ކައިވެނީގެ ހެދުން ފެހުމަށް ސާއިދާ އޭނާގެ މަންމައާ އެކު ތެޅި ފޮޅެނީއެވެ. ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަހަށް ނުނިމިދާނެތީއެވެ.

ސާއިދާގެ މަންމައަކީ ވަރަށް ރީއްޗަށް ކައިވެނީގެ ހެދުން ފަހާ މީހެކެވެ. އޭނާ ފަހާ ހެދުމުގެ ރީތި ކަމާއި އެއްވަރަށް އަގު ވެސް ކުޑައެއް ނޫނެވެ. މިފަހަރު މިފަހާ ހެދުމަކީ އެންމެ އަގުބޮޑު ވައްތަރުގެ ހެދުމެކެވެ.

ސާއިދާގެ މަންމަ ޝަކީލާ އަޙްމަދަކީ ޅަ ދުވަހުގައި މުޅި މާލެއަށް މަޝްހޫރު އަންހެނެކެވެ. ރީތި ހުސްކުރިއޭ ވެސް އޭރުގެ ޒުވާނުން ކިޔާ އުޅެއެވެ. އޭނާއާ ވާހަކަދައްކާ ލެވުނަސް އެއީ ވަރަށް ބޮޑުވަރެކެވެ. ޝަކީލާ ޖީސީ އޯލެވެލް ހެދުމަށް ފަހު މަތީ ތައުލީމަށް ދާކަށް ބޭނުމެއް ނުވިއެވެ. އޭރު ހަމަޖެހިފައި އޮންނަ އުސޫލުން ތިން އަހަރުގެ ބޮންޑެއް އަދާކުރާން ޖެހެއެވެ. ސަރުކާރުގެ ވަޒީފާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތަކަށް އިސްކޫލު ނިމޭ ކުދިން ވައްދަމުން ގެއްދެއެވެ. ވަޒީފާ ލިބުން އޮންނަނީ ވަރަށް ފަހިކޮށެވެ. ޝަކީލާއަށް ސަރުކާރުގެ އޮފީހަކުން ވަޒީފާ ލިބުނެވެ. އޭނާއަށް ވަޒީފާ ލިބުނީ ޓޫރިޒަމް ޑިޕާޓްމަންޓުންނެވެ. އެ އޮފީހަކީ އެ ދުވަސްވަރު ރީތި ކުދިން އުޅޭ އޮފީހެކެވެ. އަދި ބައެއް ކުދިން ވަންނަން ބޭނުންވާ އޮފީހެކެވެ. އެއީ އޮފީހުގައި އުޅޭ ކުދިންނަށް ޓޫރިސްޓް ރިސޯޓްތަކަށް ހިލޭ ދިއުމުގެ ފުރުސަތު ލިބޭތީއެވެ. އެއީ ރިސޯޓްތަކުގެ ކަންކަން ބަލައި ޗެކު ކުރުމަށެވެ.

ޝަކީލާގެ ރީތި ކަމާ ހުރެ ރަސްމީ ފުރުސަތުތަކުގެ އިތުރުން ނުރަސްމީ ފުރުސަތުތައް ލިބުން އޮންނަނީ އަދި މާފަހިކޮށެވެ. މިފަދަ ދަތުރުގައި އޭނާގެ ރަހުމަތްތެރި އޮފީސް ކުދިން ވެސް ގެންދެއެވެ.

ބޮންޑު ހަމަވެ އޮފީހުން ކެނޑެއް ވީއިރު އޮތީ އޭނާ އުންމީދު ކުރިކަހަލަ މުއްސަނދި ރިސޯޓް އޯނަރެއްގެ އަންބަކަށް ވެފައެވެ.

ޝަކީލާގެ ލޯބީގެ އަވާގައި ޖެހި ހަދިޔާ ފޮނުވި ބައެއް ޒުވާނުންނަށް މިކަންވީ ހިތި ބޭހަކަށެވެ. އެ ޚަބަރު ފެތުރުމުން އެކި މީހުން އެކި ވާހަކަ ދެއްކިއެވެ. ޝަކީލާއަކީ މީހުން ދައްކާ ވާހަކައަކަށް ބަލާ މީހެއް ނޫނެވެ.

ކައިވެނީގެ ހަނީމޫނުގެ ދުވަސްތައް ހޭދަކުރީ ޔޫރަޕްގައެވެ.

ރާއްޖެ އައިސް ގިނަ ދުވަސްތަކެއް ނުވެ ބަލިވެ އިނދެފިއެވެ. ބަނޑަށް ހަތް މަސް ވީއިރު ޝަކީލާ އިނީ ސިންގަޕޫރުގައެވެ. އެންމެ މަތީ ފަންތީގެ ހަސްފަތާލަކުން ވިހެއުމަށް ކޮޓަރި ބުކްކުރިއެވެ. ވިހާ ގަދަވެގެން ވެސް ދުވަސް ކޮޅަކު ސިންގަޕޫރުގައި މަޑުކުރިއެވެ.

ޝަކީލާގެ ދަރިފުޅު ސާއިދާ ޙަސަން ބޮޑު ވަމުން އައީ މުއްސަނދި ދިރިއުޅުމުގެ ތެރޭގައެވެ. ސާއިދާގެ ބައްޕަ ޙަސަން ނަޖުމީ ބޭނުންވީ ރާއްޖެއިން ބޭރުން ސާއިދާއަށް ތައުލީމު ދިނުމަށެވެ. އެ ގޮތުން ޝަކީލާއާ އެކު ސިންގަޕޫރުގައި ކިޔަވަން ބެހެއްޓިއެވެ.

ޙަސަން ނަޖުމީ ހަޔާތުގެ ސަފުހާތައް ފަހަތަށް އުކައިލާއިރު ފެންނަނީ މާ ހަރުދަނާ ގޮތެއްގައެއް ނޫނެވެ. ކުރިން ދެ ކައިވެންޏެއް ކުރިއެވެ. ނަމަވެސް ދަރިއަކު ނުލިބެއެވެ. އާއިލީ ވިޔަފާރިން ނަޖުމީއަށް ދެ ރިސޯޓާއި މާލެއިން ދެބިން ލިބިފައި އޮވެއެވެ. އަދި ސްރީލަންކާއާއި ޝީޝެލްގައި ވެސް ޓޫރިސްޓް ވިޔަފާރި ހިންގައެވެ.

ޙަސަން ނަޖްމީއަކީ އަލިފެއްހެން ތެދަށް ހުންނަ މީހެއް ނޫނެވެ. ޝަކީލާ ސިންގަޕޫރުގައި ބައިންދާފައި އޭނާގެ އުފާކުރުންތަކުގައި ފޯރީގައި އުޅެއެވެ. މިކަން ޝަކީލާއަށް ވެސް ދިޔައީ އެނގެމުންނެވެ. އެކަން މާބޮޑު ކަމަކަށް ނަހަދާ ޝަކީލާ އިނީ ދަރިފުޅު ކިޔަވާ ނިމެންދެނެވެ. އަދި ސިންގަޕޫރުގައި ދަރިފުޅު ހުއްޓަސް ޝަކީލާ ވެސް އޭނާގެ ރަހުމަތްތެރި އަންހެން ކުދިން ސިންގަޕޫރަށް އަންނަ ފަހަރުތަކުގައި އެމީހުންނާއެކު މެލޭޝިޔާއާއި ބެންކޮކަށް ދަތުރު ކުރެއެވެ. އަދި އެ ގައުމުތަކަށް އަންނަ ރާއްޖޭގެ ވިޔަފާރިވެރިންގެ ތެރެއިން ކުރީގެ ބައެއް ލޯބި ވެރިންނާއެކު ރޭގަނޑުގެ ކެއުންތަކަށް ގޮސް ހަދައެވެ. އެފަދަ ކެއުންތަކާއި ކޮފީތައް ނިމެނީ އެ މީހުން ތިބޭ ހޮޓާތަކުގެ ކޮޓަރިންނެވެ.

ދަރިފުޅު މާސްޓަރސް ހަދާ ނިމުމުން ޝަކީލާ ބޭނުންވީ ވަރިވާށެވެ. ނަމަވެސް ޙަސަން ނަޖްމީ އެ ގޮތް ގަބޫލުނުކޮށް އެތައް ދުވަހެއް ވަންދެން ވަރިނުކޮށް ހުށްޓެވެ. އެންމެ ފަހުން ޝަކީލާ މާލެ އައިސް ކޯޓަށް ގޮސްގެން ދެތިން ފަހަރެއްގެ މަތިން އުޅެ ވަރިވީއެވެ.

ޙަސަން ނަޖްމީ ކައިރިން ޝަކީލާ ވަރިވިއިރު އޭނާއަށް އުޅެވޭނެ ގޮތަށް ގެއެއް އަޅައިދީ މާލޭގައި ހުރި ދެ ގޯތިން އެއް ގޯތި އޮތީ ރަޖިސްޓްރީ ކޮށްދީފައެވެ. ދެން އޮތް ގޯތީގެ އެއްބައި ވަނީ ސާއިދާގެ ނަމުގައެވެ.

ޝަކީލާގެ އުފާކުރުންތަކާއި މަޖާ ކުރުންތައް ކުރިން ވެސް ސާއިދާއަށް އޮންނަނީ ސިއްރު ވެފައެވެ. މަންމަގެ ފަތިފުށް އޭނާއަކަށް ނޭނގެއެވެ. މާލެ ބަދަލު ވީފަހުން ވެސް އޭނާ ކުރާކަމެއް ކުރަނީ ބޭރުގެ ކަރަކަރައަށް ދާ ފަހަރުތަކުގައެވެ. އަދި އެފަދަ ކަންކަން ހިންގަނީ ވެސް ވަރަށް ސިއްރުންނެވެ.

ޝަކީލާ ވަރިވިކަން އެނގިގެން ޒުވާން ދުވަސްވަރުގެ ބައެއް ލޯބިވެރިން ކައިވެނިކުރަން ބޭނުންވެގެން އުޅުނެވެ. ނަމަވެސް އެކަން އޭނާ ގަބޫލެއް ނުކުރެއެވެ. މިހާރު ޝަކީލާއަކީ ވެސް ޙަސަން ނަޖްމީގެ ވިޔަފާރިން ހިއްސާ ލިބޭ ހިއްސާ ދާރަކަށްވާތީ ފިކުރު ކުރާނެ ކަމެއް ނޯވެއެވެ. އަތްމަތި ނުހަނު ތަނަވަހެވެ. ނަޖްމީގެ ރިސޯޓްތަކަށް ވެސް ޝަކީލާއަށް ދިއުމުގެ ފުރުސަތު އޮންނަނީ ހުޅުވިފައެވެ.

ޙަސަން ނަޖްމީގެ ދިރިއުޅުން ލަންޑަނަށް ބަދަލުކޮށްފިއެވެ. ދުވަސްކޮޅެއް ވީތަނާ ހާޓްއެޓޭކެއް ޖެހި ނަޖްމީ ނިޔާވެއްޖެއެވެ. ޖަނާޒާގެ ކަންތަކުގައި ބައިވެރިވުމަށް ދެމައިން ވެސް ލަންޑަނަށް ދިޔައެވެ.

ޙަސަން ނަޖްމީދެކެ ސާއިދާ ވަރަށް ލޯބިވެއެވެ. ބައްޕަގެ ކުއްލި މަރާ ގުޅިގެން މުޅި މީހާ ގަބުއަރާ މާޔޫސް ވެގެން ދުވަސްކޮޅަކު އުޅުނެވެ. އެކަމުން އަރައިގަނެވުނީ ސާއިދާގެ ލޯބި ވެރިޔާ މުޙައްމަދު ޒަޢީމު ދިން އެއްބާރުލުމާއި މަންމަގެ ނަސޭހަތުގެ ސަބަބުންނެވެ.

މުޙައްމަދު ޒަޢީމަކީ މޫދު ކުޅިވަރުތަކާއި ޑައިވިންގ ދާއިރާގައި ހަރަކާތްތެރިވާ މީހެކެވެ. އެއީ ރީތި އިސްކޮޅެއް ހުރި ހުރިހާ އުމުރެއްގެ އަންހެނުން ވެސް ހިތްކިޔާ ފާޑުގެ ފިރިހެނެކެވެ. ސާއިދާއަށް ވުރެ ދިހަވަރަކަށް އަހަރު ދޮށްޓެވެ. ނަމަވެސް އެ ގުޅުން އުފެދުނީންސުރެ ސާއިދާގެ ލޯބި އޮތީ ޒަޢީމަށް ހިބަކޮށްދީފައެވެ. ކައިވެނި ނުކުރިއަސް ހީވަނީ ދެމަފިރިން ހެންނެވެ. ޒައީމް މާލޭގައި ހުރިއްޔާ އަބަދު އުޅެނީ ސާއިދާއާ އެކުގައެވެ. އޮފީސް މަސައްކަތު ވަގުތު ފިޔަވާ ހުރިހާ އިރަކު ކޮފީތަކާއި ކެއުން ތަކުންނެވެ. ސާއިދާއަކީ ވެސް ރާޅާ އަޅާ ކުއްޖަކަށް ވާތީ ހެނދުނުގެ ހިތްފަސޭހަ ވަގުތު ދެ މީހުން އެކުގައި ރާޅުގަނޑު ސަރަހައްދަށް ރާޅާ އަޅަން ދެއެވެ.

ބައްޕަ ނެތުމުން ސާއިދާގެ މަސްއޫލިއްޔަތު އެތައް ތަނެއް އިތުރު ވިއެވެ. ދެ ރިސޯޓްގެ އިތުރުން ބައްޕަގެ ހުރިހާ ވިޔަފާރިއެއް ބެލެހެއްޓުމެވެ. ސާއިދާއަކީ ޙަސަން ނަޖުމީ ފަދައިން ވިޔަފާރީގެ ޚިޔާލު ހުންނަ ކުއްޖެކެވެ. އަދި މުޅި ދުވަހު އުޅެނީ ކުންފުނީގެ މައި އޮފީހުގައެވެ. އޭނާ ކިޔެވީ ވެސް ވިޔަފާރީގެ ދާއިރާއިންނެވެ. ނަޖުމީގެ ހުވަފެނަކަށް ވެފައި އޮތީ ވެސް އެކަން އެ ގޮތަށް ވުމެވެ.

ޝަކީލާގެ ކަމަކީ ކަސްރަތު ކުރުމާއި ދުވަން ދިއުމެވެ. އަދި މުއްސަނދިންގެ ކައިވެނީގެ ހެނދުން ފަހައިދިނުމެވެ. އޭނާ އެކަން ކުރަނީ ހޮބީއެއްގެ ގޮތުގައެވެ. ފައިސާއަކީ މާ މުހިންމު އެއްޗަކަށް އޭނާއަކަށް ނުވެއެވެ. ޝަކީލާގެ މަންމައާއި ބައްޕަ ވެސް ވަރަށް ކުރިން ވަނީ ނިޔާވެފައެވެ. އެއްބަޑު މީހަކު ހުރެއެވެ. އޭނާ ވަނީ ރާއްޖެ ދޫކޮށް އެހެން ގައުމަކަށް ހިޖުރަކޮށްފައެވެ. މިހުރިހާ ކަމަކުން ޝަކީލާ އުފުލަން ޖެހޭ ބުރައެއް ނެތެވެ. ވިސްނަން ޖެހޭ ކަމެއް ނެތެވެ.

ޝަކީލާ އޭނާގެ ރަހުމަތްތެރިންނާ އެކު ކޮފީއެއްގައި މިރޭ ތިބީ މާލޭގެ އެންމެ އަގު ބޮޑު އެއް ހޮޓަލުގެ ޓެރަހުގައެވެ. ދަރިފުޅު ސާއިދާގެ ކައިވެނި ހަފުލާގެ ކަންކަމުގެ ވާހަކަ ރަހުމަތެރިންނާއި ހިއްސާކުރަމުން ގެންދިއައެވެ ހެދުން ފެހުމުގެ ވާހަކަތަކެވެ. ފޭޝަލް ހަދަން ދާނެތަން ހަމަޖެއްސުމެވެ. ޝަކީލާއަކީ އެހާ މުއްބާރު މީހަކަށް ނުވުމުން ކޮންމެ ރެއަކު މިފަދަ ބައްދަލު ވުންތަކުގެ ބިލު އަދާކުރަނީ އޭނާއެވެ.

އެރޭގެ ކޮފީ ބަދަލުވީ ކެއުމަކަށެވެ. ކެއުމުގައި އެންމެން މަސްއޫލު ވެގެން ތިއްބާ މޭޒުކައިރިއަށް އައިސް ހުއްޓުނީ ސާއިދާއާއި ޒަޢީމެވެ. ޒަޢީމަށް ޝަކީލާގެ ރަހުމަތްތެރިން ތައާރަފު ކޮށްދިނީ ސާއިދާއެވެ. ސާއިދާއަށް އެމީހުންނަކީ އާބައެއް ނޫނެވެ. ގޭތެރެއިން ވެސް ފެނިދެނިވި ހިނިތުންވާ އަދި ނަންތައް އެނގޭ މީހުންނެވެ. ސާއިދާގެ މިޒާޖު ހުންނަ ގޮތުން މަންމަގެ ރަހުމަތްތެރިންނާއި މާބޮޑަށް ގަޔާވެގެން އެ މީހުންނާ އަނގަތަޅައެއް ނުހަދައެވެ. އެ މީހުން ސާއިދާ މެންގޭގައި ބާއްވާ މަޖާކުރުންތަކުގައި ބައިވެރިވެއެއް ނަހަދައެވެ. ބައިވެރިކުރަން އުޅުނަސް އޭނާ ޝަކީލާއަށް ދޭ ޖަވާބަކީ މަންމަ އެ މީހުންނާ އެކު އުފާކޮށް އުޅޭށެވެ. އަހަރެންނަކީ އެ މީހުންގެ އުމުރާއި ގުޅޭ މީހެއް ނޫނެވެ. ރުޅިއެއް ނޫނެވެ. މަންމަ އަބަދު އުފަލުގައި ހުރުން އެއީ އަހަރެންގެ ހިތްހަމަ ޖެހުމެވެ.

ކައިވެނި ޕާޓީ އޮތީ ކުންފުނީގެ އެންމެ އަގުބޮޑު ރިސޯޓުގައެވެ. ދެ ފަރާތުގެ އާއިލާގެ ދިލަކޮޅުފޯރާ ފަށުގައި ތިބި އެންމެނަށް އޮތީ ދައުވަތު ދީފައެވެ. ޝަކީލާގެ ރަހުމަތްތެރިންނާއި ކުރީގެ ލޯބި ވެރިންނަށް ވެސް ކިޔާފައި އޮތެވެ.

މި ރޭގެ ހަފްލާގެ އެންމެ އަލިގަދަ ތަރިއަކީ ޝަކީލާ ހެން ހީވެއެވެ. އަޅައިގެން ހުރި ހެދުމުން ވެސް ހީވަނީ ރަސްކަލެއްގެ އަނބިކަނބަލެއް ހެންނެވެ. ދަރިފުޅު ސާއިދާއަށް ވުރެ މަންމަގެ ޒީނަތްތެރިކަން ބޮޑެވެ. ކާވެނި ހަފްލާއަށް ޝަކީލާ ވަނީ މުޅި ހަށިގަނޑުގެ ބައްޓަން ވެސް އިހުނަށް ވުރެ ރީތިކޮށްލައިފައެވެ. ހީވަނީ އޭނާގެ އެންމެ ނަޔާ ދުވަސްވަރުހެންނެވެ. އޭނާ ދަންނަ އެންމެންގެ ދުލުންވެސް މިރޭ ކުރަނީ ތައުރީފެވެ. ކުރީގެ ލޯބި ވެރިން ވެސް އެ މީހުންގެ އަނބިންނަށް ވުރެ ގިނައިރު ވާހަކަދެއްކޭތޯ ބަލަނީ ޝަކީލާއާއެވެ. ޝަކީލާގެ ކަމަކީ އޭނާގެ ރީތިކަމަށް މީހުން ކުރާ ތައުރީފުގެ ބޮޑުކަމުން އެކި މޭޒުކައިރިއަށް ގޮސް އެކި މީހުންނާ ވާހަކަދައްކާ ތައާރަފުވުމެވެ.

ހަފްލާ ނިމިއްޖެއެވެ. މާލޭން އައި މީހުން ފުރަން ފަށައިފިއެވެ. ރިސޯޓްގައި މިރޭ ޚާއްސަ މެހެމާނުންގެ ގޮތުގައި ރޭ ކުރާ ގޮތަށް އޮތީ ދެ ފަރާތުގެ އާއިލާގެ މީހުންނެވެ. އެންމެނަށް ވެސް ހުރީ މޫދު ކޮޓަރިތަކެވެ. ޝަކީލާއަށް ހަމަޖައްސާފައި ހުރީ ކުރިން ޙަސަން ނަޖްމީ ދިރިއުޅުނު ގަނޑުވަރު ކިޔާ ތަނެވެ. އެއީ ވަރަށް ތަފާތު ގޮތަކަށް ހަދާފައި ހުންނަ މަތީފެންވަރުގެ ތަނެކެވެ. ހަތްތަރީގެ ތަނެކެވެ.

އެންމެން ނިދަން ދިޔައިރު ވެސް ޝަކީލާ ރިސޯޓްގެ ބާގައި އިނެވެ. އަދި އޭނާ މިރޭ ހިތް ފުރޭ ވަރަށް ބޭނުން ވައްތަރެއްގެ ބުއިންތައް ބޯން ބޭނުންވިއެވެ. ނަމަވެސް މީހުންގެ ކަޅިމައްޗަށް ވެސް ބަލަންޖެހެވެ. އެންމެ ފަހުން ބާމެން ގާތުގައި ބުނެގެން ބޭނުންވާ ބުއިންތައް ގަނޑުވަރަށް ގެންދިޔައެވެ.

ގަނޑުވަރުގެ ބޮޑުކޮޓަރިއަށް ޝަކީލާ ވަނުމާއެކު އަވަސް އަރުވާލާފައި ފޯނުން މީހަކަށް ގުޅައިލިއެވެ. އަދި ލައިގެން ހުރި އަގުބޮޑު ހެދުން ބަދަލު ކޮށްލިއެވެ. ގަނޑުވަރުގެ ސިޓިންރޫމުގައި ހުރި ގޮނޑިސެޓްގައި އިށީނދެލީ، ބޭނުންވާ ބުއިންތަކުން އެންމެ ހިތް އުފާވާ ޒާތުގެ ފުޅިއަކާއި ދެތަށި ކުޑަ މޭޒެއްގެ މަތީ ބަހައްޓައިލަމުންނެވެ.

ގަނޑުވަރުގެ ބޭރު ދޮރުގައި ހުރި ރަނގަބީލަށް މީހަކު ފިތައިލިއެވެ. އެތެރޭން ދޮރު ހުޅުވައިލީ ޝަކީލާއެވެ. ހިނިތުންވެގެން ހުރެ ކޮޓަރިތެރެއަށް ދެމިގަތީ އިސްކޮޅުން ދިގު ފިރިހެނެކެވެ. އެ މީހެއްގެ ގައިގައި ޝަކީލާ އޮޅުލައިގަތެވެ. އަދި ބުންޏެވެ. މިރޭ ހިތްފުރޭ ވަރަށް އުފާކުރާނަމެވެ. އަދި ވެސް ހަނދާން ވަނީ ޅަދުވަހެވެ. ކުރީގެ ހަނދާންތަކެވެ. އެ މީހަކު ބުންޏެވެ. އަހަރެން ވެސް އެ ހަނދާންތަކާއި ދުރެއް ނުވެއެވެ. އަހަރެންނަށް ޙަސަން ނަޖްމީ ފަދަ މުއްސަންޖަކަށް ނުވެވުނީމާ އަހަރެން ދޫކޮށްލީ ނޫން ހެއްޔެވެ. ނަމަވެސް މިހާރު ދެން... އެހިސާބަށް ބުނިތަނާ ޝަކީލާ ބާރަށް ހީނގަތެވެ. މިހާރު މިއޮތީ ކަލާގެ މުށުތެރޭގައި ނޫން ހެއްޔެވެ.

މޫދަށް އެރޭ ހެދުމަށް ދެމީހުންގެ ހެދުން ބަދަލު ވިއެވެ. ގަނޑުވަރާ ދިމާއިން ގޮނދުދޮށަށް ފޭބިއެވެ. ޝަކީލާ އެ ފިރިހެން މީހާގެ އަތުގައި ހިފައި ދަމާފައި ގެންގޮސް މޫދަށް ކޮއްޕައިލިއެވެ. އެ ވަގުތު އެ މީހާ ވެސް ތެދުވެ ޝަކީލާ މޫދަށް ކޮއްޕައިލިއެވެ. މޫދުގައި ސަކަރާތާ މަޖަލުގައި އިރުކޮޅަކު ތިބުމަށް ފަހު އެއްގަމަށް އެރިއެވެ. ކޮޓަރިން ގެނައި ދެ ތަށީގައި ހުރި ބުއިމުގެ ތެރެއިން ފިރިހެން މީހާ ނުބޮއި ހުރި ބައިވެސް އެކުގައި ބޮއިލީ ޝަކީލާއެވެ. މަގޫ ގަސްތަކުގެތެރެއިން ހެދިފައި އޮތް ހަނިމަގަކުން ކޮޓަރިއަށް ދާން އޮންނަ ބޮޑުމަގަށް ނުކުތީ ދެ މީހުން އޮޅުލަމުންނެވެ. ހީވަނީ އެކުގައި އެތައް ދުވަހަކު އުޅުނު ދެމަފިރިން ހެންނެވެ.

ކުއްލިއަކަށް އެ މީހުންގެ ކުރިމައްޗަށް ހުއްޓުނީ ސާއިދާގެ ދެމަފިރިންނެވެ. ކައިރީގައި ހުރި މަގުމަތީ ބައްތިން އެންމެންގެ މޫނު ރީތިކޮށްފެނެއެވެ. ޝަކީލާއާ އެކުގައި ހުރި މީހާ ސިހުނެވެ. އަދި ލަދުން އިސްދަށަށް ޖެހިއެވެ. ޝަކީލާ އެ މީހާގެ އަތުގައި ހިފާ އަންނާށޭ ކިޔާފައި ހިގައިގަންނަށް އުޅުނެވެ. ނަމަވެސް އެ މީހާއަށް ހިރިލާކަށް ނުކެރުނެވެ.

ސާއިދާ ރުޅިވެރިކަމާ އެކު ވާހަކަދައްކަން ފެށިއެވެ. އަހަރެންގެ މަންމަ ތިޔަ ފަދަ މުޑުދާރުކަމެއް ދުވަހަކު ވެސް ކޮށްފާނެކަމަށް އަހަރެން ހިއެއް ނުކުރަމެވެ. މޫދުގައި ތިޔަ ޖެހި ސަކަރާތް ވެސް ދުށީމެވެ. އަދި ބީޗްގައި ތިޔަ އުޅުނު ގޮތް ވެސް ފެނިއްޖެއެވެ.

ޝަކީލާ ވާހަކަދައްކަން ފެށިއެވެ. އަނގައިން ވަރުނެތިފައި އޮތް ގޮތަށް އަޑު ނުކުމެއެވެ. މީހާ ހުރީ މުޅިން ހަމައަކު ނޫނެވެ. ވަރަށް ބާރަށް ބުންޏެވެ. އަހަރެންގެ ލޯބިވާ ހަނީ އެވެ. ދަރިފުޅުގެ ހަނީމޫން މަންމަ ޚަރާބެއް ނުކުރަމެވެ. ބޭނުންވީ ދަރިފުޅުގެ ހަނީމޫންގައި ހިތްފުރޭ ވަރަށް މަންމަ ވެސް އުފާ ކޮށްލާށެވެ. ޅަދުވަހު މަންމަ އެންމެ ލޯބިވި މީހާއާ އެކުގައެވެ.

ސާއިދާއަށް ގިސްލެވި ރޮވެން ފަށައިފިއެވެ. މަންމަ އުފާ ތިޔަ ކުރަނީ އަހަރެންގެ ބައްޕައެއް ފަދަ މީހަކާއެކުގައެވެ. ޒަޢީމްގެ ބައްޕަ ނޫން މީހަކު ގޮވައިގެން އުޅުނު ނަމަވެސް އަހަރެން މިވަރަށް ދެރަވެ ލަދެއް ނުގަތީހެވެ. ޒަޢީމްގެ މަންމައަށް ތިޔަކަން އެނގިއްޖިއްޔާ ކިހައި ދެރައެއް ވާނެ ހެއްޔެވެ. މަންމައާ ގުޅޭ ގޮތުން އަހަރެންނަށް މީގެ ކުރިން އިވޭ ބައެއް ވާހަކަތައް އަހަރެން އައީ ދޮގު ކުރަމުންނެވެ. އަހަރެންނަށް މަންމަ ދެއްކީ މުޅިން އެހެން ފިލްމެކެވެ. މިރޭ މި ފެނުނީ ފިލްމުގެ ހަގީގީ މަންޒަރެވެ. މަންމަގެ ފަތިފުށް ރީތި ނޫންކަން މިރޭ ކަށަވަރުވެ ޔަގީން ވެއްޖެއެވެ.