ފިލުމު ''ބޭޖާ ފުރައި 2''، ''ސުވަދޭސް'' ފަދަ ފިލުމުތަކުގައި މަސައްކަތް ކޮށްފައިވާ އެކްޓަރ ރާހުލް ވޯރާ ކޮވިޑް-19 ބަލީގައި މަރުވެއްޖެއެވެ. ރާހުލް މަރުވުމުގެ ގަޑިއިރުތަކެއް ކުރިން އޭނާ ވަނީ ފޭސްބުކުގައި އަސަރުގަދަ ޕޯސްޓެއް ކޮށްފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ފޭސްބުކްގައި ރާހުލް ކުރި ޕޯސްޓުގައި ޓެގްކޮށްފައިވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ދިއްލީގެ ޑެޕިއުޓީ ޗީފް މިނިސްޓަރ މަނީޝް ސިސޯޑިއާއެވެ.

''އަހަރެންނަށް ވެސް ރަނގަޅު ފަރުވާއެއް ލިބުނު ނަމަ ސަލާމަތްވާނެ'' ރާހުލްގެ ޕޯސްޓުގައިވެއެވެ. މި ޕޯސްޓުގައި ފަރުވާ ހޯދުމަށް ބޭނުންވާ އޭނާގެ މަޢުލޫމާތުތައް ވެސް ހިއްސާކޮށްފައިވެއެވެ.

ރާހުލްގެ މަރު ކަށަވަރު ކޮށްދިނުމަށް ޑައިރެކްޓަރ އަރްވިންދު ގޯރު ވެސް ވަނީ ފޭސްބުކްގައި ޕޯސްޓެއް ކޮށްފައެވެ.

''ރާހުލް ވޯރާ މަރުވެއްޖެ. އަހަރެންގެ ހުނަރުވެރި އެކްޓަރ މިހާރު މި ދުނިޔެއަކު ނެތް. އިއްޔެ ވެސް އަހަރެންގެ ގާތުގައި ރާހުލް ބުނި ރަނގަޅު ފަރުވާ ލިބުނު ނަމަ އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށް. ރާހުލް ރޭގެ ވަގުތެއްގައި އަޔުޝްމާން ހޮސްޕިޓަލަށް ބަދަލު ކުރެވުނު. ނަމަވެސް އޭނާގެ ފުރާނަ ސަލާމަތެއް ނުކުރެވުނު. އަހަރެމެން އެންމެންނަށް މަޢާފް ކުރޭ. އަހަރެމެން އެންމެންނަކީ ވެސް ތިކަމުގައި ކުށްވެރިވާ ބައެއް'' އަރްވިންދުގެ ޕޯސްޓުގައިވެއެވެ.

ކޮވިޑަށް ފައްސިވެ، ފަރުވާ ހޯދުމަށް އެހީތެރިވުމުގެ ގޮތުން އެހީއަށް އެދި މިދިޔަ ހަފުތާ ރާހުލް ވަނީ ފޭސްބުކްގައި ޕޯސްޓެއް ކޮށްފައެވެ. ރާހުލްގެ މި ޕޯސްޓުގައި ބުނެފައިވަނީ ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި އެޑްމިޓް ކޮށްފައިވާ ކަމަށެވެ. އަދި އޮކްސިޖަން ލިބޭނެ އެނދެއް ހުރި ހޮސްޕިޓަލެއް ލިބޭނެތޯ ސުވާލުކޮށް ރާހުލް ބުނެފައިވަނީ އޭނާގެ އޮކްސިޖަން ލެވެލް ދަށްވާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު