އިމްތިޙާނުގައި މަކަރު ހެދުން ހުއްޓުވުމުގެ ގޮތުން، މުޅި އަލްޖީރިޔާއިން އިންޓަނެޓު ކަނޑާލައިފިއެވެ.

އެޤައުމުގެ ސަރުކާރުގެ އެންގުމަށް، މުޅި ޤައުމުން އިންޓަނެޓު ކަނޑާލާފައިވަނީ އެޤައުމުގައި މިހާރު ކުރިއަށްދާ މަތީ ސާނަވީ ސްކޫލު ނިންމާ އިންތިޙާނާ ދިމާކޮށެވެ.

ނޫސް ރިޕޯޓުތައް ބުނާގޮތުގައި، އިއްޔެ ފެށި އެޤައުމުގެ މި އިމްތިޙާނުގެ ޓެސްޓު އޮންނަ ކޮންމެ ދުވަހަކު މުޅި ޤައުމުން އިންޓަނެޓު ކަނޑާލާނެއެވެ. މިގޮތަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން އަމަލުކުރަން ފަށާފައިވަނީ އިންޓަނެޓުގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން، ޓެސްޓު ޕޭޕަރުތައް ލީކު ކުރާތީކަމަށްވެސް، ނޫސް ރިޕޯޓުތައް ބުނެއެވެ.

މަޝްހޫރު ނޫސް އެޖެންސީ، "އޭއެފްޕީ" އިން ބުނެފައިވާ ގޮތުގައި އެޤައުމުގެ މޯބައިލް އަދި ފިކްސްޑް އިންޓަނެޓުވެސް އިއްޔެ ކަނޑާލާފައިވާއިރު، މިކަން ދެ ގަޑިއިރަށް ދެމިގެން ގޮސްފައިވެއެވެ. ހަމައެހެންމެ، ކުރިއަށް އޮތް މުއްދަތުގެ ތެރޭގައި ބައެއް ދުވަސްތަކުގައި ތިން ގަޑިއިރަށްވެސް ނެޓު ކަނޑާލާނެކަމަށް ބުނެފައިވެއެވެ.

އަލްޖީރިޔާގެ ހަތް ލައްކައެއްހާ ދަރިވަރުން މި އިމްތިޙާނުގައި ބައިވެރިވާއިރު، އިމްތިޙާނު މަރުކަޒުތަކުގެ ބޭރުގައި ސަލާމަތީ ކަންކަންވެސް ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން، އެތަންތަނުގެ ބޭރުގައި މެޓަލް ޑިޓެކްޓަރ ހަރުކޮށްފައިވާއިރު މޯބައިލް ފޯނު ސިގަންލް ޖޭމް ކުރާ އާލާތްތަކާއި ކެމެރާތައްވެސް ހަރުކޮށްފައިވާއިރު، އިމްތިޙާނު ކަރުދާސް ޕްރިންޓުކުރާ ތަންތަނުގައިވެސް މި ތަކެތިވަނީ ހަރުކޮށްފައެވެ.

މިދިޔަ އަހަރުވެސް މިފަދަ ފިޔަވަޅެއް އެޅިއިރު، މިދިޔަ އަހަރު މަނާކުރީ ހަމައެކަނި މީސް މީޑިޔާ ބޭނުންކުރުން މަނައެވެ. އެހެންކަމުގައިވިޔަސް، ޕޭޕަރު ލީކުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު