ވޯލްޑް ކަޕުގެ ފޯރި، ދުނިޔޭގެ ހުރިހާ ބިތެއްގައި މިވަނީ ހިއްޕާލާފައެވެ. މުބާރާތުގެ އަޑުން، މުޅި ދުނިޔެވަނީ ގުގުމާލާފައެވެ. އެކަމުގެ ސަބަބުން، އާއްމު ދިރިއުޅުމާއި، ދުވަހީ ކަންކަމަށްވެސް ދަނީ އަސަރުކުރަމުންނެވެ.

އޮފީހުގައި ބުރަ މަސައްކަތްތަކެއް ކޮށްފައި ގެއަށް އައިއިރު، މި އަންހެން މީހާއަށް ލިބުނީ ބޮޑު ސަޕްރައިޒް އެކެވެ. ސަޕްރައިޒް އަކަށްވުރެ ބޮޑަށް އެކަންވީ ޝޮކަކަށެވެ. އެކަންވެސް ގުޅި ލާމެހެނީ ވޯލްޑް ކަޕާއެވެ.

ގެއަށް އައިއިރު، ފިރިމީހާވަނީ ގޭގެ ސިޓިންގ ރޫމު އެއްކޮށް ފުޓުބޯޅަ ދަނޑަކަށް ބަދަލުކޮށްލާފައެވެ. އެތަނުގައި ކުރިން ހުރި ހުރިހާ އަގުބޮޑު ފަރުނީޗަރުތައް ވަނީ، އެހެން ކޮޓަރިއަކަށް ލައިފައެވެ. އޭގެ ބަދަލުގައި، ޚަރަދުތަކެއް ކޮށްގެން، ޓާފު ވިނަގަނޑަކާއި ގޯލުތަކެއް ގަނެ، މުޅި ތަންވަނީ ދަނޑަކަށް ބަދަލުކޮށްފައެވެ. އަދި، ވޯލްޑް ކަޕާ ގުޅޭގޮތުން ފާރުތައް ޑެކަރޭޓުކޮށްލާ، އިންގްލެންޑް އާއު ރަޝިޔާގެ ދިދައިން، ތަންވަނީ ޖަރީކޮށްފައެވެ.

ކްރިސީ ފްލާވަރ ނަމަކަށް ކިޔާ މި އަންހެން މީހާ ބުނެފައިވާ ގޮތުގައި، މިފަދަ ކަމެއް ކުރަން އުޅޭކަން އޭނާއަށް އެއްގޮތަކަށްވެސް ނޭނގެއެވެ. އަދި، ކުރިން، ސަޕްރައިޒް ދިނުމުގައި އޭނާގެ ފިރިމީހާއަކީ ވަރަށް މޮޔަ މީހެއްކަމަށާއި، އެކަމަކު މިކަން ވަރަށް ރަނގަޅަށް ކޮށްފައިވާކަމަށް ބުނެފައިވެއެވެ.

މިކަން ސަޕްރައިޒް އަކަށްވުރެ ބޮޑަށް ޝޮކަކަށްވިޔަސް، ފިރިމީހާއާއެކު، މޮ ދަނޑުގައި ވޯލްޑް ކަޕް ބެލުމުގައި ވަގުތު ހޭދަކުރާނެކަމަށް ކްރިސީ ބުނެފައިވެއެވެ.