މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދްއަކީ އެންމެން ދަންނަ މޫނެެކެވެ. ރާއްޖޭގައި މިވަގުތު ހުރި އެންމެ މަގްބޫލް އެއް ލަވަކިޔުންތެރިޔާއެވެ.

ލަވަކިޔުމުގެ ދާއިރާއިން ކުރިއަރާފައިވާ މީރާ ވަނީ މިހާތަނަށް އެތައް ބަޔަކާއެކު ޕާފޯމްކޮށް އޭނާގެ ހުނަރު ދައްކާލައިފައެވެ. ރާއްޖޭގެ ލަވަކިޔުންތެރިންނާއި، ރާއްޖެއިން ބޭރުގެ ލަވަކިޔުންތެރިން އޭގެ ތެރޭގައި ހިމެނެއެވެ. މީރާ ވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސަނަމް ޕޫރީ އާއި އޭނާގެ ބޭންޑާއެކު ޕާފޯމް ކޮށްފައެވެ.

ސަނަމްގެ ބޭންޑާއެކު މީރާ ޕާފޯމްކޮށް، ލަވަ ސަނަމް ބޭންޑުން މީސް މީޑިއާއަށް އަޕްލޯޑް ކޮށްފައިވެއެވެ. މި ލަވަތައް އިންޑިއާ އާއި ރާއްޖޭގެ މީހުންގެ ތަރުހީބު ލިބިގެންދިޔައެވެ. ނަމަވެސް، އޭގެ ތެރޭގައި ދިވެހިން ކޮށްފައިވާ ބައެއް ކޮމެންޓަކީ ނައްސި ކޮމެންޓް ތަކެކެވެ. ފާޑުކިޔުމާއި، ނައްސި އެތައް ވާހަކައެއް އިނގިރޭސި ބަހުން ލިޔެ، ސަނަމްގެ ޕޭޖުން އަޕްލޯޑް ކޮށްފައިވާ ލަވައަށް ކޮމެންޓް ކޮށްފައިވެއެވެ.

"އެއްބައި މީހުން ހުރި ނެގެޓިވް ކޮމެންޓްސް ހަމަ އިންގްލިޝްއިން ލިޔެލާފަ ސަނަމް މެންގެ ފޭން ޕޭޖަށް. މިހެން ބަލާއިރު އިންޑިއާ އެއްވެސް މީހެއްގެ ހަޑި ކޮމެންޓެއް ނެތި ދިވެހިންގެ ކޮމެންޓުތައް އެހާ ހަޑިކޮށް ގޮސްފައި ހުރުމުން ސުވާލު ވެސް ކުރި މީރާއާ. ހާދަ ނެގެޓިވް ކޮމެންޓޭ، ވަރަށް ލަދުވެސް ގަތް ހަގީގަތުގައި" އިންޓަވިއު އެއްގައި ވާހަކަ ދައްކަމުން މީރާ ކިޔައިދިނެވެ.

mira
ސަނަމް އާއި އެކުގައި މީރާ

ސަނަމް އާ އެކުގައި މީރާ ކިޔާފައިވާ ލަވައެއްގައި ލިޕްސިންގިންގް ދިމާނުވި ކަމަށް މީރާ ބުންޏެވެ. އަދި މީރާ އާއި ސަނަމްގެ ޓީމާއި ވެސް އެވާހަކަ ދެކެވުނު ކަމަށް އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން މީރާ ބުންޏެވެ. އެކަން ވީގޮތް ކިޔައިދެމުން މީރާ ބުނީ ވަރަށް ކުޑަ ވަގުތުކޮޅެއްގައި ލަވައަށް ތައްޔާރު ވެފައިވުމުން އިތުރު ޝޮޓެއް ވެސް ނެގިފައި ނެތީ ކަމަށެވެ. މީރާއަށް ލިޕްސިންގިންގް ދިމާނުވާކަން ފާހަގަ ވެގެން ބުނި އިރުވެސް މާ ލަސްވެއްޖެކަން އޭނާ ފާހަގަ ކުރިއެވެ. އޭރު ލަވަ ވަނީ އަޕްލޯޑް ވެފައިކަމަށް މީރާ ބުނެފައިވެއެވެ.

މިއީ މާ ބޮޑު މައްސަލައެއް ކަމަށް މީރާ ނުދެކެއެވެ. ސަނަމް އާ އެކުގައި ކިޔާފައިވާ ލަވައަށް ދިވެހިންގެ ފާޑުކިޔުން އަމާޒުވެގެން ދިޔުމާއި ގުޅިގެން މީރާ ބުނީ ކިތަންމެ ވަރެއް ވިޔަސް ފާޑުކިޔާ މީހުން ފާޑު ކިޔާނެ ކަމަށެވެ. ފާޑުކިޔާ މީހުން އެއްފަރާތްކޮށް، ވަރަށް ތަރުހީބު ދިން މީހުންވެސް ތިބިކަން މީރާ ފާހަގަ ކުރިއެވެ.