ޗިކީ ނަމަކަށް ކިޔާ ދޮޅު އަހަރުގެ ގޯލްޑަން ރިޓްރީވާ ކުއްތާއެއް އިޓަލީގައި ކައިވެނި ކުރުމުގެ ދުވަސްތަކެއް ކުރިން މީހެއްގެ ޕާސްޕޯޓް ކާލައިފިއެވެ.

މިގޮތުން ޑޮނާޓޯ ފްރެޓަރޯލީ ނަމަކަށް ކިޔާ މި ފިރިހެން މީހާގެ ޕާސްޕޯޓުގެ އެތައް ސަފުހާއެއް މި ކުއްތާ ވަނީ ކައިފައެވެ. މިކަން ހިނގީ އޭނާގެ އަމިއްލަ ކައިވެނީގެ ހަފްލާއަށް އިޓަލީއަށް ދާން މަދު ދުވަސްކޮޅަކަށް ވެފައި އޮއްވާއެވެ.

މި ހާދިސާއާ ގުޅިގެން ފްރެޓާރޯލީ އާއި އޭނާގެ ވާން އޫޅޭ އަނބިމީހާގެ މަގްދާ މަޒްރީގެ ކައިވެނީގެ ހަފްލާ ބޭއްވޭނެ ކަމާއި މެދު ވަނީ ޝައްކު އުފެދިފައެވެ. ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ މީހުންގެ ކައިވެނީގެ ހަފުލާ ބާއްވަން ނިންމާފައި ވަނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ.

ކައިވެނީގެ ފޯމު ފުރުމަށް އެ ދެމަފިރިން ސިޓީ ހޯލަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެނބުރި އައުމަށްފަހު އެމީހުންނަށް ފެނުނީ އެމީހުންގެ ކުއްތާ ފްރެޓްޓޯރޯލީގެ ޕާސްޕޯޓުގެ އެތައް ސަފުހާއެއްގައި ދަތް އަޅައި ކާލާފައި ހުރި ތަނެވެ.

މި ދެ މީހުން އަންނަނީ އާ ޕާސްޕޯޓެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެހީއަށް އެދި އެ ގައުމުގެ އޮފިޝަލުންގެ ގާތަށްވެސް ވަނީ ގޮސްފައެވެ.

މި ދެމަފިރިން އިޓަލީއަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.

ފިރިހެން މީހާ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ފްލައިޓްގެ ކުރިން ޕާސްޕޯޓު ނުލިބިއްޖެ ނަމަ ގޭގައި މަޑުކުރާނެ ކަމަށާއި އޭނާގެ ވާން އުޅޭ އަނބިމީހާ އާއި އެ މީހުންގެ ކައިވެނީގެ މެހެމާނުން އޭނާ އާ ނުލައި އިޓަލީއަށް ދާނެ ކަމަށެވެ.

އަދި ކައިވެންޏަށް ވަގުތުން ޕާސްޕޯޓު ނުލިބިއްޖެނަމަ އެމީހުން އެނބުރި އެމެރިކާއަށް ދިއުމުން ކައިވެނީގެ ޕާޓީއާ ބައްދަލު ކުރާނެ ކަމަށް އޭނާ ބުންޏެވެ.