ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ މަންމައިންގެ ދުވަހު ކަރީނާގެ ދެވަނަ ދަރިފުޅުގެ ފޮޓޯއެއް ދައްކާލައިފި އެވެ.

މީސްމީޑިއާގައި ކަރީނާ ހިއްސާކޮށްފައިވާ މި ފޮޓޯގައި ކަރީނާގެ ދޮށީ ދަރިފުޅު ތައިމޫރު ޢަލީ ޚާނާއި ހަގު ދަރިފުޅު ފެނެއެވެ.

ކޮއްކޮ އުރާލައިގެން ހިނިތުންވެފައިވާ ތައިމޫރާއި ތައިމޫރުގެ ކޮއްކޮގެ ފޮޓޯއެއް ހިއްސާކޮށް ކަރީނާ ބުނެފައިވަނީ އުއްމީދަށް މުޅި ދުނިޔެ ބިނާވެފައިވާ މި ދުވަސްވަރު ކާމިޔާބު މާދަމާއަކަށް ކަރީނާއަށް އުއްމީދު އައުކޮށްދީފައިވަނީ މި ދެކުދިން ކަމަށެވެ. އަދި މަންމައިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ މަންމައިންނަށް ވެސް އަރިސްކޮށްފައިވެއެވެ.

ކަރީނާގެ މި ޕޯސްޓަށް އެތައް ބައެއްގެ ލޯތްބާއި މަންމައިންގެ ދުވަހުގެ ތަހުނިޔާތައް ލިބިފައިވެއެވެ. މީގެ ކުރިން ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރު ވަނީ އޮޅިގެން ތައިމޫރާއި ކަރީނާގެ ދެވަނަ ދަރިފުޅުގެ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށްފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އެ ޕޯސްޓު ވަނީ ޑިލީޓް ކޮށްލާފައެެވެ. މީގެކުރިން ކަރީނާ ހިއްސާކޮށްފައިވާ ފޮޓޯތަކުގައި ވެސް ދެވަނަ ދަރިފުޅުގެ މޫނު ވަނީ ފޮރުވާފައެވެ.

ކަރީނާއާއި ސައިފުގެ ދެވަނަ ދަރިފުޅަށް މަރުހަބާ ކިޔާފައިވަނީ މި އަހަރުގެ ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިއަދާއި ހަަމައަށް މި ކުއްޖާގެ ފޮޓޯ މީސް މީޑިޔާގައި ހިއްސާ ކޮށްފައެއް ނުވެއެވެ. އަދި ކަރީނާއާއި ސައިފުގެ ދެވަނަ ދަރިފުޅަށް ކިޔާ ނަން ވެސް މީސް މީޑީޔާއަށް ހާމަކޮށްފައެއް ނުވެއެވެ. ވަގުތު އައިސް ޖެހުމުން އެކަން ވެސް ކުރާނެ ކަމަށް ކަރީނާ ބުނެފައިވެއެވެ.

ދެވަނަ ދަރިފުޅަށް ދެމަސް ވެފައިވީއިރު ކަރީނާ ވަނީ އޭނާގެ ފިލުމީ މަސައްކަތްތައް ފަށައިފައެވެ.