ކީޕިން އަޕް ވިތްދަ ކާޑޭޝިއަންގެ ތަރި ކިމް ކާޑޭޝިއަންގެ އުފަންދުވަހަކަށް އޭނާގެ މަންމަ، (ކްރިސްޖެނާ) ލިޔުނު ސިޓީގެ ދިގުމިން 20 ސަފްހާއަށް އަރައެވެ. މި ސިޓީ އަކީ ކިމް ކާޑޭޝިއަންގެ 40 ވަނަ އުފަންދުވަހަށް ލިޔުނު ސިޓީއެކެވެ.

ދާދިފަހުން ކްރިސް ޖެނާ ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ހަ ކުދިންނަށްވެސް މިހާރު ސިޓީތައް ފޮނުވާފައިވާ ކަމަށެވެ.

މިފަދަ ގޮތަށް ސިޓީ ލިޔުމަކީ މިހާރު ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އުމުރުން 65 އަހަރުގެ ކްރިސް ޖެނާ ބުނީ އަބަދުވެސް އޭނާގެ ކުދިންނަށް ސިޓީ ލިޔަން ވިސްނާކަމަށެވެ. ނަމަވެސް އެއީ ވަރަށް ގިނަ ވަގުތު ނަގާ ކަމަކަށް ވުމުން އަދި ވަގުތު ނުދެވެނީ ކަމަށް އޭނާ ބުނެއެވެ. އަދި އޭނާ ލިޔަނީ ވަރަށް ދިގު ސިޓީތައް ކަމަށް ކްރިސް ބުނެފައި ވެއެވެ.

ކިމްގެ އުފަންދުވަހަށް ވުމުން އޭނާ އާއި މެދު ދެކޭގޮތް ހާމަކުރުމަށް މި އަހަރު ރީތި ސިޓީއެއް ލިޔުނީ ކަމަށް ކްރިސް ބުނެއެވެ.

ކްރިސް ބުނީ އޭނާ ސިޓީތައް ލިޔުނު މީހުންގެ ތެރޭގައި ކޯޓްނީ ކާޑޭޝިއަން، ކެންޑެލް، ކައިލީ ޖެނާ، ރޮބް، ކްލޮއީ ކާޑޭޝިއަން ހިމެނޭ ކަމަށެވެ. އޭނާގެ ސިޓީތަކުގައި ދަރިންނާއި ދޭތެރޭ އޭނާ ދެކޭގޮތާއި ހަޔާތުގައި ދިމާވެފައިވާ ގިނަ ކަންކަމުގެ ވާހަކަ ހިމަނާފައިވާނޭ ކަމަށް ވެއެވެ. އަދި ދުވަހަކުވެސް ހަނދާނުން ނުފިލާނޭ ކަންކަމުގެ ވާހަކަވެސް ހިމަނާފައި ވާނޭ ކަމަށް އޭނާ ބުނެއެވެ.

ސިޓީ ލިޔުމާއި ބެހޭގޮތުން ކްރިސް ބުނީ ވަގުތު އޮއްވައި އެންމެންވެސް އެކަން ކުރަންވީ ކަމަށެވެ. ކޮންމެ މީހަކަށްވެސް އޭނާ ދޭނެ ނަސޭހަތަކީ އެއީކަމަށް ކްރިސް ބުންޏެވެ.