ކުޑަކުޑަ ޢަލީ ދުވާތާ މިހާރު ދިހަވަރަކަށް މިނެޓް ވެއްޖެއެވެ. މާނޭވައިލެވި ގިސްލެވި ރޮވެނީއެވެ. މަގުމަތިން ފެންނަ ބައެއް ކުދިން ވެސް ޢަލީއަށް ގޮވައިލައެވެ. އަޑު އިވޭ ކަމަކަށް ނުވެއެވެ. އެއަށް ވުރެ ޢަލީއަށް ލިބިފައިވާ ބިރުވެރިކަން މާބޮޑެވެ. ގެއާއި ހަމައަށް ދެވުނު ތަނުން ބިންމައްޗަށް ވެއްޓިއްޖެއެވެ.

ކަކޫ ވަނީ މެށިފައެވެ. ހިތްވަރު ކޮށްފައި ތެދުވެގެން ދުއްވައިގަތީއެވެ. ގޭތެރެއަށް ވަދެގެން ދިޔައިރު އޭނާގެ މަންމަގެ ގައިގައި ވެސް އަޅައިގަތެވެ. ނަސީބަކުން މިފަހަރަކު ނުވެއްޓެއެވެ. މަޑުނުކޮށް އަވަސްއަވަހަށް ވަނީ ގިފިއްޔަށެވެ. ގިފިލީގެ ދޮރު ތަންޑު އެޅުވުމަށް ފަހު ފުންކޮށް ދެތިން ފަހަރު ނޭވައިލިއެވެ. އަދި ވެސް މާނޭވައި ލެވެނީއެވެ. ވަށައިގެން ހޯދައި ބަލައިލުމަށްފަހު ލައިގެން ހުރި ސޯޓުބުރިއާއި ގަމީސް ބައިލައިފިއެވެ. އަދި ގަޔަށް ފެންއަޅަން ފަށައިފިއެވެ. އެތައް އިރަކު ފެން އެޅިއެވެ. ވަރުބަލިވެގެން ދާނިން ފެން ނުނެގޭވަރު ވުމުން ހުއްޓައިލިއެވެ.

މިއީ މި ގޮތަށް ދިމާވި ފުރަތަމަ ދުވަހެއް ނޫނެވެ. ޢަލީއަށް ހިމާޔަތް ދޭނެ އަދި ޢަލީގެ އަޑު އަހަން ހުރިމީހަކީ އޭނާގެ މަންމައެވެ. ޢަލީގެ ބައްޕަ ނިޔާވީ ސިގެއްލާ ރޯގާގައެވެ. އެއްބަނޑު އެއްބަފާ އަދި އިތުރު ދެ ކުދިން ތިބެއެވެ. އެންމެ ދޮށީ ޢަލީއެވެ. މިހާރު ޢަލީގެ ޢުމުރަކީ ނުވަ އަހަރެވެ.

ފެން ވަރައިގެން ނުކުމެ ހެދުން ލައިގެން ހަރުކޮށް ހިނގާފައި ދިޔައީ މިސްކިތަށެވެ. އޭރު ޖަމާއަތުގެ ނަމާދު ނިމިގެން މީހުން މިސްކިތުން ފައިބަނީއެވެ. ކުޑަ ކުދިންގެ އާދަ ހުންނަ ގޮތުން ޖަމާއަތުގެ ނަމާދު ނިމުމުން ނަމާދު ކޮށްލާނީ ވަރަށް އަވަސް ކޮށްލާފައެވެ. ނަމަވެސް މިއަދު ޢަލީ ނަމާދު ކުރަމުން ދިޔައީ ވަރަށް ލަސްލަހުންނެވެ. އޭނާއަށް ކޮށްފައިވާ އަސަރުގެ ބޮޑު ކަމުން އެކަމާ ވިސްނެނީއެވެ.

ޢަލީގެ ކާފައަކީ ރަށު މަދަރުސާގެ މަސައްކަތު މީހެކެވެ. ޢަލީއާ ދޭތެރޭ ކާފަ ދެކެނީ މުޅިން އެހެން ނަޒަރަކުންނެވެ. ލޯބިން ގޮވައިލަނީ ވެސް ކާފައަކު ގޮވާ ގޮތަކަށް ނޫނެވެ. މިއަދު ވެސް އަތިރިމަތީގައި ކުޅެން އުޅެފައި އޮޑި ހަރުގެއަކަށް ވަންތަނުން ކާފަ އޭނާގެ ގައިގައި އޮޅުލައި ގަތީއެވެ. އަދި އަތްލާން ނުޖެހޭ ތަންތަނުގައި އަތްލީއެވެ. ކާފަގެ ކިބައިން މިއަދު ސަލާމަތްވީ ހަމަ ކިރިޔާއެވެ. ދެން ހެދޭނެ ގޮތެއް ނެތުމުން ކާފަގެ އަތުގައި ދަތް އެޅީއެވެ. އެ ވަގުތު ކާފަގެ އަތަށް ވީ ތަދުން ތެޅިގަތް ވަގުތު އަތްފޮޅުވާލައި ސަލާމަތް ވެގެން ދުއްވައި ގަތީއެވެ. ކާފަވެސް ޢަލީގެ ފަހަތުން ދުވިއެވެ. ނަމަވެސް ވަކި ހިސާބަކުން ކާފަ ވެއްޓުނީއެވެ. އެތަން ޢަލީއަކަށް ނުފެނެއެވެ. އެހެންވެ ގެޔާއި ހަމަ އަންނަން ދެން ދުވީ ކާފަ އޭނާ ފަހައި ދުވާކަމަށް ހީވާތީއެވެ.

ޢަލީގެ ކާފަ ހަސަންބެއަކީ އިސްކޮޅުން ދިގު މީހެކެވެ. ރޫފަހެޔޮ އަދި ވަރުގަދަކޮށް ހުންނަ މީހެކެވެ. ބޮލުގެ އިސްތަށިތައް ވަނީ މުޅިން ނުރަވެފައެވެ. ތުނބުޅިއާއި މަތިމަހުގެ އިސްތަށިތައް ވެސް ހުންނަނީ ވަކި ތަރުތީބެއް ނެތިއެވެ. އަތުގައި ވެސް ބޯކޮށް އިސްތަށި ހުރެއެވެ. މޫނުމަތީގައި އުފާވެރިކަމެއް ނުހުރެއެވެ. އަބަދުވެސް ހީވަނީ ކަމަކަށް ތައްޔާރު ވެގެން އުޅޭ ހެންނެވެ. މީހުންނާއި ހަތަރުކަޅި ހަމަކޮށް ބަލައެއް ނަހަދައެވެ. ބަލަނީ ވަށްކަޅިންނެވެ. އަންނަނީ މުންޑެވެ. ލަނީ އަތްކުރު ގަމީހެވެ. އަރައިގެން ހުންނަ ފައިވާން ފަޔަށްވުރެ ބޮޑެވެ. ބިންމަތީގައި ހިނގާއިރު ފައިކާއްތަމުން ހިނގައެވެ. ގިނައިރު ހުންނަނީ ދުފާ ރަތްކޮށްފައެވެ.

ޢަލީ މިހާރު ކިޔަވަމުން ދަނީ ރަށު މަދަރުސާގެ ދެވަނަ ކިލާހުގައެވެ. އެ ކިލާހުގައި އުޅޭ ޢަލީއާ އެކުވެރި ދެ ކުއްޖަކަށް ކާފަ މެޓައާއި ލާރި ދޭ ވާހަކަ ވެސް އެ ކުދިން ބުނެއެވެ. ނަމަވެސް އޭގެ ބަދަލުގައި ކާފަ އެ ކުދިންނަށް ކުރަނީ ކޮންކަމެއް ކަމެއް ޢަލީ ގާތުގައި އެ ކުދިނެއް ނުބުނެއެވެ.

ނަމާދުން ފައިބައިގެން ޢަލީ ގެއަށް އައިސް ވަންތަނުން މަންމަ ވަރަށް އަޑު ހަރުކޮށް ޢަލީއާ ދިމާއަށް އެއްޗެތި ގޮވަން ފަށައިފިއެވެ. ކާފަ އަތުގައި ދަތްއެޅި މައްސަލައިގައެވެ. ކާފަ ވަނީ ކަން ހިނގިގޮތް އޮޅުވައިލައިފައެވެ. ޢަލީގެ މަންމަ ކައިރީގައި ބުނީ ލޯބިން އަލީގެ ގައިގައި ފިރުމައިލައި ބައްދައިލުމުން ޢަލީ ނުރުހިގެން ދަތްއެޅީ ކަމަށެވެ. ޢަލީ ކަން ހިނގިގޮތް ކިޔައި ދިނެވެ. ނަމަވެސް އޭނާގެ ވާހަކަ އަޑު އަހާކަށް މަންމަ ބޭނުމެއް ނުވިއެވެ.

ޖެހިގެން އައި ދުވަހު މެންދުރު މާމަގެއަށް ކާން ހިފައިގެން ދިޔައީ ޢަލީއެވެ. ޢަލީގެ މާމަގެ އުނަގަނޑުމަތިން ބިނދި އެނދުގައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޢަލީއަށް ކާފަ ކުރާ ކަންތަކުގެ ވާހަކަ މާމަ ގާތުގައި ރޮއިރޮއިފައި ކިޔައިދިނެވެ. ކާފަދެކެ ލޯބި ނުވާ ވާހަކައާއި ބިރު ގަންނަ ވާހަކަވެސް ކިޔައި ދިނެވެ. އަދި ކާފަ ބުނާ ގޮތަށް ކަމެއް ނުކޮށްފިއްޔާ އަނިޔާ ކުރާ ވާހަކަ ވެސް އަސަރާއެކު ކިޔައިދިނެވެ. މާމަގެ ނަސޭހަތަކީ ކާފައާ ގާތް ނުވެ ދުރުގައި އުޅުމެވެ. އަދި މަންމައަށް އެވާހަކަތައް ކިޔައިދިނުމަށް ވެސް ބުންޏެވެ. މަންމަ އެވާހަކަތައް ގަބޫލު ނުކުރާކަމަށް ޢަލީ ބުންޏެވެ. މަންމަ އޭނާ ދެކެ ލޯބި ނުވާ ކަމަށާއި އަބަދު އަޑުލާ އެއްޗެތި ގޮވާ ވާހަކަ ވެސް ބުންޏެވެ.

ޢަލީއަށް ރޮވެން ފެށުމުން މާމައަށް ވަރަށް އަސަރު ކުރިއެވެ. އަތުގައި ހިފާ ކައިރިއަށް ގެނެސް ފިރުމައިލިއެވެ. އަދި އެނދުގައި ޢަލީ ބައިންދާފައި ބުންޏެވެ. ހިތްވަރު ކުރާށެވެ. މާމަ ތިޔަކަން ހުއްޓުވޭތޯ ބަލާނަމަމެވެ. އެކަން ކުރެވޭނީ މާމައަށް އެނދުން ތެދުވެވިގެންނެވެ.

މިބަލީގައި އަދި ކިހައި ދުވަހަކު މާމަ އޮންނަން ޖެހޭނެކަމެއް ވެސް ނޭނގެއެވެ. ކާފަ މާމައާ ދޭތެރޭގައި ވެސް ކަންތައް ކުރަނީ ރަނގަޅަކަށް ނޫނެވެ.

މަދަރުސާ ކުދިންގެ ޕިކްނިކް ދަތުރެއް ބާއްވަން ހަމަ ޖެހިއްޖެއެވެ. މި ދަތުރު ދަނީ މަތީ ކިލާހުގެ ދަރިވަރުންނެވެ. ޢަލީގެ ބޮޑުބެގެ އެންމެ ދޮށީ ދަރިފުޅަކީ މަދަރުސާގެ މުދައްރިސެކެވެ. މި ދަތުރު ދާކަން އެނގުމުން ބޮޑުބެގެ ދަރިފުޅާ ޢަލީ ބައްދަލު ކުރިއެވެ. އަދި ވަރަށް ދާހިތް ވާކަމާއި ގެންގޮސްދޭން އެދުނެވެ. އޭނާ ބުންޏެވެ. އަހަރެން ޢަލީ ގެންގޮސް ދޭނަމެވެ. އެކަމަކު ބަސް އަހައިގެން އުޅެން ވާނެއެވެ. ޢަލީ އެކަމާއި އެއްބަސް ވިއެވެ.

މަހުގެ ފުރަތަމަ ހޮނިހިރު ދުވަހު ހެނދުނު ރަށާއި އެންމެ ގާތުގައި އޮންނަ އިންނަފުށްޓަށް ދާން ހުރިހާ ކުދިން ވެސް ދޯންޏަށް އަރަން ފަށައިފިއެވެ. ޢަލީގެ ބޭބެ މުދައްރިސް ސަލީމްގެ ބެލެނިވެރިކަމުގައި ޢަލީ ވެސް ދޯންޏަށް އަރައިފިއެވެ. ޢަލީ މި ދަތުރު ދާތީ ކާފަ މައްސަލަ ޖައްސައިފިއެވެ. ނަމަވެސް ސަލީމްގެ ބަހަކީ އެއީ އަހަރެންގެ ބެލެނިވެރިކަމުގައި ދާ ކުއްޖެކެވެ. މިކަމާ ހަސަންބެ ނުބެހޭށެވެ. އަލީގެ ކާފައަށް މިވާހަކަ ހަޖަމެއް ނުވިއެވެ. މަދަރުސާގެ ނާޒިރު ގާތުގައި ވެސް ޝަކުވާ ކުރިއެވެ. ނާޒިރު އެކަމާ އަޅައެއް ނުލިއެވެ. ސަލީމް ވަނީ އަލީ ގެންދާކަން ކުރިން ނާޒިރަށް ދަންނަވައިފައެވެ.

ހެނދުނުގެ ނާސްތާ އޮތީ އިންނަފުށީގައެވެ. ހުނިލީ ރޮށްޓާއި ރިހާކުރާ ދިޔާ ހަކުރެވެ. ފަތު މަސްހުންޏެވެ. ބަނޑު ފުރެންދެން ޢަލީ ވެސް ސައި ބޮއިފިއެވެ. ސައިބުއި ގަޑީގައި ޢަލީއަށް ވައްކަޅިން ކާފަ ބަލައެވެ. މިތަން ޢަލީއަށް ފެނެއެވެ. ހީވަނީ ބުޅާ މަސްގަނޑަށް ބަލާހެންނެވެ. ކުޑަކުޑަ ޢަލީ ބިރުން އިންނަނީ ވިރިވިރިއެވެ. އެކަމު މާމަގެ ނަސޭހަތުން ހިތްވަރު ލިބި ދުރުގައި އިންނަނީއެވެ. ސައިގެ ކަންތައް ނިމިގެން ހުރިހާ ކުދިން ކުޅިވަރު ކުޅެން ފަށައި ފިއެވެ. މަދޮށި ޓީމާ ފުނައޮށް ޓީމެވެ. ޢަލީގެ ކަމަކީ މުދައްރިސް ސަލީމަށް ކުޅިވަރުގެ އެކި ކަންކަމުގައި އެހީތެރިވެދިނުމެވެ. ޢަލީ އާންމުކޮށް ސަލީމަށް ގޮވާ ހަދަނީ ސަލީމްބެއޭ ކިޔާފައެވެ.

ސަލީމު ބުނެގެން ކާފަ ހޯދަން ޢަލީއަށް ދާން ޖެހިއްޖެއެވެ. ގޮނޑުދޮށުގައި ފެންނަން ނެތީމާ އެއްގަމުގައި ހުރިތޯ ބަލަން ތަންކޮޅަކަށް ދިޔަތަނުން ކުއްޖަކާ ވާހަކަދައްކަން އެކަހެރިކޮށް ބޯށިގަސްތަކެއް ކައިރީގައި ކާފަ ހުއްޓައި ފެނިއްޖެއެވެ. ދުރުގައިހުރެ ޢަލީ ގޮވައިލިއެވެ. "ސަލީމްބެ އެބަހޯދާ"

މިއަޑަށް ފަސް އެނބުރި ބަލައިލުމާ އެކު އަޑުގައި ނެތް ތަނަށް ހަސަންބެ ހަޅޭއްލަވައި ގަތެވެ. މަށަށް ފާރަލާން ކަލޭ މިތަނަށް އައީ ކީއްކުރަން ހެއްޔެވެ. މިފަހަރު ކުޅި ދައްކައިލާނަމެވެ. ފަސްއެނބުރި ޢަލީ ބަލައިލިއިރު އޭރު އާދެވިފައި ހުރީ ދަތުރު އައިސްގެން އުޅޭ ކުދިންނާއި މާދުރަށެވެ. އަޅާ އިތިކޮށް ދުއްވައި ގަތެވެ. ހަސަންބެ ވެސް ފަންތޮށިގަނޑެއް ހިފައިގެން ދުއްވައި ގަތެވެ. ނަމަވެސް ހަސަންބެގެ މުސްކުޅިކަމާއި ފައިގައި ވަރު ނުހުންނާތީ ދުވެވެނީއަކީ ނޫނެވެ. ބާރަށް ހިނގެނީއެވެ. ޢަލީ ހަސަންބެއާ މާދުރަށް ހިނގައްޖެއެވެ.

ޢަލީ މުދައްރިސް ސަލީމްބެ ގާތުގައި ވީގޮތް ކިޔައި ދީފިއެވެ. ސަލީމްބެގެ ވާހަކައަކީ ދެން ހަސަންބެ ހޯދަން ޢަލީ ނުދިޔުމެވެ. އަދި ސަލީމްބެއާ ވަކިނުވެ ކައިރީގައި ހުރުމަށް އެދުނެވެ.

މެންދުރުފަހު އޮތީ މޫދުގެ ކުޅިވަރު ތަކެވެ. ޢަލީ އިނީ ކުޅި ބަލާށެވެ. މެންދުރު ކުރީގެ ކުޅިވަރުތަކުގައި އުޅެނިކޮށް ފައިހަލާކު ވީމާ މޫދަށް އެރެން ބޭނުން ނުވާތީއެވެ. ސަލީމްބެ ވަނީ ކޮންމެވެސް ބޭހެއް ވެސް ޖަހައިދީފައެވެ.

އަލީ އަތިރިއަކަށް ދާން ޖެހިގެން ހޭޅިފަށުގެ ގަސް ބޯ ދިމާއަކަށް ވަނެވެ. އެ ތާނގައި އަތިރިއަށް ދާން އިންދާ މީހަކު ވާހަކަދައްކާ އަޑު އިވިގެން ބޯ ހިއްލައިލާފައި ބަލައިލިއެވެ. އެއީ އޭނާގެ ކާފައެވެ. އަދި އިތުރު މީހަކު ހުރިހެން ހީވެއެވެ. އެ މީހަކު ވެސް ވާހަކަދައްކާ އަޑު އިވުނެވެ. ސިއްރުސިއްރުން ގަސްތަކުގެ ފަތްތައް ހާވައިލާފައި ބަލައިލިއެވެ. ފެނުނީ ހަވަނަ ކިލާހުގައި އުޅޭ އަންހެން ކުއްޖެކެވެ. ދެން ފެނުނު މަންޒަރު ޢަލީއަށް ބަލާކަށް ނުކެރުނެވެ. ޢަލީ ބިރު ގަތެވެ. ހިރިލާކަށް ވެސް ނުކެރުނެވެ. ތެދުވާކަށް ވެސް ނުކެރުނެވެ. އިރުކޮޅަކު އެ މީހުން އެކަމެއްގައި އުޅުނެވެ.

އެ މީހުން ދިޔަކަން ޔަގީން ވީމާ ތެދުވެ އަތިރިއަށް ފައިބާ ތާހިރުވެގެން އެނބުރި ހިނގައި ގަނެވުނީ އެ މީހުންގެ ކުރި މައްޗަށެވެ. ހަސަންބެ ލޯވަށްކޮށްލާފައި ހަޅޭއްލަވައި ގަތެވެ. މިފަހަރު މިސޮރު މަގޭ އަތުން މަރުވާނެއެވެ. ވެއްޓިފައި އޮތް ކާށްޓެއް ނަގައި ހޫރައިލިއެވެ. އަލީގެ ބޮލުގައި ޖެހި ބުރާންތިވާ ގޮތް ވިއެވެ. އަޅާ އިތިކޮށް ދުއްވައިގަންނަން އުޅެނިކޮށް ވެއްޓުނެވެ. އަނެއްކާ ތެދުވިއެވެ. ފޫކޮޅަށް ހޫނު އެތި ފަހަރެއް އެރިއެވެ. ލަކުޑިގަނޑަކުން ޢަލީގެ ފޫކޮޅުގައި ހަސަންބެ ޖެހީއެވެ. އަނެއްކާ ޢަލީ ވެއްޓުނެވެ. އެ ވަގުތު ހަސަންބެއާ އެކުގައި ހުރި އަންހެން ކުއްޖާ ގޮވަން ފަށައިފިއެވެ. އޭނާ ދޫކޮށްލާށެވެ. އޭނާއަށް އަނިޔާ ނުކުރާށެވެ. އެހެން ގޮވަމުން އެކުއްޖާ ވެސް އަޅާ އިތިކޮށް ދުއްވައި ގަތީއެވެ. އަނެއްކާ ޢަލީ ތެދުވިއެވެ. ތަންކޮޅަކަށް ދެވުނުތަނާ އަނެއް އެތި ފަހަރު ބޮނބިފަޅި މަތީގައި ޖަހައިފިއެވެ. ކުއްލިއަކަށް މީހަކު ގޮވައިލިއެވެ. ހަމަ މިހާރު ތިޔަކަން ހުއްޓާށެވެ. ފަސް އެނބުރި ބަލައިލިއިރު އެއީ އިސްކޫލުގެ މުދައްރިސެކެވެ. ހަސަންބެ އޭރުވެސް އެތިވަރު ގޮވައެވެ. މީނައާ ހެދި މީހަކަށް އަތިރިއަށް ވެސް ދެވޭކަށް ނެތެވެ.

މުދައްރިސް ދުވެފައި އައިސް ޢަލީ ނަގައިފިއެވެ. ޢަލީގެ ބޮލުން ލޭފައިބަން ފަށައިފިއެވެ. ހަމައަށް ވާހަކައެއް ނުދެއްކެއެވެ. އަޑުން އަޑުނަގައި ރޮނީއެވެ. މުދައްރިސް ހަސަންބެއާ ދިމާއަށް ހަޅޭއްލަވައިގަތެވެ. މިއޮތީ މީހެއްގެ ދަރިއެއް މަރާފައި ނޫން ހެއްޔެވެ؟ ހަމަ މިހާރު ކަލޭގެ ތިޔަ ހަޅޭކުގެ އަޑު މަޑު ކުރާށެވެ. މީ ކަލޭގެ ލޭ ހިނގާ ދަރިއެއް ނޫން ހެއްޔެވެ؟

މާނޭވާ ލެވި ވަރުގޮސްފައި އޮތުމުން ޢަލީ ނަގާ އޭނާގެ ކޮނޑުމައްޗަށް ލައިގެން ދުއްވައިގަތެވެ. ދަތުރު އައި ޓީމުގެ މެންބަރުން ރިޔާ ދަމައިގެން ތިބި ބޮޑު ނިކަގަސްދޮށުގައި ޢަލީ ބޭއްވިއެވެ. ބޮލުން ފަޅައިގެން ދިޔަތަން ފޮތިގަނޑަކުން ބާރަށް އެއްސިއެވެ. އަލީގެ ބޭބެ މުދައްރިސް ސަލީމް ވެސް މޫދުން އަރައިގެން ދުވެފައި އަތުވެއްޖެއެވެ. މަދަރުސާގެ ހުރިހާ ކުދިން ވަނީ ޢަލީ ކައިރިއަށް ޖަމާވެފައެވެ. ކުޅިވަރުތައް ހުއްޓިއްޖެއެވެ. ޢަލީއަށް ވީ ގޮތެއް ނޭނގިގެން ހުރިހާ ކުދިން ވާހަކަ ދައްކަނީއެވެ.

ޢަލީއަށް ލިބިފައި ވާ ޒަޚަމްތަކުގެ ސަބަބުން ދަތުރު ކުރުކޮށްލާފައި ރަށަށް ދިއުމަށް މަދަރުސާގެ ނާޒިރު ނިންމެވިއެވެ. ހުރިހާ ކުދިންގެ މޫނު މަތިން ވެސް ފެންނަނީ ހިތާމައެވެ. މޮޅިވެރިކަމެވެ. މިހާރު އަސުރަށް ވުރެ އިރު ތިރި ވެއްޖެއެވެ. ދޯނި މަތީގައި އޮތްއިރުވެސް ޢަލީގެ ހޭވެރިކަމެއް ނެތެވެ. ހަސަންބެ އިނީ އެހެން މީހުންނާ ދުރުގައެވެ. މައްސަލައިގެ ހަގީގަތް އޮތީ ފޮރުވިފައެވެ. ނަމަވެސް ހަސަންބެ ޢަލީއަށް އަނިޔާ ކުރިތަން ފެނުނު މުދައްރިސް އެކަން ފެނުނު ގޮތް މަދަރުސާގެ ނާޒިރަށާއި އަލީގެ ބޭބެ ސަލީމަށް ކިޔައި ދިނެވެ. ރަށަށް ލެފުމާ އެކު ފަތްޖެހި އެނދެއްގައި ބާއްވައިގެން ޢަލީ ގެންދިޔައީ ރަށު އޮފީހަށެވެ. ޖަމާއަތުގެ ސިއްޙީ އެހީތެރިޔާ މަސައްކަތް ކުރަނީ ރަށު އޮފީހުގައެވެ. ސިއްހީ އެހީތެރިޔާގެ ބެލުމުގެ ދަށުން ބޭސް އަޅާފައި ޢަލީ ބޭއްވީއެވެ. އެ ގޮތަށް އިރުކޮޅަކު ބޭއްވުމަށް ފަހު ގެއަށް ގެންގޮސްފިއެވެ. މިހާރު އަލީ ހޭ އަރައިފިއެވެ. ތަންތަނަށް ތަދުވާތީ ރޮނީއެވެ. އޭނާގެ މަންމަގެ ހިތަށް މިކަމުން މާބޮޑު އަސަރެއް ކުރިހެނެއް ހިޔެއް ނުވެއެވެ. ޢަލީއަށް ވުރެ އޭނާގެ ބައްޕައަށް ކުރާ އިތުބާރު ބޮޑެވެ. ހަސަންބެ އޮޑިން ފުންމާލައިގެން އައިގޮތަށް އައީ ޢަލީގެ މަންމަ ކައިރިއަށެވެ. ޢަލީގެ މަންމައަކީ ހަސަންބެގެ ހުރި ހަމައެކަނި ދަރިފުޅެވެ.

މަދަރުސާ އަންހެން ކުއްޖަކު އަތިރިއަށް ދާން އިންދާ ސިއްރުން ބެލިކަމުގެ އިލްޒާމްވަނީ ޢަލީގެ ބޮލުގައި އަޅުވާފައެވެ. ހަސަންބެއާ އެކުގައި އެ ވަގުތު އެތާ އުޅުނު އަންހެން ކުއްޖާ ވެސް އޮތީ ހަސަންބެ ބުނެދިން ގޮތަށް ވާހަކަ ފަތުރައިފައެވެ. އެއީ ހަސަންބެގެ ބިރު ދެއްކުމާއި އެކުގައެވެ. މައްސަލަ ފަޅާ އަރައިފިނަމަ ދެ މީހުން އެކުގައި ފަލީހަތް ވާނޭ ކަމުގައި ބުނެދީގެންނެވެ.

އިރު އޮއްސުނު އިރު ޢަލީގެ ހާލު ބަލައިލަން ބައްޕަ ފަރާތު ބޮޑުބެއާއި ސަލީމްބެ އެގެއަށް އައެވެ. ގެއަށް ނުވަދެވެނީސް އިވެނީ ޢަލީގެ މަންމަ އަޑުގައި ނެތްތަނަށް އެއްޗެތި ގޮވާ އަޑެވެ. ޢަލީ ބަލަން ބޭނުން ނުވާކަމަށާއި ޢަލީގެ ސަބަބުން އާއިލާއަށް ހުތުރު ލިބޭ ވާހަކައިންނެވެ. ބޮޑުބެ އިރުކޮޅަކު އެ ވާހަކަތައް އަޑު އަހަން ހުއްޓެވެ. އަދި ގޭތެރެއަށް ވަނުމަށް ފަހު ޢަލީގެ މަންމަ ގާތުގައި ބުންޏެވެ. އަހަރެން މިއައީ ޢަލީ ބަލައެވެ. އަހަރެންނަށް ޢަލީ ދޭށެވެ. ދުވަހަކު ވެސް ޢަލީއަށް ޚަރަދެއް ކުރާކަށް ނުޖައްސާނަމެވެ. ކަލޭމެންނަން ކަމުގެ ހަގީގަތެއް ނޭނގޭނެއެވެ. އަހަންނަށް ހުރިހާ ކަމެއްވެސް މިއަދު ސާފު ވެއްޖެއެވެ. އަހަރެން ޢަލީއަށް ފަރުވާ ކުރުމަށް މާލެ ގެންދަން ބޭނުމެވެ. ސިއްހީ އެހީތެރިޔާ ބުނި ގޮތުން ޢަލީގެ ބޮލަށް ބޮޑު އަނިޔާއެއް ވެފައި ހުރެދާނެއެވެ. އަދި ބުނަން ހެއްޔެވެ. ކަލޭގެ ބައްޕަ ވަނީ ޢަލީގެ އިތުރުން އެހެން ކުދިންނަށް ވެސް ގޯނާ ކޮށްފައެވެ. މާދަމާ ކަލޭގެ ބައްޕަ މާލެ ފޮނުވައިލާނެއެވެ. އަތޮޅުވެރިންގެ އެންގުމަށް ކަލޭގެ ބައްޕަ ފުރުވައިލެވެންދެން ރަށު އޮފީހުގައި ބަންދު ކުރުމަށް އަންގައިފިއެވެ.

ޢަލީއަށް ކަލޭގެ ބައްޕަ ކުރާ ގޯނާތަކުގެ ވާހަކަ މިއަދު ލިބުނު އަނިޔާތަކަށް ފަހު ސަލީމަށް އޭނާ ވަނީ ކިޔައިދިފައެވެ. އަދި ކަލޭގެ މަންމަ މިއަދު އަހަރެން ބަލާ ފޮނުވައިގެން ގެންގޮސް ހަސަންބެގެ އަނިޔާވެރިކަމާއި ގޮތްކުޑަ ކަމުގެ ވާހަކަތައް ވަނީ ކިޔައިދީފައެވެ. އަހަރެންގެ ބެލުމުގެ ދަށަށް ޢަލީ ގެންގޮސް ދިނުމަށް އޭނާ އެދުނެވެ. މިކަމާ ހުރަސް އަޅަން ނޫޅެއްޗެވެ. ހަމަ މިރޭ ޢަލީ މިގެއިން ނެރޭނަމެވެ. އަހަރެމެން ދެން މަޑަކުން ނުތިބޭނަމެވެ.

ޢަލީގެ މަންމަ އެކައްޗެކޭ ވެސް ނުބުނެ މަޑުން ހުރީއެވެ. ޢަލީގެ ބައްޕަ ނިޔާވިފަހުން އެގޭގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ބޮޑުބެއެވެ. ބޮޑުބެއަކީ ވަރަށް ހަރުދަނާ ސިފަތަކެއް ހުންނަ މީހުންނަށް އޯގާތެރި މީހެކެވެ. އަދި ދެ މަސްއޮޑި ގެންގުޅޭ ތަނަވަސް މީހެކެވެ.

އާ ދުވަހަކަށް އިރު އަރައިފިއެވެ. ބޮޑުބެއާ އެކު ޢަލީ އިތުރު ފަރުވާއަށް މާލެ ގެންދަން އޮޑިއަށް އަރުވައިފިއެވެ. ހަމަ އެ އޮޑިން ޢަލީގެ ކާފަ ކުށްވެރިއެއްގެ ގޮތުގައި މާލެ ގެންދަނީއެވެ. ރޭގައި ރަށު އޮފީހުގައި އޮތް ތަހުގީގުގައި ހަސަންބެ ވަނީ އޭނާގެ ފަރާތުން ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ ދެ ޖިންސުގެ ކުދިންގެ ވާހަކަތައް ކިޔައިދީ ބަޔާން ދީފައެވެ.