ޖަންގަލީގައި ސަލާމަތްވުމުގެ ހުނަރު ހުރިކަން ދެއްކުމަށް އެމެރިކާ އަދި ތައިލެންޑުގެ ސިފައިން ކޯބްރާ ހަރުފަތަކެއް މަރާލުމަށްފަހު އޭގެ ލޭ ބޮއެފިއެވެ.

"ކޯބްރާ ގޯލްޑް" އަކީ އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް އަސްކަރީ ތަމްރީނެވެ. މި ތަމްރީނުގައި އާންމުކޮށް އެމެރިކާ، ތައިލެންޑު އަދި ދެކުނު ކޮރެއާގެ އެތައް ހާސް ސިފައިން ބައިވެރިވެއެވެ.

10 ދުވަހަށް ކުރިއަށްގެންދާ މި އަސްކަރީ ތަމްރީނުގައި ތަމްރީނުގެ ތެރެއިން ޖަންގަލީގައި ދިރިއުޅުމުގެ އުކުޅުތައް ސިފައިންނަށް ދަސްކޮށްދެއެވެ. އެގޮތުން ހޯނު ކެއުމާއި، ނަގުލަންދާށިން ވިހަ ނެގުމާއި، ފައިދިގު މަކުނު ކެއުމާއި ހަރުފައިގެ ލޭ ބުއިން ހިމެނެއެވެ.

މި އަހަރު ބޭއްވި "ކޯބްރާ ގޯލްޑް" ތަމްރީނުގެ ތެރެއިން ތައިލެންޑުގެ ޗޮންބުރީ ޕްރޮވިންސުގެ ނޭވަލް ބޭސްއެއްގައި ވަނީ ތަފާތު ހުނަރު ދެއްކުމުގެ ރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކޯބްރާ ހަރުފަތައް ގްރިލްކޮށްގެން ސިފައިން ވަނީ ކައިފައެވެ.

އޭގެ ތެރެއިންވެސް ގިނަ ބަޔަކަށް ހައިރާންކަން ގެނުވީ ހަރުފަތައް މެރުމަށްފަހު އޭގެ ލޭ ސިފައިން ބޯތަން ފެންނަ މަންޒަރުންނެވެ. އެކަމާ ގުޅިގެން ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ފަރާތްތަކުންވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

މި އަހަރުގެ "ކޯބްރާ ގޯލްޑް" އަސްކަރީ ތަމްރީނުގައި 29 ގައުމަކުން 11075 ސިފައިން ވަނީ ބައިވެރިވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު