ކޮވިޑް-19 އާ ގުޅިގެން މީގެ ނުވަ މަސްކުރިން ބަންދުކުރި އެއިފިލް ޓަވަރު ފަތުރުވެރިންނަށް އަލުން ހުޅުވާލައިފިއެވެ.

ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު ޕެރިސްގެ "އަޔަން ލޭޑީ" ނުވަތަ އެއިފިލް ޓަވަރު ބަންދުކޮށް މިހާރު އަލުން ހުޅުވާލާފައިވާ އިރު ފަތުރުވެރިންނަށް އެ ތަނަށް ދެވެނީ ވެކްސިން ޖަހާފައިވާ ކަމުގެ ލިޔުމެއް ނުވަތަ ކޮވިޑަށް ނައްސި ނަތީޖާއެއް ދެއްކުމުންނެވެ.

އެއިފިލް ޓަވަރަކީ ދުނިޔޭގެ އެންމެ ހިތްގައިމު ފަތުރުވެރިންގެ މަންޒިލްތަކުގެ ތެރެއިން އެއް ތަނެވެ. އެންމެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން އެއިފިލް ޓަވަރު ބަންދުކުރީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އެއިފިލް ޓަވަރު ކައިރިން ބަލާލުމަށް ވަދެވޭ މީހުންގެ އަދަދު މިހާރު ވަނީ 25،000 އިން 13،000 އަށް މަދުކޮށްފައެވެ.

އެއިފިލް ޓަވަރު ހުޅުވާލަން އެ ޓަވަރު ބަލަހައްޓާ ފަރާތުން ނިންމީ ފަރަންސޭސިވިލާތުގެ ބޯޑަރު ހުޅުވާލުމާ ގުޅިގެންނެވެ. އެ ގައުމުގެ ބޯޑަރު ހުޅުވާލުމުން ގިނަ އަދަދެއްގެ ފަތުރުވެރިން އެ ގައުމަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭ އިރު ކުރިއަށް އޮތް ހޫނު މޫސުމަކީ ފަތުރުވެރިކަން ފުޅާވެ އިގްތިސާދަށް ރަނގަޅު އަސަރުތަކެއް ކުރާނެ މަސްތަކަކަށް ވާނެ ކަމަށް ބެލެވެއެވެ.

އެއިފިލް ޓަވަރު ކައިރިން ބަލައިލުމަށް އެތައް ހާސް ބަޔަކު ބުކިން ހަދަމުންދާއިރު އޭގެ ތެރެއިން 50 އިންސައްތަ މީހުންނަކީ ފްރާންސް މީހުން ކަމަށް އައިފަލް ޓަވަރު ބަލަހައްޓާ ކުންފުނީގެ އިސްފަރާތް ޖީން ފްރާންކޮއިސް މާޓިން ބުނެއެވެ. އަދި 15 އިންސައްތަ އެމެރިކާ ފަތުރުވެރިން އުޅޭއިރު އޭޝިޔާގެ ގައުމުތަކުން މީހުން އުޅެނީ ވަރަށް ދަށްކޮށް ކަމަށް މާޓިން ބުންޏެވެ.

އެއިފިލް ޓަވަރު ބިނާކޮށްފައި ވަނީ 1889 ވަނަ އަހަރުއެވެ.