ލޯބީގެ ވާހަކަތަކުގައި ބުނެއެވެ. އުފާވެރި ކޮންމެ ކަމަކަށް ފަހު ވެސް ހިތާމަވެރި ކަމެއް އަންނާނެއެވެ. ދުނިޔެ ހިނގާ އުސޫލަކީ އެއީ އެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށް ކަމަށް ބުނަނީ އެހެންވެއެވެ. އެއީ ބައެއް ފަހަރު ވަރަށް ބޮޑު ޙަޤީޤަތެއް އެކުލެވޭ ވާހަކައެއް ކަމަށް ގަބޫލު ކުރަން ވެސް މަޖުބޫރުވެއެވެ.

އެމެރިކާގެ އިންޑިއާނާގައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު މިދިޔަ ހަފްތާގައި އުފަންދުވަސް ފާހަގަ ކުރީ ވަރަށް އުފާވެރިކޮށެވެ. ރަހުމަތްތެރިންނާއި އާއިލާ މެންބަރުން އޭނާގެ އުފަންދުވަހުގެ ޕާޓީއަށް އައެވެ. ޕާޓީ އޮތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައެވެ.

ނަމަވެސް އުފާވެރި ޕާޓީ ނިމުނީ ތަޅާފޮޅުމަކުންނެވެ. ޕާޓީގައި ބައިވެރިވި ކުދިންތައް ހިމެނޭ ދެގްރޫޕެއްގެ މެދުގައި އުފެދުނު އަރާރުމުގައި އެންމެ ފަހުން އެއްބަޔަކު އަނެއްބަޔަކަށް ވަނީ ބަޑި ޖަހާފައެވެ.

ބަޑި ޖެހުމުން 14 އަހަރުގެ ކުއްޖާގެ ބޮލަށް ވަނީ ވަޒަން އަރާފައެވެ. އޭނާ އަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ހުކުރު ދުވަހު މަރުވެފައެވެ.

ފުލުހުން ބުނީ މިހާދިސާގައި އިތުރު ކުދިންތަކެއް ވެސް ޒަހަމްވެފައިވާ ކަމަށެވެ. ޒަހަމްވެފައިވަނީ އުމުރުން 11 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނެވެ. އެކުދިންގެ ހާލަތުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިމައްސަލައިގައި މިހާރު ވަނީ 14 އަހަރުގެ ކުއްޖަކާއި އިތުރު ކުއްޖަކު ވެސް ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު