އަލުވި އަކީ ދިވެހިންގެ ކެއުމުގައި ވަރަށް އާންމު އެކައްޗެވެ. ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ފަސޭހައިން އަލުވި ލިބޭއިރު އަލު ކެއުމުގައި ވަކި ހައްދެއް ނުގެންގުޅޭ ނަމަ ސިއްހީ ގޮތުން ބަލިތަކާ ކުރިމަތިވެދާނެކަމަށް ތަޖުރިބާކާރުން މިވަނީ ބުނެފައެވެ.

މޭވާގެ ތެރޭގައި ހިމެނޭ އަލުވި މާ ގިނައިން ކެއުމުގައި ބޭނުންކުރާ ނަމަ ސިއްހީ ގޮތުން ތިން ނުރައްކަލަކާ ކުރިމަތިވެދާނެ ކަމަށް ހާވާޑް ހެލްތުން މިވަނީ ބުނެފައެވެ. އެގޮތުން އަލުވިއަކީ އޭގައި ގިނަ އަދަދަށް ކާބޯހައިޑްރޭޓްސް އެކުލެވޭ އެއްޗެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ކާބޯހައިޑްރޭޓްސް ހިމެނޭ ކާނާ ކާ ނަމަ ހަށިގަނޑަށް ގެއްލުން ލިބެއެވެ.

ގިނައިން އަލުވި ކެއުމުން ހަށިގަނޑުން އުފައްދާ ހަކުރުގެ މިންވަރު އިތުރުކޮށް އިންސުލިން އުފައްދާ މިންވަރުވެސް އިތުރުކުރެއެވެ. ގްލައިކޭމިކް އިންޑެކްސް(ޖީއައި) ލިސްޓުގެ އެންމެ މަތީގައި އަލުވި ހިމެނޭއިރު ޖީއައި އަކީ ކާތަކެތީގައި ކާބޯހައިޑްރޭޓްސް އެކުލެވޭ މިންވަރު ވަޒަންކުރާ އެއްޗެކެވެ. މިއިން އެ އެއްޗެއް ކެއުމުން ހަކުރު ލެވެލް އަށް އަސަރުކުރާ މިންވަރުވެސް އެނގިގެންދެއެވެ.

ކާތަކެތި ގްލޫކޯޒް އަށް ބަދަލުވާން ނަގާ ވަގުތަކީ ހަކުރު ލެވެލް އިތުރުވާން ނަގާ ވަގުތު އަވަސްކޮށްދޭ ކަމެކެވެ. މީގެ ސަބަބުން ދެ ވަނަ ދަރަޖައިގެ ހަކުރުބައްޔަށް މީހާ ގެންދެއެވެ.

އަލުވި ހަށިގަނޑުގައި ހަޖަމްވުމަށް ގިނަ ވަގުތު ނުނަގާއިރު މީގެ ސަބަބުން ބަނޑުހައިވާގޮތް ވެއެވެ. އަދި މިއީ ބަރުދަން އިތުރުވާކަމެއް ކަމަށް ހާވާޑް އިން ބުނެއެވެ. އަދި ހިތުގެ ބަލިތައް ޖެހުންވެސް މިކަމުގެ ސަބަބުން ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

ދަ ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިން ގައި ޝާއިއު ކޮށްފައިވާ މި ދިރާސާގައި 120،000 ފިރިހެނުންނާއި އަންހެނުންގެ ކެއުމުގެ އުސޫލުތަކާއި ދިރިއުޅުމުގެ ވައްޓަފާޅި 20 އަހަރުވަންދެން ބަލާފައި ވެއެވެ.

ފާސްޓް ފުޑް ރެސްޓޯރެންޓުތަކުން އެންމެ ގިނަ ކެއުމުގައި ބޭނުންކުރާ އަލުވި(ފްރެންޗްފްރައިޒް) އަކީވެސް ކެއުމުގެ ކުރިން ވިސްނާލަން މުހިންމު އެކައްޗެވެ.