އެއްމާބަނޑު ދިހަ ކުދިން ލިބިއްޖެކަމަށް ބުނެ ދުނިޔޭގެ މީޑިއާތަކަށް ސަމާލުކަމަށް އައި ދެކުނު އެފްރިކާގެ އަންހެން މީހާ އެކުދިންގެ ބައްޕަ އެހީތައް ހިފައިގެން ފިލައިގެން ދިއުމުން އެކަން އިއުލާންކޮށްފިއެވެ.

ގޮސީނާ ނަމަކަށް ކިޔާ އަންހެން މީހާ ބަނޑުބޮޑުވެފައި އިން މަންޒަރު ފެންނަ ފޮޓޯތަކެއް ދުނިޔޭގެ ބޮޑެތި ހުރިހާ މީޑިއާއެއްގައި ވެސް ޝާއިއުކުރިއެވެ.

ގޮސީނާ ބުނާ ގޮތުގައި އޭނާ ބަނޑުބޮޑު ފޮޓޯތަކެއް އާއްމުކުރީ އޭނާގެ ލޯބިވެރިޔާ ޓެބޯގޯ ބުނެގެންނެވެ. ލޯބިވެރިޔާ އެކަން ކުރީ އެހައި ގިނަ ދަރިން ލިބުނުކަން އިއުލާން ކުރުމާއިއެކު ދުނިޔޭގެ އެތަންމިތަނުން އެހީގެ ތަކެތި ލިބޭނެތީ ކަމަށް ގޮސީނާ ބުނެއެވެ. ގޮސީނާ ބުނާ ގޮތުގައި އޭނާގެ ލޯބިވެރިޔާ ލަފާކުރީ އެމީހުންނަށް އެއްމާބަނޑު ދިހަ ކުދިން ލިބުމާއިއެކު ލިބޭ އެހީއާއިއެކު މިލިއަނަރަކަށް ވާނެ ކަމަށެވެ.

ނަމަވެސް ކުދިން އުފަންވި ފަހުން އެކުދިންގެ ބައްޕަގެ ޚަބަރެއް ނުވިއެވެ. ގޮސީނާ ބުނާ ގޮތުގައި އޭނާގެ ވާހަކަތައް މީޑިއާތަކުން ހާމަކުރުމުން އެކި ފަރާތްތަކުން އަންނަނީ އެއާއިލާއަށް ފައިސާ ވެސް ފޮނުވަމުންނެވެ. ނަމަވެސް އެހުރިހާ ފައިސާއެއް ލިބެމުން އަންނަނީ ކުދިންގެ ބައްޕަ އަށް ކަމަށާއި އޭނާ ވީތަނެއް ނޭނގޭ ކަމަށް ގޮސީނާ ބުންޏެވެ.

ގޮސީނާއަށް ދިހަ ކުދިން ލިބިފައިވޭތޯ ވެސް ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އެކަން އޭނާގެ ފަރާތުން ކަށަވަރުކޮށެއް ވެސް ނުދެއެވެ. ގޮސީނާ ބުނާ ގޮތުގައި އޭނާ ހުރިތަނެއް ވެސް މިހާރު ހާމަކުރާކަށް ބޭނުމެއް ނޫނެވެ. މިހާތަނަށް އެއިން ކުއްޖެއްގެ ފޮޓޯ ވެސް ހާމަކޮށްފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެފްރިކާ ބައްރުގެ ބައެއް އެހެން ގައުމުތަކުގައި ވެސް ގިނަ ކުދިންތަކެއް ލިބި ކުދިންނަށް ހަރަދު ކުރާނެ ފައިސާ ނެތް ކަމަށް ފައިސާ ހޯދުމަކީ ވަރަށް އާއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    މި ސަރުކާރުން ރާއްޖެއަށް ލިބޭ ހިލޭ އެހީއަށްވެސް ހަދަނީ ތިހެން.

    10
    1