ގިނައިން ކެއުމާއި ހަށިގަނޑަށް ގެއްލުންދޭ އެތައް ބާވަތެއްގެ ކާނާ ކެއުމަކީ މިއަދު ގިނަ ބަޔަކު ބަދަލު ކުރަން ބޭނުންވެ ނުވެފައި އޮތް ކަމެކެވެ. މިކަމުގެ ސަބަބުން އެތައް ބަޔަކު ދަނީ ފަލަވަމުންނެވެ.

ކޮވިޑް-19 ގެ ސަބަބުން ގޭގައި ތިބެ ފޫހިވެގެން ވެސް ކައި އުޅޭ މީހުން މަދެއް ނޫނެވެ. ކައިގެން ފަލަވުމުން އެތައް ހަރަދެއް ކޮށްގެން ޖިމްއަށް ދިޔުމާއި ހިކެން ބޭނުންވާ އެކިކަހަލަ އެއްޗެހި ގަތުން ފަދަ ކަންތައްތައް ކުރާ މީހުން ވެސް ވަރަށް ގިނައެވެ.

މިކަމަށް ހައްލެއް ހޯދުމަށް ނިއުޒިލޭންޑުގެ އޮޓާގޯ ޔުނިވާސިޓީގެ ސައިންޓިސްޓުން ދަތްޕިލައިގައި ހަރުކުރާ ޑިވައިސްއެއް ވަނީ ތައްޔާރު ކޮށްފައެެވެ. މަތީ ދަތްޕިލަ އާއި ތިރީ ދަތްޕިލާގައި ހަރުކުރެވޭ މި ޑިވައިސްގެ ސަބަބުން މާގިނައިން ކާ ނަމަ ދަތްޕިލަ ލޮކް ކޮށްލާނެއެވެ.

މި ޑިވައިސް ޓެސްޓް ކުރުމަށް ވަނީ ހަތް އަންހެނެއްގެ އަނގައިގައި މި ހަރުކޮށްފައެވެ. އަދި މި ޑައިވައިސް ކާމިޔާބު ކަމަށް ދައްކާފައިވެއެވެ. މި އަންހެނުންގެ ހަށިގަނޑުން ވަނީ 5.1 އިންސައްތަ ބަރުދަން ލުއިވެފައެެވެ.

މި ޑިވައިސް އުފެއްދުމުގައި ބައިވެރިވި ޕްރޮފެސަރު ޕައުލް ބާޓަން ބުނެފައިވަނީ ބަރުދަން ލުއި ކުރުމަށް އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ ކާހިތްވުން ކަމަށެވެ. އަދި މި ޑިވައިސްއިން އެކަން ކޮންޓްރޯލްކޮށްދީ ބަރުދަން ލުއިވުމަށް އެހީތެރިވެދޭނެ ކަމަށް ބުނެފައިވެއެވެ.

މި ޑިވައިސްގައި އަދި މައްސަލަތަކެއް އުޅޭކަމަށް ވެސް ޓީމުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ. ޑިވައިސްގެ ސަބަބުން ވާހަކަ ދައްކަން އުނދަގޫ ކަމަށް ދިރާސާގައި ބައިވެރިވި ހަތް އަންހެނުން ވެސް ބުނެފައިވެއެވެ.

މިކަންތައް ރަނގަޅު ކުރުމަށް ފަހު މި ޑިވައިސް ބާޒާރަށް ނެރޭ އިރު މީގެ ސަބަބުން ސާޖަރީ ނުކޮށް ބަރުދަން ލުއިކޮށްލެވޭނެ ކަމަށް ޓީމުން ބުނެފައިވެއެވެ.