އިސްތަށިގަނޑު ދިގު ކުރުމަކީ ވަރަށް ގިނަ މީހުން ކުރާ ހިތްވާ ކަމެކެވެ. އިސްތަށިގަނޑު ދިގުކޮށްގެން އެތައް ބަޔަކު ރެކޯޑު ހަދައި އިސްތަށިގަނޑުން ތަފާތު ކަންތައްތައް ކުރެއެވެ.

އެގޮތުން ސްޓެފަނީ ނަމަކަށް ކިޔާ މި ޒުވާނާއަކީވެސް 20 އަހަރު ވަންދެން އިސްތަށިގަނޑު ނުކޮށާ ދިގުކޮށްގެން އުޅުނު ޒުުވާނެކެވެ. އޭނާ އެކަން ނުކޮށް އުޅުނީ ކީއްވެ ކަމެއް އެކަކު ގާތުގައި ވެސް ނުބުނެއެވެ.

އެހެން ނަމަވެސް އޭނާ މި ވަނީ 20 އަހަރުން ދިގު ކުރި އިސްތަށިގަނޑު ކޮށާލައި ކުރުކޮށްލީ އެންމެ ފަސް މިނިޓް ތެރޭގައެވެ.

އިސްތަށިގަނޑު ދިގު ކަމުން އިސްތަށިގަނޑުގައި ފުނާ އަޅާނުލެވޭތާ ވެސް އެތައް އަހަރެއް ވެފައިވާކަމަށް އޭނާ ބުނެފައި ވެއެވެ. ހަމައެފަދައިން އިސްތަށިގަނޑު ދޮވުމުގައި ވެސް ސްޓެފަނީއަށް އެތައް އުދަނގޫ ތަކަކާއި ކުރިމަތިވިކަމަށްވެސް ބުންޏެވެ.

ކޮންމެ ހަފުތާ ބަންދެއްގައި ވެސް އިސްތަށިގަނޑުގެ ތަންކޮޅެއް ދޮންނަމުން އައި ސްޓެފަނީގެ އިސްތަށިގަނޑު ކޮށާލަން ޖެހުމުން އޭނާ ވަރަށް ރުޔެވެ.

ސްޓެފަނީގެ އިސްތަށިގަނޑު އޭނާ ގެންގުޅެފައި ވަނީ ވާގަނޑަކުން އައްސައިގެންނެވެ. އިސްތަށިގަނޑު ވާގަނޑަކުން އެއްސި ނަމަވެސް ދިގުވަމުން ދާތީ އެންމެ ފަހުން ސްޓެފަނީއަށް ޖެހުނީ އިސްތަށިގަނޑު ކޮށާލާށެވެ.

އިސްތަށިގަނޑުން ވަކިކޮށްލި ބައި ޑަސްބިނަށް ލާތަން ބަލަން އޭނާ ހުރީ ފެންކަޅިވެފައެވެ. ސްޓެފަނީގެ އިސްތަށިގަނޑު ކޮށާލުމަށް ފަހު ވެސް އިސްތަށިގަނޑު ތާހިރުވީ އެތައް ފަހަރެއްގެ މަތިން ދޮވެގެންނެވެ.

ފުނާ ނޭޅުމުގެ ސަބަބުން ގޮށްޖެހިފައިވާ އިސްތަށިގަނޑުގައި ޖެހިފައިވާ ގޮށްތައް ފިލުވުމަށް އިސްތަށިގަނޑު ކޮށާލި މީހާ ވަރަށް މަސައްކަތް ކޮށްފައިވެއެވެ. އެއީ އިސްތަށިގަނޑު އިތުރަށް ކުރުނުކުރުމަށެވެ.

މަންމަ މަރުވުމުގެ ކުރިން އެއްވެސް މީހަކު އިސްތަށިގަނޑުގައި އަތްލާން ނުދިނުމަށް ކޮށްފައިވާ ވަޢުދު 20 އަހަރުވަންދެން ސްޓެފަނީ ވަނީ ފުރިހަމަ ކޮށްފައެވެ.

މިހާރު މަންމައަކަށް ވާން ތައްޔާރުވެފައި އިން ސްޓެފަނީ ބުނެފައިވަނީ އޭނާއަށް ފަހުން ފަސޭހަވާނެ ކަމަށާއި އިސްތަށިގަނޑު ކޮށާލުމަށްފަހު ލޯގަނޑުން އޭނާ ފެނުމުން އެއީ ކާކުކަން ފާހަގަ ކުރުމަށް ވެސް އުދަނގޫވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާވިމް

    ކޮށާލާކަށް 20 އަހަރު ނަގާކަށް ނުޖެހޭދޯ.

    5
    1