މިހަފްތާ ފެށިގެން އައީ ބޮޑުމަހެއްގެ އަނގައިގެ ތެރެއަށް ވަދެވުނު މީހަކު ހައިރާން ކުރަނިވި ގޮތަކަށް ސަލާމަތްވި ޚަބަރާއިއެކުއެވެ. ބައިނަލްއަޤުވާމީ ބޮޑެތި ހުރިހާ މީޑިއާއަކުން މިޚަބަރު ގެނެސްދިނެވެ.

ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައި އެމެރިކާގެ މެޒެޗޫސެސްގެ ހެރިން ކޯވްގައި 45 ފޫޓް އަޑިއަށް ފީނައިގެން އުޅެނިކޮށް ބޮޑުމަހެއް ދިރުވައިލީ މައިކަލް ޕެކާޑް ކިޔާ 56 އަހަރު މީހެކެވެ. މައިކަލް ބުނީ އަޑީގައި އޮއްވައި ކުއްލިއަކަށް ބޮޑުމަސް އޭނާއާ ކައިރިވެފައި ދިން ހަމަލައާ އެކު އޭގެ އަނގައިގެ ތެރެއަށް ދަމައިގަތީ ކަމަށެވެ.

މިއީ މައިކަލް އަށް ކުރިމަތިވި މަރުގެ ފުރަތަމަ ހަމަލާއެއް ނޫނެވެ. 2001 ވަނަ އަހަރު ވެސް އޭނާ އަށް މަރުގެ އެތިފަހަރަކާއި ކުރިމަތިވިއެވެ. އެފަހަރު އޭނާ ދަތުރުކުރަމުން ދިޔަ ފްލައިޓް ވެއްޓުނީ އެވެ. ފްލައިޓް ވެއްޓުނު ހާދިސާގައި މައިކަލް އާއިއެކު ދަތުރުކުރި ތިން މީހުން މަރުވިއެވެ. ނަމަވެސް ހަތަރު މީހަކު ބޮޑެތި ޒަހަމްތަކަކާއިއެކު ސަލާމަތް ވިއެވެ.

ފްލައިޓް ވެއްޓުނީ އެކަހެރި ސަރަހައްދަކަށެވެ. ފްލައިޓް ވެއްޓުނު ސަރަހައްދު އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ފެނި މައިކަލް އާއި އަދި އެހާދިސާގައި ދެން އަނިޔާވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވުނީ ހާދިސާ ހިނގިތާ ހަތަރު ދުވަސް ފަހުންނެވެ.

ފްލައިޓް ވެއްޓުނު ހާދިސާގައި މަރުން ސަލާމަތްވި ނަމަވެސް މައިކަލްއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އޭނާގެ މޫނުގެ ބައެއް ކަށިތައް ވެސް ބިންދައިގެން ގޮސް ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލްގައި އޮންނަން ޖެހުނެވެ.

ހުކުރު ދުވަހު މައިކަލް ބޮޑުމަހުގެ އަނގައިން ސަލާމަތް ވެވުނީ ބޮލާ ދިމާލުން ހަށިގަނޑު ތަޅުވަން ފެށުމުން ކުއްލިއަކަށް ބޮޑުމަހުން ބޭރުކޮށްލި ހޮޑާއިއެކު މައިކަލް ވެސް އެއްލާލުމުންނެވެ. ބޮޑުމަހުގެ އަނގައިގެ ތެރެއަށް ދިއުމުން މައިކަލްއަށް ލިބުނު އަނިޔާތަކަށް އޭނާ މިހާރު އަންނަނީ ފަރުވާ ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުރަނގަގަހުން މާލިމީ ބޭލި ހަސަންކޮއި

    މާތް ﷲ އަކީ ރަޙްމާން ވަންތަ ރަސްކަލާނގެ ކަމާމެދު ޝައްކެއްނެތް. ޢެކަލާންގެއީ މިދުނިޔޭގައި އެންމެހާ އިންސާނުނަށް އެކަލާންގެ ރަޙްމަތް ތަނަވަސްކޮށްދެއްވި، އޯގާވަންތަ އިލާހް، މިއީ އެކަލާންގެ އަސްމާއުލް ޙުސްނާގެ ތެރެއިން "އައްރަޙްމާން" މިއިސްމުފުޅުގެ ތެދުކަން ވިސްނާފިކުރުކުރާބަޔަކަށް ދެއްކެވި އަޖާއިބު ކުރުވަނިވި ހާދިސާއެއް! ޔާﷲ އަޅަމެނަށް އޯގާތެރިވެ ވޮޑިގަންނަވާންދޭވެ! އާމީން

    35
  2. ައަހުމަދު

    އަދިވެސް ތިމީހާ ﷲގެ މަގަށް ރުޖޫއަ ވާކަށް ނުވޭތޯ؟ ، ޝުކުރުވެރިވާކަށް ނުވޭތޯ؟ އެހެނީ ޝުކުރުވެރިވާ މީހުން ދެކެ ﷲ ލޯބިވެވޮދިގންނަވައެވެ،

    12
    1