މޭވާގެ ބާވަތްތަކުގެ ތެރެއިން އަނބަކީ ވަރަށް ހާއްސަ އަދި ގިނަ ބަޔަކަށް ވަރަށް ކަމުދާ މޭވާއެކެވެ. އިންޑިއާގައި ހޫނު މޫސުމުގައި އެންމެ އާއްމު އަދި ގިނަ ބަޔަކު އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތަކީ ވެސް އަނބެވެ.

އަނބު މޫސުމުގައި އަނބު ގަސްދޮށުން ގިނަގިނައިން ހިނގުމާއި އަނބު ގަސްތަކަށް ލޯ އެޅުމަކީ އިންޑިއާ މީހުންގެ އިތުރުން ދިވެހިން ވެސް ކުރަމުން އަންނަ ކަމެކެވެ.

އިންޑިއާގެ ސަހަރަންޕޫރުގައި ހުރި 15 އަހަރު ދުވަސްވީ އަނބު ގަހަކީ އެކްސްޕެރިމެންޓަކަށް ބޭނުންކުރާ ގަހެއް ނަމަވެސް މި ގަހުގެ ތަފާތުކަމުން ގިނަ ބައެއްގެ ސަމާލުކަން ގަހަށް ލިބިފައިވެއެވެ.

އަނބު ގަހުގައި 121 ވަައްތަރެއްގެ އަނބު އަޅާފައި ހުރެއެވެ. ތަފާތު ރަހަތަކުގެ ތަފާތު ވައްތަރުގެ އަނބު އެއް ގަހެއްގައި އެޅުވުމަށް ކުރަމުންދާ މަސައްކަތް ދަނީ ކާމިޔާބު ވަމުންނެވެ.

މިހާރު ވެސް ތަފާތު 121 ވައްތަރެއްގެ އަނބު ލިބޭ މި ގަހުގައި އިތުރު ވައްތަރުގެ އަނބު އެޅުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ގަސް ބަލަހައްޓާ ކުންފުނިން ބުނެފައިވެއެވެ.

ހޯޓިކަލްޗަރ އެންޑް ޓްރެއިނިންގ ސެންޓަރގެ ޖޮއިންޓް ޑައިރެކްޓަރ ބާނޫ ޕްރަކާޝް ރާމޫ ބުނެފައިވާ ގޮތުގައި މި އަނބު ގަހުން މި ކުރާ އެކްސްޕެރިމެންޓުގެ ބޭނުމަކީ ތަފާތު ވައްތަރު އަނބު ތަޖުރިބާ ކުރުމެވެ.

މި އަނބު ގަހުގައި އަޅާ ތަފާތު ވައްތަރުގެ އަނބުތަކާ ބެހޭ ގޮތުން ދިރާސާއެއް ހަދާފައިވާނެ ކަމަށް ވެސް މި އަނބު ގަސް ބަލަހައްޓާ ކުންފުނިން ބުނެފައިވެއެވެ.

މި އަނބު ގަހުގައި ހައްދާފައިވާ ތަފާތު ވައްތަރުގެ އަނބުތަކުގެ ތެރޭގައި އިންޑިއާގެ އެކި އަވަށުގައި ހެދޭ ތަފާތު އަނބުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    ﷲސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަވެރިކަން.

    18
    1