޭ ބަތްޕެން ފޮދެއް ކެއްކުމަށް ހިތުލައިގެން ބަދިގެއަށް ވަދެ އުނދުން ރޯކުރަން ބަލައިލިއިރު އަލިފާން ފޮށި އޮތީ ހުސްވެފައެވެ. އަހަރެމެން ގޭގައި އޭރު ކައްކަނީ ދަރުންނެވެ. އަލިފާން ފޮށްޓެއް ގަންނަން ބަލައިލާއިރު ގޭކައިރީގައި ހުންނަ ފިހާރަ އިރު އޮއްސުމަށް ފަހު ނުހުޅުވާނެ އެވެ. ދެން ޖެހޭނީ ތަންކޮޅެއް ދުރަށް ދާށެވެ.

ޖެހިގެން ހުރި ގޭގައި މަސް ފިހަން އުޅޭ ކަމުގެ ލިސާންތައް ދަނީ ފެންނަމުންނެވެ. ރޯކޮށްފައި ހުރި އަލިފާނުގެ އަލި ހުރީ ފެންނާށެވެ. ނާއްޓެއް ހިފައިގެން އަލިފާން ކޮޅެއް ބަލާ ދުވެފައި އެގެއަށް ދިޔައީ އަވަހަށް ބައްޕެން ފޮދު ކައްކާލުމުގެ ނިޔަތުގައެވެ. ވަރަށް ފަސޭހައިން ރޯވެފައި ހުރި ދެލިކޮޅެއް ލިބިއްޖެއެވެ. އެމީހުން މިރޭ މަސް ފިހެނީ ދަރު އަންދައިގެންނެވެ. އާންމުކޮށް އަހަރެމެން ގޭގައި މަސް ފިހަނީ ނާށި އަންދައިގެންނެވެ.

ބަނބުކެޔޮ ގަހުގެ ފަތެއް ނާށީގެ ފުލަށް ލައިގެން ދުވެފައި އެގެއިން ނުކުތީމެވެ. އެދުވަސްވަރަކީ ދުއްވާ އެއްޗެތި ވަރަށް މަދު ދުވަސް ވަރެކެވެ. ރޯދަ މަހު ރޭނގަޑުގެ މިވަގުތުގައި ހިރި ކުޅޭ ކުދިންނާއި މަނޏާ ކުޅޭ ކުދިންވެސް މަގުމަތީގައި އުޅެއެވެ. އެކުދިން އެއްވެސް ޖެހިލުމެއް ނެތި މަގު ތަކުގައި ދުވެއެވެ. ފާރުތަކުގެ މަތިން ވެސް ދުވެއެވެ. އެކަމަކު ގޭގެއަށް ވަނުން އެކުޅިވަރުގައި އެމީހުން އޮންނަނީ މަނާކޮށްފައެވެ. ގެއަކަށް ވަދެއްޖެނަމަ ނުބައިވީ އެވެ.

ކޮންމެއަކަސް އަހަރެންނަށް ދުވެފައި ނުކުމެވުނީ ކުޅިވަރު ކުޅެމުން ދިޔަ ކުއްޖެއްގެ ކުރިމައްޗަށެވެ. އެކުއްޖާގެ ގައިން ނެއްޓިގެން ދެން ދުއްވައިގަތީ މަގުމެދަށް ވާގޮތަށެވެ. ކުއްލިއަކަށް އަހަރެންގެ ކުރިމައްޗަށް އެރީ ދުއްވާފައި ދިޔަ ބައިސިކަލެކެވެ. ބޭއިޚްތިޔާރުގައި ކޮއްޕާލެވުނީއެވެ. އޭނާ އޮތީ ބައިސިކަލުގެ ދަށުގައެވެ. ނާށީގައި ހުރި ދެލިކޮޅު އޭނާގެގަޔަށް އެޅުމާ އެކު އަޑުގެ ނެތްތަނަށް ހަޅޭއް ލަވައި ގަތެވެ. އަހަރެން ވެސް އޮތީ ގޮތަކަށް ބައިސިކަލް މައްޗަށް ތިރާވެފައެވެ. އަވަހަށް ތެދުވަން އުޅެ ތެދުވެވޭ ގޮތެއް ނުވިއެވެ. ކުޅެން އުޅުނު ޒުވާން ކުދިން އަހަރެން ނަގައިފިއެވެ. އަދި އޭނާވެސް ނަގައިފިއެވެ. އޭނާ ނެގުމުގައި އަހަރެން ވެސް އެހީތެރިވެ ދިނީމެވެ.

ވެއްޓިފައި އޮތް ޒުވާނާއަކީ އަހަރެންނާއި މަގުމަތިން ކޮންމެވެސް ވަރަކަށް ފޮށޭ ކުއްޖެކެވެ. ފެންނައިރަށް ނަންއަހާ ހަދައެވެ. ނަމަވެސް އުނދަގުލެއް ނުކުރެއެވެ. އަހަރެން ވަރަށް ލަދު ގަތެވެ. އޭނާ ނެގުމަށް އެހީތެރިވި ކުދިން އޭނާ ނަގަން އުޅުނު ވަގުތު ވަރަށް ބޮޑަށް އަތަށް ތަދުވާތީ އުޅުނެވެ.

އަހަރެންނަށް ބުނެވުނުހާ ވެސް ބަހަކީ ވަރަށް ބޮޑަށް މައާފު ކުރޭ މިހެންނެވެ.

އޭނާ ރުޅިއެއް ނާދައެވެ. ނަމަވެސް އުޅެނީ އަތަށް ވަރަށް ބޮޑަށް ތަދުވާތީއެވެ. މޫނުމަތީގެ ކުލަ ވަރު ހުރިގޮތުން އެކަން އެނގެއެވެ. ގޭދޮށުގައި މަގުބައްތިއެއް ނެތުމުން މާކަބޮޑަށް ލިބިފައި ހުރި ކޮންކަހަލަ ޒަޚަމެއް ކަމެއް ސާފެއް ނުވެއެވެ. އެދުވަސް މަރު މިހާރުހާ ގިނަ ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓެއް ނުހުރެއެވެ. ބޮޑެތި މަގުތައް ފިޔަވާ ގިނަ ގޯޅިތަކާއި މަގުތަކުގައި އޮންނަނީ ފަނޑު އަލި ކަމެކެވެ.

މަޑު މަޑުން ހިނގާފައި ގޮސް ގެއަށް ވެދެވުނީ ދެފިކުރެއްގައި ހުރެއެވެ. އަލުން އަލިފާން ބަލާ ދާނީބާވައޭ ހިތަށް އެރިއެވެ. ލަދުގަނެފައި ހުރިވަރުން ފަސް އެނބުރި ބަލައެއް ނުލަމެވެ. ފަހުން ބޭރަށް ނުކުނަން ވެސް ނުކެރުނީއެވެ. ގޭގައި އުޅޭ ކުއްޖަކު ލައްވާ އެގެއިން އަލިފާންކޮޅެއް ގެނެސް ގެން ބަތްޕެން ކެއްކީއެވެ. އަހަރެމެން ގޭގައި ރޭގަނޑު ބާރަ ޖަހާއިރު ހާރުކައެވެ. އެރޭ ނިދަން އޮތް އިރުވެސް ޚިޔާލު ކުރެވެނީ އޭނާއާ މެދުގައެވެ. ނިދުނުއިރު ވަރަށް ދަންވެއްޖެއެވެ.

ފަތިސް ނަމާދަށް ތެދުވިއިރު ވެސް ރޭގައި ދިމާވި ކަންތަކުގެ މަތިން ހަނދާން ވަނީ އެވެ. އޭނާ އަށް ލިބުނީ ކޮންކަލަ އަނިޔާއެއްތޯ އޭ ވެސް ހިތަށް އަރަނީއެވެ. އަދި އެއީ ކޮން ގެއެއްގެ ކާކުބާވައޭ ވެސް އެތައް ފަހަރު ހިތަށް އެރިއެވެ. ފަތިސް ނަމާދުގެ ފަހުގައި އޭނާއަށް ހެޔޮ ދުއާ ކުރެވުނެވެ. އަހަރެންގެ ފަރާތުން މީހަކަށް ދެރައެއް ވާ ޒާތުގެ ކަމެއް ވެއްޖިއްޔާ އަބަދުވެސް ވަރަށް ދެރަވެއެވެ. އިސްކޫލުގައި އުޅުނު އިރުވެސް މިކަން ވަރަށްބޮޑެވެ. އިރު އެރުމުގެ ކުރިން އަލުން އޮށޯވެލީމެވެ. ނިދުނުތަނުން ފެންނާނީ އޭނާއާއި ވާހަކަ ދައްކާ ތަނެވެ. އަދި ލިބުނީ ކޮން އަނިޔާއެއްތޯ ސުވާލު ކުރާތަނެވެ. މިސަކަރާތެއްގައި އުޅެފައި ހޭލެވުނީ ނުވައެއް ވެސް ޖެހިފަހުންނެވެ.

ކޮންމެ ރޯދަ މަހަކަށް އަހަރެން އުޅޭ އޮފީހުން ޗުއްޓީ ނަގަމެވެ. ބޭނުމަކީ މަންމައަށް އެހީތެރިވެދިނުމެވެ. ރޭގަނޑު ގިނަ ވަގުތު އަޅުކަން ކުރުމަށެވެ. އަހަރެންގެ އުމުރުން މިހާރު 22 އަހަރު ފުރިއްޖެއެވެ. ކައިވެންޏެއް ކުރުމުގެ ނިޔަތުގައި ދެކުއްޖަކާ ރައްޓެހި ވީމެވެ. ނަމަވެސް އެކުދިންގެ އުޅުމާއި އަޚްލާޤު އަދި ކައިވެނީގެ ކުރިން އެކުދިން ބޭނުންވާހާ ގޮތަކަށް ކަންކަން ކުރަން އަހަރެން ނުރުހޭތީ ރުޅިވަނީއެވެ. އެކަމުން އަހަރެންނަށް މާބޮޑު އަސަރެއް ކުރެއެވެ.

އަހަރެންގެ މަންމަ އާއި ބައްޕަ އަކީ ވެސް ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ އަދި އަޚްލާޤު ރަނގަޅު ދެމީހުންނެވެ. އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެއަކާއި ދެ ކޮއްކޮ ތިބެއެވެ. ބޭބެ ދިރިއުޅެނީ އޭނާގެ އަންހެނުންގެ ގޭގައެވެ. ދެކޮއްކޮ އަދި ކުޑައެވެ. އެއް ކުއްޖެއްގެ އުމުރުން 8 އަހަރެވެ. އަނެކަކަށް 10 އަހަރެވެ. އަހަރެންގެ މަންމަގެ އުންމީދަކީ އަހަރެން އަވަހަށް ކައިވެންޏެއް ކުރުމެވެ. އެކަމާ އަހަރެން ވެސް ވިސްނަމެވެ. އަޚުލާޤު ރަނގަޅު ކުއްޖަކު ހޯދުމަކީ އަޒުމެކެވެ.

އަހަރެން އިސްކޫލުގައި އުޅުނުއިރު ކުދިން ކިޔާ އުޅުނީ ކަޅު ހައްޖައެވެ. ސަބަބަކީ އަހަރެން ކަޅު ކޮށް ހުންނާތީއެވެ. އެކަމާއި ވަރަށް ދެރަވެއެވެ. އިސްކޮޅާ ރޫފަވެސް އެހާ ރަނގަޅެއް ނޫނެވެ. ނަމަވެސް މިހާރު އަހަރެން ރޫފަ ވެސް ރަނަގަޅެވެ. ރަނގަޅު ކާނާ ކެވޭތޯ ބަލަމެވެ. އަދި ރީތި ވުމަށް ވެސް އިސްކަން ދެމެވެ. އެކަމަކު ވެސް ހިތުގައި އޮންނަނީ އިންނާނެ މީހަކު ނުލިބޭނެ ކަމުގައެވެ. ރައްޓެހިވި ދެކުދިން ވެސް ބޭނުންވީ އިންނާކަށް ނޫނެވެ. އުފާކޮށް މަޖާ ކުރާށެވެ. ވަގުތީ ގުޅުމަކަށެވެ. އެކަން ކަމުގެ ސަބަބުން ހިތަށް އަރަނީ އަހަރެންދެކެ ހަގީގީ ލޯބި ވާނެ މީހަކު ވާނެ ބާވައެވެ!

ބައިސިކަލް އެކްސިޑެންޓްގައި ދިމާވި ޒުވާނާ ގެ މަގުސަދަކީ ވެސް އެއީ ކަމަށް އޮތީ ބެލެވިފައެވެ. އެހެން ކަމުން ކުއްޖަކާއި ރައްޓެހި ވިއަސް ލަނޑެއް ލިބިދާނެ ކަމުގެ ބިރު ވެސް ހިތުގައި އޮވެއެވެ. ރައްޓެހިވި ދެކުދިންގެ ދަލުގައި ނުޖެހި ސަލާމަތް ވީތީ މިއަދު އުފާވެއެވެ.

ޖެހިގެން އައިރޭގައި ވެސް އޭނާ ހުވަފެނުން ފެނުނެވެ. މިކަމުގެ ސަބަބުން ހިތް ބުނަނީ އޭނާއާއި ވާހަކަ ދެއްކުމަށެވެ. އޭނާ ހޯދުމަށެވެ. އަހަރެން އޮފީހަށް ނުދާތީ މަގުމަތިން ވެސް އޭނާ ނުފެންނާނެ ތާއެވެ. ބައެއް ވަގުތު ގޭ ދޮރާށި ދޮށަށް ވެސް ނުކުންނަމެވެ. ހަމަ އެންމެ ބޭނުމަކުއެވެ. އޭނާ ފެނޭތޯއެވެ.

ހަފްތާއެއްގެ ފަހެވެ. ރޯދަ ވީއްލުމުގެ ކުރިން ދެ ކޮއްކޮ ގޮވައިގެން ބަކަރި ކޮށި ބަލައިލަން ދާން ނުކުތީމެވެ. އެދުވަސް ވަރު މާލޭގައި ބަކަރި ކޮށިތައް އޮތެވެ. އަހަރެން ނުކުތީ ޓީވީ ޓަވަރު ކައިރީ އޮންނަ ބަކަރި ކޮށިދޮށަށް ދާށެވެ. އަހަރެމެންގެ ގެއާއި މާކަ ދުރެއް ނޫނެވެ. ދިހަވަރަކަށް މިނެޓުން ހިނގާލާފައި ދެވޭނެއެވެ. އޭރު ގަޑިން ފަހެއް ޖަހަނީއެވެ. އިރުއޮއްސޭނީ ހަޔެއް ޖަހާ ބޮޑުވާފަހުންނެވެ. މިއަދު ވެސް ހިތުގައި ހިނގަނީ އެރޭގެ ހާދިސާއެވެ. އޭނާ ފެނޭތޯ ފަސް އެނބުރި ބަލައި ލެވެއެވެ.

ބަކަރި ކޮށި ދޮށުގައި އެކި އުމުރުފުރާގެ ކުދިން ބަކަށްޓަށް ކާންދޭން ތިއްބެވެ. އަހަރެން ވެސް ފަތްކޯޅިއެއް ގޮނޑުން ނަގައިގެން އައިސް ކޮއްކޮމެން އަތަށް ދިނީމެވެ. އެކުދިންނަށް މިކަންވީ ވަރަށް މަޖާ ކަމަކަށެވެ. އިރު އޮއްސެން ގާތްވުމުން ގެއަށް ދާން ހިނގައި ގެންފީމެވެ. އެދުވަސް ވަރު މަޑި އެއްލުމާއި މަގުމަތީގައި ބުމަރު ޖެހުމާއި އަތިރި މަތީ މަންޑި ކުޅޭ ކުދިން ވެސް އުޅެއެވެ. އަހަރެން ގޮޑު ދޮށުން އައިސް އެއް ގަމަށް އަރަނިކޮށް ކަނޑައިގެން ދިޔަ މަޑިއެއް އަހަރެމެންނާއި ވަރަށް ގާތަށް ވެއްޓިއްޖެއެވެ. އަހަރެންގެ ދެ ކޮއްކޮ ދުވެފައި ގޮސް މަޑި ނަގައިފިއެވެ. އެވަގުތު ކުޑަ ކުއްޖަކު ދުވެފައި އައިސް ބުންޏެވެ. ތިޔައީ އަހަރެންގެ މަޑިއެކެވެ. ދޭށެވެ. އަހަރެންގެ ދެ ކޮއްކޮ ހިލާ މަޑި ދޭކަށް ބޭނުމެއް ނުވިއެވެ. އެވަގުތު އަހަރެންގެ ފުރަގަހުން މީހަކު ބުނާ އަޑު އިވުނެވެ.

ކޮއްކޯއެވެ. މަޑި ދޫކޮށްލާށެވެ.

އަހަރެން ފަސް އެނބުރި ބަލައިލީމެވެ. ފެނުނީ އަހަރެން ހިތުގައި ހަރުލާފައި ވާ މޫނެވެ. އެރޭ އަހަރެންނާ މުޑި އެރި އަދި އެތަކެއް ދުވަހު އަހަރެންގެ ފަހަތުން މުގޯލި އެޅި ޒުވާނާއެވެ. ކުއްލިއަކަށް ފިނިވެ ބަސްހުއްޓުނެވެ. ލަދުވެސް ގަތެވެ. ގަދަކަމުން ހީނލެވޭތޯ ބެލީމެވެ. އޭނާ އަހަރެންގެ ގާތަށް އަތުވެއްޖެއެވެ.

މޫނު ފިޔަވާ މުޅި މީހާ އަށް ބަލައިލެވުނެވެ. އޭނާގެ އަތުގައި އޮތީ އޮއްޓޮ އަޅާފައެވެ. ކަރުގައި ވަނީ ވާކޮޅެއް އައްސާ އަތް ލަންބާލާފައެވެ. މޫނު މަތީގެ ދެތަނެއް ހަލާކުވެ ކުރަމަގާލި ލާން ފަށާފައި ހުއްޓެވެ. އޭނާ އަށް ވެފައި ހުރި ގޮތް ފެނިފައި ދެރަވިއެވެ. އަދި ބޭއިޚްތިޔާރުގައި ބުނެވުނެވެ.

އަހަރެންނަށް މައާފު ކުރާށެވެ. އެރޭ އަހަރެން ގަސްދުގައި އެއްވެސް ކަމެއް ނުކުރަމެވެ.

އޭނާ އަހަރެންނާ ހަތަރު ކަޅި ހަމަ ކޮށްލާފައި ބުންޏެވެ. މައާފު ކުރާނީ ޝަރުޠެއްގެ މަތިންނެވެ. އަހަރެންނާ އެންމެ ފަހަރަކު ނަމަވެސް ބައްދަލު ކޮށްލަން އެއްބަސް ވާށެވެ.

އަހަރެންނަށް ވަކި ޖަވާބެއް ދޭން ނޭގިފައި ކުޑައިރު ކޮޅަކު ހުރެވުނެވެ.

އަނެއްކާ ވެސް އޭނާ ވާހަކަ ދައްކަން ފެށިއެވެ.

އަހަރެންގެ ނަމަކީ އަހުމަދު އަދީލު އެވެ. އަހަރެންގެ ސުވާލަށް ޖަވާބެއް ނުދޭނަންހެއްޔެވެ؟

އެވަގުތު އަހަރެން ނަށް ބުނެވުނެވެ. ނޫނެކެވެ. މިރޭ ނުވައެއް ޖަހާއިރު އަހަރެމެން ދެމީހުން މުޑި އެރި ތަނަށް އަންނާށެވެ. އަހަރެންގެ ނަމަކީ ޚަދީޖާ ޢަލީއެވެ.

އެރޭ އިޝާނަމާދުން ފޭބި އިރު ވެސް ހިތް ބިރުން ވިރެނީއެވެ. ކުރިން ރައްޓެހިވި ކުދިނާ ބައްދަލު ކުރި ފަހަރަށް ވުރެ މިފަހަރު އަތްފައި ފިނިވެ ނާއަވަސް ވާހެން ހީވެއެވެ. ބޮޑު ކަމެއް ވާން އުޅެނީއޭ ވެސް ހީވެއެވެ. އަވަސް އަވަހަށް ގިފިއްޔަށް ވެސް ދާންޖެހެވެ. އަހަރެން އުޅޭ ގޮތުން މަންމަ ދެފަހަރަކު ސުވާލު ކުރިއެވެ.

އަހަރެން މަންމަ ކައިރިން ކުއްޖަކާ މިރޭ ބައްދަލު ކޮށްލަން އުޅޭ ވާހަކަ ބުނީމެވެ. މަންމަ ގެ އެދުމަކީ މަގުމަތީގައި ނުވަތަ ގޭ ދޮރާށި ދޮށުގައި ނުތިބުމެވެ.

އެދުވަސް ވަރު ގެ އާދަކާދަ ހުންނަ ގޮތުން ރައްޓެހި ވެގެން އުޅޭ ކުދިން ރޭގަނޑު ގޭގޭގެ ދޮރާށި ދޮށުގައި ނުވަތަ މަގުމަތީގައި ވާހަކަ ދައްކަން ކަންކަން މަތީގައި ތިބެއެވެ. އެއީ މާރީތި ކަމަކަށް ބައެއް މީހުން ގަބޫލެއް ނުކުރެއެވެ. ގޯތީގެ ހުސްޖާގައިގަޔާއި ގޭގޭގައި ހުންނަ ޖޯލިފަތީގައި ވެސް ލޯބި ވެރިން ބައްދަލުކޮށް ހަދައެވެ.

އަހަރެމެންގެ ގެއަކީ ވެސް ހުސްޖާގަ ބޮޑު ދޮރުމަތީގައި ތަފާތު ގަސް އިނދާފައި ހުންނަ ގެއެކެވެ. ހުވަނދުމަލާއި އިރުދޭމަލެވެ. އަސުރުމާ ގަސްތަކެވެ. ބޮޑު ހިރުނދު ގަހެއްވެސް ހުރެއެވެ.

އަހަރެން ހުރީ ގަޑި ބަލަ ބަލައެވެ. އަތުގައި އޮތް އެންމެ ރީތި ހެދުން ލައިފީމެވެ. މޫނުގައި ސްނޯ އުގާޅާލުމަށްފަހު ޖޭސްމިން ސެންޓް ވެސް ޖަހާލީމެވެ. އޭރު މާގިނަ ވައްތަރު ތަކުގެ ސެންޓެއް ނުހުރެއެވެ. ލިބޭ މުސާރަ ކުޑަކަމާ އެކު މާބޮޑުތި ޚަރަދު ތަކެއް ނުކުރެވެއެވެ. އެސެންޓް ފުޅިއަކީ ވެސް ބައްޕަ ގަނެދެއްވި ފުޅިއެކެވެ.

ގަޑިން ނުވައެއް ޖެހިއިރު އަހަރެން ހުރީ ދޮރާށި ދޮށުގައެވެ. ބައިސިކަލް ބައްތި ތަކުގެ އަލި ފެނި ގެއްލި ދެއެވެ. ކުއްލިއަކަށް އައިސް މަޑު ކޮށްލީ އަދީލެވެ. އަހަރެން އެދުނީ އެތެރެއަށް ވަނުމަށެވެ. އޭނާ ދެކޮޅެއް ނަހަދައެވެ. ބައިސިކަލް މަގުމަތީ ފާރުގައި ލައްކޮށްލަން އުޅުމުން އަހަރެން ބުނީމެވެ. އެތެރެއަށް ވައްދާށެވެ. ފަހަރުގައި ގެއްލިދާނެއެވެ.

މިރެއަކީ ރަމަޟާން މަހުން 13 ވިލޭރެއެވެ. ހަނދުގެ އަލިކަން ގޯތި ތެރޭގައި ހުރި ހިރުނދު ގަހުގެ ފަތްތަކުގެ ތެރޭން އަހަރެމެން ދެމީހުން ތިބި ޖޯއްޔަށް އެޅިފައި ހުރީ ވަރަށް ނަލަ ކޮށެވެ.

އަދީލު ވާހަކަ ދައްކަން ފެށީ ވަރަށް މަޑު މައިތިރި ކަމާއެކު ގައެވެ. އޭނާއަށް އަހަރެން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ލޯބި ވެވެނު ކަމަށާއި އެކަމަކު އަހަރެން ނުގަބޫލުވުމުން ކުރި އަސަރުގެ ވާހަކައެވެ. އެކްސިޑެންޓްގެ ސަބަބުން އޭނާގެ އެއް އަތުގައި ރެނދުލި ވާހަކައާއި މޫނުމަތީގެ ދެތަނެއް ދެލިކޮޅުގެ ސަބަބުން ފިހުނު ކަމުގައެވެ. އަދި އޭނާ މާގިނަ ދުވަހު ރައްޓެހި ވެގެން ނޫޅެ ކައިވެންޏަކާއި ހަމައަށް ދާން ބޭނުން ވާކަމުގައެވެ.

އަހަރެން ވަރަށް އަސަރާއެކު ބުނީމެވެ. އަހަރެން އަދީލުގެ ވައުދު ފުރިހަމަކޮށްދީފީމެވެ. އަހަރެންގެ ވައުދެއް ވެސް އެބައޮތެވެ. އެއީ އަހަރެންގެ ފުށުން ލިބުނު އަނިޔާއަށް ފަށްފަށުން މައާފު ކުރުމެވެ.

އޭނާ އަހަރެންނާ ހަތަރުކަޅި ހަމަކޮށްލަމުން ބުންޏެވެ. ފަށްފަށުން މައާފުކޮށްފީމެވެ.

ކުޑައިރުކޮޅަކު ހިމޭނުން ތިބީމެވެ. ވިލާކޮޅެއް ހަނދާއެޅި ނިވާވަނީއެވެ. އަނދިރިވެ ލީ ކުޑަ ވަގުތު ކޮޅަކަށެވެ. ހެޔޮ ވަރު ވަރަކަށް ނަލަ ރީތި ވައިޖެހޭ ރެއެކެވެ.

އަހަރެންނަށް ވުރެ ރީތި ދޮންކުދިންވެސް އަދީލަށް ލިބޭނެ ނޫންހެއްޔެވެ؟ ވީއިރު އަހަރެން ޚިޔާރު ކުރީ ކީއްވެގެންތޯއެވެ؟

މިސުވާލަށް އޭނާ ދިން ޖަވާބަކީ ރީއްޗަކީ ކަޅުވުމުން ދޮންވުމުންވާ އެއްޗެއް ނޫނެވެ. ދެލިކޮޅެއް ފަދަ ޚަދީޖާގެ ރީތި ކަމަކީ އަޚުލާޤެވެ. އަހަރެން އެކަން ހޯދައި ބެލީމެވެ. އަނބި ރީތީ ހެވިއްޔާއެވެ.

ދެލިކޮޅުގައި އެރޭ އަލިފާން ރޯނުވިއަސް ދެލިކޮޅުރީތި ވަނީ އަލިފާން ރޯވީމައެވެ. ދެން މިދެލިކޮޅު ނިވޭކަށް އަހަރެން ބޭނުމެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރިޔަމް

    ވަރަށް ސިންޕަލް އެކަމަކު ވަރަށް އަސަރުއެކުލެވިގެންވާ ވާހަކައެއް. ކިޔާލުމުން ސިފަވީ އަހަރެންގެ އަމިއްލަ ދިރިއުޅުން. އަހަރެންގެ ފިރިމީހާ ވެސް އަހަރެން ކައިރީގައި ބުނި ވާހަކަތަކާއި ވަރަށް އެއްގޮތް. ވަރަށް ރީތި. (:

  2. މަރިޔަމް

    ވަރަށް ސިންޕަލް އެކަމަކު ވަރަށް އަސަރުއެކުލެވިގެންވާ ވާހަކައެއް. ކިޔާލުމުން ސިފަވީ އަހަރެންގެ އަމިއްލަ ދިރިއުޅުން. އަހަރެންގެ ފިރިމީހާ ވެސް އަހަރެން ކައިރީގައި ބުނި ވާހަކަތަކާއި ވަރަށް އެއްގޮތް. ވަރަށް ރީތި.