ދުލަކީ ކަނޑިއަށްވުރެ ތޫނު ހަތިޔާރެކޭ ބުނެއުޅެއެވެ. އެހެންކަމުން ދޫ ރައްކާތެރިކުރުމަށް ދީނުގައިވެސް ނަސޭހަތްތެރިވެއެެވެ. އޭގެ ބޭނުން ހެޔޮ ގޮތުުގައި ހިފާފިއްޔާ ދުލަކީ އިންސާނާއަށް އެންމެ ފައިދާކުރުވަނިވި ގުނަވަނެކެވެ. އަދި ދުލަކީ އެޔަށް ރައްކާތެރިނުވެއްޖެއްޔާ އިންސާނާއަށް ދެ ދުނިޔޭއިންވެސް ދެރަ ދީފާނެ ގުނަވަނެކެވެ. ދުލުން ބަހެއް ބުނުމަށްފަހު، މީހާ އޭގެ އަޅަކަށް ވެގެންދިއުން އެކަށީގެންވެއެވެ.

ޒަވާޖީ ހަޔާތަކީ ބިއްލޫރިކޮޅެއްހާ ނާޒުކު އެއްޗެކެވެ. ދުލުން ބުނެލާ ބައެއް ލަފްޒުތަކަކުން ލޯބި ލޯބިން ފެށުނު ގުޅުމެއް ހިތި ނިމުމަކަށް އަންނަ ތަންވެސް ފެނެއެވެ. އެހެނަސް، ދުލުން ބުނެލާ އެންމެ ލަފްޒަކުން ނުވަތަ ލަފްޒުތަކަކުން ބައެއް ފަހަރު ފުނޑުފުނޑުވާން ކައިރިވެފައިވާ ކައިވެންޏެއް ނުވަތަ ލޯބީގެ ގުޅުމެއް ސަލާމަތްކޮށްދެއެވެ.

ކައިވެނި ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެހެން ނަމަވެސް، ކައިވެންޏެއް ދެމެހެއްޓުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެއީ ދެ ފަރާތުންވެސް އެއްވަރަކަށް މަސައްކަތްކޮށްގެން ނޫނީ ކުރިއަށް ނުގެންދެވޭނެ އެއްޗެކެވެ.

ކައިވެންޏަކަށްފަހު، ކުރީގައި ވެވުނު ލޯބި ކުޑަވެ، އެ ލޯބި ހަމައެކަނި ކުލުނަށް ބަދަލުވެގެންދާ ފަހަރުވެސް އާދެއެވެ. ކައިވެނީގެ ކުރިން ނުވަތަ ފެށޭކޮޅުގައި އެކަކު އަނެކަކުގެ ޖަޒުބާތުތަކާއި ކުޅެލާ ބަސްތައް ކޮންމެ ދުވަހަކުގެ ބުރަ ވަގުތުތަކާއި ގުޅިގެން އަމުނާލަން ހަނދާންނުވެވެންވީ ކީއްވެބާތޯ ސައިކޮލޮޖިސްޓުން ސުވާލުކުރެއެވެ. މި ސަބަބަށްޓަކައި ޒަވާޖީ ހަޔާތް ނުވަތަ ލޯބީގެ ގުޅުން ދިރާސާކުރާ އިލްމީ ތަޖްރިބާކާރުން ކައިވެނީގައި ބޭނުންކުރަންޖެހޭ އުކުޅުތައް ކިޔާދެއެވެ. މި ބަލާލަނީ ލޯބިވެރިން ނުވަތަ ދެމަފިރިންނަށް އެކަކު އަނެކަކު މައްޗަށް ލޯބި އިތުރުކުރުވަން ބޭނުންކުރެވިދާނެ 9 ޖުމްލަތަކެކެވެ.

1- ކުރާ ރަނގަޅު ކަންތައްތައް ފާހަގަކޮށް ހަނދާންކޮށްދިނުން

ސައިކޮލޮޖިސްޓުން ގަބޫލުކުރާ ގޮތުގައި ފިރިމީހާ ނުވަތަ އަނބިމީހާގެ އަގުވަޒަންކުރުމަށް ކޮށްދެވޭނީ އޭނާގެ މުހިންމުކަން ފާހަގަކޮށް ޝުކުރު ކުރުމުންނެވެ. ރަނގަޅަށް ވާހަކަނުދެއްކުމަކީ ކައިވެންޏެއް ރޫލުމަށް ދިމާވާ އެންމެ ބޮޑު ސަބަބެއްކަން ތަޖްރިބާކާރުން ބުނެއެވެ.

2- އޭނާ ކިބައިން ކަމުދާ ސިފަތައް ފާހަގަކޮށް އަދިވެސް "ލައިކް" ވާ ކަން ފާހަގަކުރުން

ފުރަތަމަ ނަޒަރުން ފެށިގެން އޭނާ ކިބައިން ކަމުދިޔަ ސިފަތައް އަދިވެސް ގަޔާވާކަން އަންގާ ތައުރީފުކުރުމަކީ ރަނގަޅު އާދައެެކެވެ. މިސާލަކަށް އޭނާގެ ހުރި ހޮބީއެއް ނުވަތަ ކޮންމެ ދުވަހަކު އާދަވެގެން ކުރާ ރަނގަޅު ކަންތައްތައް ފާހަގަކޮށް ތައުރީފް ކުރެވިދާނެއެވެ. ނުވަތަ އެހެން މީހުންނަށް ކޮށްދޭ ކަންތައްތައް ވިޔަސް ބައިވެރިޔާ ތިމާގެ ހިތް ކަތިލާން މެދުވެރިވީ ސަބަބުުތައް ހަނދާންކުރުމަކީ ދެމީހުންގެ ދެމެދު ލޯބި ދެމެހެއްޓޭން ދިމާވާ ބޮޑު ހަތިޔާރެކެވެ.

3- ބައިވެރިޔާ ދެނެގަތުމަށް މަސައްކަތްކުރަން ސުވާލުކުރުން

ކޮންމެ މީހަކުވެސް އުޅެ ބޮޑުވާނީ ތަފާތު މާހައުލުތަކުގައިއެވެ. އެހެންކަމުން، އެއްބައި ޙާލަތްތަކުގައި އެކަކު އަނެކަކުގެ ޚިޔާލުތައް ތަފާތުވުމަކީ ވަރަށް ގިނައިން މެދުވެރިވާ މައްސަލައެކެވެ. އެހެންވިޔަސްވެސް، ތިމާ އޭނާއާއި އެެއްކޮށް އުޅެން ބޭނުންނަމަ، އޭނާގެ ޚިޔާލުތައް އޮޅުންފިލުވާދިނުމަށް އަހާލުމަކީ މުހިންމު ފިޔަވަޅެކެވެ.

4- އަޑުއަހަން ހުރި ކަން އަންގައިދޭ ޖުމްލަތައް

ކޮންމެ މީހެއްގެވެސް ޚިޔާލު ތަފާތުވާނެއެވެ. ތިމާގެ ޚިޔާލަކީ އެންމެ ރަނގަޅު ޚިޔާލުކަން ސާބިތުކުރަން ބޭނުންވާނެ ކަމާއި ދޭތެރޭ ޝައްކެއްވެސް ނެތެވެ. އެހެން ނަމަވެސް، އަނެކާ ދައްކާ ވާހަކަ އަޑުއަހައި އޭނާއަށް ސަޕޯޓްކުރާ ކަން ހާމަކޮށްދިނުމަކީ ބައެއް ފަހަރާއި އަހަރެމެންނަށް ނުވާ ކަމެއް ކަންނޭނގެއެވެ.

5- މައާފަށް އެދުން

ލޯބިން އުޅެން އެނގޭ ދެމަފިރިންނަށް ކަމެއް ގޯސްވުމުން، ތިމާގެ މައްސަލައެއް އޮތްތޯ އަމިއްލައަށް ދެނެގަނެ ފާހަގަކުރަން މަސައްކަތްކުރަން އެނގޭނެއެވެ. އަދި އެކަމުގެ ޒިންމާ ނަގާ، ހެޔޮ ހިތުން މައާފަށް އެދޭކަން އަންގާ ދިނުމަކީ އަރާރުންތައް މަދުވާން އެހީވެދޭނެ ކަމެކެވެ. އަދި ދެ ފަރާތުގެވެސް މައްސަލައެއް އޮތް ކަމަށް އިއުތިރާފް ވާން ޖެހޭނެއެވެ.

6- ސަމާސާ ވާހަކަތައް

ރުޅިގަދަ ނޫނީ ޓެންޝަނުގައި ހުންނަ ގަޑިއެއް އިތުރަށް ހޫނުވުމުގެ ކުރިން މެދުތެރެއިން އޭނާ ހެއްވާލާ ކަހަލަ އެއްޗެއް ބުނެގެން ނޫނީ ކޮށްގެން، މައްސަލަ ހޫނުވުމުގެ ފުރުޞަތު ކުޑަކޮށްދެވޭނެއެވެ.

7- 'އައި ލަވް ޔޫ'

'އައި ލަވް ޔޫ' ނޫނަސް، ލޯބިވާކަން ބަހުން އަންގައިދިނުމަކީ ލާޒިމް ކަމެކެވެ. އަމަލުން ކިތަންމެ ވަރަކަށް ލޯބިވާކަން ހާމަކޮށްދިނަސް، ލޯބީގެ ބަސްތައް އޭނާގެ ކަންފަތަށް އިއްވާލަދީގެން ނޫނީ މެސެޖް ކޮށްގެން މެނުވީ ކައިވެނި ފޫހި ކައިވެންޏަކަށް ނުވާނެއެވެ.