މިދިޔަ ހޮނިހިރު ދުވަހު އެކްޓަރު ރަންބީރު ކަޕޫރަށް އޭނާގެ މަންމަ ނީތޫ ކަޕޫރު މީސް މީޑިއާގައި ހާއްސަ ކުރި މެސެޖު ވެގެން ދިޔައީ ހުރިހާ އެންމެންނަށް ވެސް އިބުރަތްތެރި މެސެޖަކަށެވެ.

އިންސްޓަގުރާމުގައި ނީތޫ ހިއްސާ ކުރި ވީޑިއޯއެއްގައި ރަންބީރަށް ހާއްސަކޮށް ނީތޫ ބުނެފައިވަނީ ޒުވާނުން އެމީހުންގެ މައިންބަފައިންނަށް ކޮންމެ ދުވަހަކު ފޯނު ކުރުމަށް ހޭލުންތެރި ކުރުމަށެވެ. އަދި ޚުދު ރަންބީރު ވެސް އޭނާގެ މަންމަ ނީތޫއަށް ގުޅުމަށް ވެސް މި ވީޑިއޯގައި ނީތޫ ބުނެފައިވެއެވެ.

''ދަރިފުޅާ. މައިންބަފައިންނަށް ކޮންމެ ދުވަހަކު ވެސް ގުޅައިލުމަށް މިހާރުގެ ޒުވާނުންނަށް މެސެޖެއް ފޯރުކޮށްދީ. މީސް މީޑިޔާގައި އެތައް ވަގުތެއް ހޭދަކުރާއިރު މައިންބަފައިންނަށާއި އާއިލާއަށް ކޮންމެ ދުވަހަކު ވެސް ކުޑަ ވަގުތު ކޮޅެއް ނަމަވެސް ދީ'' ނީތޫގެ ވީޑިއޯގައި ބުނެފައިވެއެވެ.

މީގެ އިތުރުން ނީތޫގެ ބަސްއަހާ ދަރިފުޅު ރަންބީރު އެ މެސެޖު ހުރިހާ ޒުވާނުންނަށް ފޯރުކޮށްދޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި އަދި އެ ނަސޭހަތް ގަބޫލުކޮށް ޚުދު ރަންބީރު ވެސް ނީތޫއަށް ކޮންމެ ދުވަހަކު ގުޅާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ނީތޫގެ ވީޑިއޯގައި ބުނެފައިވެއެވެ.

މޯބައިލް ފޯނެއްގެ މީސް މީޑިޔާ ޕްރޮމޯޝަނެއްގައި ނީތޫ ކުރި މި ޕޯސްޓަކީ ހަމައެކަނި އިސްތިހާރެއް ނޫން ކަމަށާއި މިއީ މިހާރު ހުރިހާ އެންމެން ވެސް ކުރަން ޖެހިފައިވާ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

މި ފޯނުގެ ބުރޭންޑް އެމްބެސެޑާ ރަންބީރު ކަޕޫރު ވެސް އެދިފައިވަނީ ވީހާ ވެސް ގިނަ ބަޔަކު މި ހޭލުންތެރި ކުރުމުގައި ބައިވެރިވެ މައިންބަފައިންނަށް ކޮންމެ ދުވަހަކު ވެސް ގުޅައި ހާލު ބެލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު