އެމެރިކާގެ ކަނެކްޓިކަޓްގައި މަސައްކަތް ކުރާ މުވައްޒަފަކަށް އޭނާ މަސައްކަތް ކުރާ ސެލޫން އެންމެ އެއްޑޮލަރަށް ނުވަތަ 15 ރުފިޔާއަށް ލިބިއްޖެއެވެ.

ޕިއޯ އިމްޕެރާޓީ ނަމަކަށް ކިޔާ މީހަކު އޭނާގެ މުވައްޒަފެއް ކަމަށްވާ ކެތީ އަށް އެއް ޑޮލަރަށް ސެލޫން ވަނީ ވިއްކާލާފައެވެ. ޕިއޯ ކެތީއަށް އޭނާގެ ސެލޫން ދިނީ 15 އަހަރު ވަންދެން ސެލޫންގައި ކެތީ ކުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

"އެއީ ވަރަށް ރަނގަޅު ހެއާޑްރެސާއެއް. ހުރިހާ ގޮތަކުން ވެސް ވަރަށް ރަނގަޅު މުވައްޒަފެއް. އޭނާގެ ގޯސް އެއްވެސް ސިފައެއް ނެތް." ޕިއޯ ބުންޏެވެ.

އެތައް ހާސް ޑޮލަރުގެ އަގުހުރި މުދަލާއި، އަދި ސެލޫން ހިންގަމުން އައި އިމާރާތާއި ވެސް އެކު އެންމެ ޑޮލަރަކަށް ޕިއޯ އޭނާގެ ސެލޫން ކެތީ އަށް ވިއްކާލީ ކެތީގެ އަގުވަޒަން ކުރުމުގެ އިތުރުން ދުނިޔެ އުމުރު ވެސް ރަހުމަތްތެރިންގެ ގޮތުގައި ތިބެން ބޭނުން ވާތީ ކަމަށް ޕިއޯ ބުންޏެވެ.

މިހާރު އުމުރުން 79 އަހަރު ވެފައިވާ ޕިއޯ އޭނާގެ މުވައްޒަފަށް ސެލޫން ވިއްކާލި ނަމަވެސް އަދި ޕިއޯ ހުރީ ރިޓަޔާ ކުރާ ގޮތަކަށް ނޫނެވެ. އަދިވެސް ޕިއޯ ސެލޫންގައި މަސައްކަތް ކުރާނެއެވެ. ނަމަވެސް އޭނާ މަސައްކަތް ކުރަމުން ގެންދާނީ ކޮންޓެކްޓަރެއްގެ ގޮތުގައެވެ.

ޕިއޯ ސެލޫންގެ ވިޔަފާރި ކުރަމުން އަންނަތާ 56 އަހަރު ވެއްޖެއެވެ. އޭނާ ފުރަތަމަ ބޯކޮށާތަނެއް ހުޅުވީ 1965 ވަނަ އަހަރުއެވެ.

އުމުރުން 32 އަހަރުގެ ކެތީ ބުނީ އޭނާ ޕިއޯގެ ސެލޫނަށް ފުރަތަމަ ވަޒީފާއަށް ވަނީ ސްކޫލް ނިމުނު ގޮތައް ކަމަށެވެ. "އެއްވެސް މީހަކު އަހަރެންނަށް ވަޒީފާއެއް ދޭން ބޭނުމެއް ނުވި. އެއީ އަހަރެންގެ އެއްވެސް ތަޖުރިބާއެއް ނެތުމުން. އަހަރެންނަށް ވަޒީފާއެއްދީ އަހަރެންނަށް ހުރިހާ ކަމެއް ދަސްކޮށްދިނީ ވެސް ޕިއޯ." ކެތީ ބުންޏެވެ.

ކެތީ ކުރި މަސައްކަތުގެ އަގުވަޒަންކޮށް ޕިއޯ ކެތީއަށް ދިން ހަދިޔާ އާއިއެކު ގިނަ ބަޔަކު ގެންދަނީ ޕިއޯ އަށް ޝުކުރު އަދާކޮށް މީސް މީޑިއާގައި އެކަން ފާހަގަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު