ލަވަކިޔުންތެރިޔާ އާރިޔާނާ ގްރާންޑޭ އޭނާގެ ވެޑިން ޑްރެސްގެ ފޮޓޯ ދައްކާލައިފި އެވެ. އެމެރިކާގެ ކެލެފޯނިޔާގައި ހުންނަ އާރިޔާނާ ގްރާންޑޭގެ އަމިއްލަ ގޭގައި ބޭއްވި ކައިވެނި ޕާޓީ އަކީ މަދުބަޔަކާއި އެކު ބެއްވި ޕާޓީއެކެވެ.

އާރިޔާނާ ގްރާންޑޭ އޭނާގެ އިންސްޓަގްރާމަށް ކައިވެނީގެ ހެދުމުގެ ފޮޓޯ ލާފައި ޖަހާފައިވާ ކެޕްޝަނަކީ '5.15.21' އެވެ. އެއީ އޭނާ ކައިވެނި ކުރި ދުވަހުގެ ތާރީހެވެ.

ކައިވެނީގެ ހެދުން އިންސްޓަގްރާމުގައި ހިއްސާކުރުމުން މަޝްހޫރު އެތައް ބަޔަކު އާރިޔާނާ ގްރާންޑޭއަށް ތައުރީފުގެ މެސެޖުތައް ކޮމެންޓު ކުރަމުން ގެންދިޔަ އެވެ.

ގްރާންޑޭ އާއި އޭނާގެ ފިރިމީހާ ގޮމޭޒް ރައްޓެހިވިކަން މީޑިޔާގައި ހާމަކުރުމަށްފަހު ކައިވެނި ކުރަންދެން ތިބީ މީޑިޔާއާއި ދުރުގައިކަން ފާހަގަ ކުރެވެ އެވެ.

އާރިޔާނާ އާއި ގޮމޭޒް ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް ނުކުމެފައި ވަނީ މެއި މަހުއެވެ. އަދި އެ މަހު ދެމީހުން އެކީގައި އަތް ޖޯޑުކޮށްގެން ތިބި ފޮޓޯއެއް އާރިޔާނާ ވަނީ އޭނާގެ އިންސްޓަގްރާމަށް ވެސް ލައިފައެވެ.

އަމިއްލަ ގޭގައި އާރިޔާނާ ބޭއްވި އޭނާގެ ކައިވެންޏަށް ދައުވަތު ދީފައި ވަނީ އެންމެ 20 މީހުންނަށް ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެ އެވެ. އެއީ ކޮވިޑާއި ގުޅިން އެންމެ ރައްކާތެރި ގޮތް އިހުތިޔާރު ކުރުމަށް ކަމަށް ބައެއްފަރާތްތަކުން ބުނެ އެވެ.

27 އަހަރުގެ ގްރާންޑޭ އަކީ ދުނިޔޭގެ ފާހަގަ ކޮށްލެވޭ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އެއް ފަންނާނެވެ. އެތައް ބަޔަކަށް ކަމުދާ އެތައް ލަވައެއް ކިޔާފައިވާ ގްރާންޑޭ އަށް ލަވަކިޔުމުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ އެތަކެއް ކާމިޔާބީއެއް ލިބިފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ދެ ގްރެމީ އެވޯޑާއި 22 ގިނެސް ވޮލްޑް ރެކޯޑު ހިމެނެ އެވެ.