މިއަދުގެ ދުނިޔޭގައި 85 އިންސައްތައަށް ވުރެ ގިނަ މީހުން، ދުވަހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ވަގުތު ހޭދަވަނީ ތަފާތު ސްކްރީންތަކަށް ބެލުމުގައެވެ. ފޯނާއި، ލެޕްޓޮޕާއި، ކޮމްޕިއުޓަރާއި ޓެބްލެޓްސް ފަދަ އެއްޗެހި ކައިރީގައި ގިނަ ވަގުތުތަކެއް ހޭދަކުރުމުގެ ސަބަބުން ލޮލަށް އަސަރުކުރެއެވެ.

މިކަމުގެ ސަބަބުން ލޯ ހިރުވާ އިތުރަށް ލޮލަށް ގެއްލުން ލިބެއެވެ. މިފަދަ ހާލަތްތަކުގައި ގޭގައި ލޮލަށް ދެވިދާނެ ބައެއް ފަރުވާ:

ހޫނުކޮށްފައިވާ ތުވާއްޔެއް ލޮލުގައި ޖެއްސުން

މާގިނައިން ސްކްރީންތަކަށް ބެލުމުގެ ސަބަބުން ލޯ ހިކިވެ ހިރުވާން ފަށައެވެ. މިކަމަށްޓަކައި ހޫނު ފެނުން ތުވާއްޔެއް ތެންމާލުމަށް ފަހު ފަސް މިނިޓް ވަންދެން ލޯ މަތީގައި ބާއްވާށެވެ.

ކަޅިރަވަ ދޮވުން

ކަޅިރަވައިގެ ސަބަބުން ލޮލުގައި ހުންނަ ތެޔޮ ގަނޑުކޮށް ލޯ ހިކިވެއެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް ގަވާއިދުން ކަޅިރަވަ ރީތިކޮށް ސާފުކުރަން ޖެހެއެވެ. މިކަމަށްޓަކައި ކުޑަކުދިންނަށް ހާއްސަ ކުރެވިފައިވާ ޝޭމްޕޫއަކުން ކޮންމެ ދުވަހަކު ވެސް ކަޅިރަވަ ދޮވެލާ މަސާޖު ކުރަންވާނެއެވެ.

ގިނަގިނައިން އެސްފިޔަ ޖަހައިލުން

ސްކްރީންތަކަށް ގިނައިރު ބަލަހައްޓައިގެން ތިބުމުން އެސްފިޔަ ޖެހުން މަދުވެއެވެ. އޭގެ ސަބަބުން ލޯ ހިކިވެ ހިރުވަން ފަށައެވެ. އެހެންކަމުން ގިނަގިނައިން އެސްފިޔަ ޖެހުމުން ލޯ ތެތްކޮށް ބެހެއްޓުމަށް އެހީތެރިވެދެއެވެ.

ކެއުމުގައި ތެޔޮ ގިނަ މަސް ހިމެނުން

ސެލްމަން، ލައްޓި، ފަދަ ތެޔޮ ގިނަ އެތައް ބާވަތެއްގެ މަހުގައި އޮމެގާ ތިން ފެޓީ އެސިޑް ހިމެނެއެވެ. މި ބާވަތުގެ މަސް ކެއުމުގައި ބޭނުން ކުރުމުން ލޮލުގައި ހުންނަ ތެޔޮކަން ހިފަހައްޓައިދިނުމަށް އެހީތެރިވެދެއެވެ.

ސްކްރީނަށް ބެލުމުން ލޮލަށް ކުރާ އަސަރު ކުޑަ ކުރުމަށް އެންމެ ރަނގަޅީ ސްކްރީންތަކަށް ބެލުން މަދު ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު