މިހާރު ބޮލީވުޑުގެ ކުރީ ސަފުގައި ފިޔަ ޖަހަމުން އަންނަ ޕްރޮޑިއުސަރ ބޯނޭ ކަޕޫރާއި ބަތަލާ ޝްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު އޭނާގެ މަންމަ ދިން އަގުހުރި ނަސޭހަތް ހިއްސާކޮށްފިއެވެ.

އެލެ އިންޑިޔާއަށް ދިން އިންޓަވިއުއެއްގައި އަމިއްލަ މަސައްކަތުން މަޝްހޫރުކަން ހޯދާފައިވާ ހިތްވަރުގަދަ އަންހެނުންނާއި ބެހޭ ގޮތުން ޖާންވީ ވާހަކަ ދައްކައިފައިވެއެވެ.

އަމިއްލަ މަސައްކަތުން މިސާލު ދައްކައިދޭ ހިތްވަރުގަދަ އަންހެނުންގެ ތެރޭގައި ޖާންވީ ފާހަގަ ކޮށްފައިވަނީ އާލިއާ ބަޓްއާއި ސާރާ ޢަލީ ޚާނެވެ. ބިޔޮންސީއާއި ޖާންވީގެ ކޮއްކޮ ޚުޝީ ކަޕޫރެވެ.

މި ލިސްޓުގައި އެންމެ މުހިންމު އެންމެ ހާއްސަ މީހެއްގެ ގޮތުގައި ޖާންވީ ފާހަގަ ކޮށްފައިވަނީ އޭނާގެ މަންމަ ބަތަލާ ޝްރީދޭވީއެވެ. މަރުވެފައިވާ މަންމަ ޝްރީދޭވީގެ ހަނދާން އާކުރަމުން ޖާންވީ ވަނީ އޭނާގެ މަންމަ ދިން އަގުހުރި ނަސޭހަތް ވެސް ހިއްސާ ކޮށްފައެވެ.

''އެއްވެސް މީހަކަށް ބަރޯސާ ނުވާތި. މީހާ މީހަކަށް ވާން ޖެހޭނީ އަމިއްލަ މަސައްކަތުން'' ޖާންވީ މަންމަގެ ނަސޭހަތް އޭނާ ހިއްސާ ކުރިއެވެ.

ބަތަލާ ޝްރީދޭވީ މަރުވެފައިވަނީ 2018 ވަނަ އަހަރު، ޖާންވީގެ ފުރަތަމަ ފިލުމު ''ދަޅަކް'' ރިލީޒްވުމުގެ ދުވަސްކޮޅެއް ކުރިންނެވެ. އެހެންކަމުން މި ފިލުމުގެ ދުވަސްވަރު އޭނާއަށް އުދަނގޫތަކާއި ކުރިމަތިލާން ޖެހުނު ކަމަށް ބުނެފައިވެއެވެ. އޭނާގެ ފުރަތަމަ ފިލުމު މަންމައަށް ނުފެނުމަކީ ވަރަށް ހިތާމަ ކުރާ ކަމެއް ކަމުގައި ވެސް ބުނެފައިވެއެވެ.

ހުރިހާ ދިމާއަކުން ސަމާލުކަން ލިބުނު ނަމަވެސް ޖާންވީ އޭނާގެ މަންމަގެ ހަނދާންތަކުގައި ގެއްލިފައި ޖާންވީ ހުއްޓެެވެ.