އިންޑިޔާގެ މަދުޔަ ޕްރަދޭޝްގެ ޗިންވާރާގައި ރޭޕް ކުރި ކުއްޖަކު މައްސަލަ ހުށަހެޅުމަށް ޕޮލިސް ސްޓޭޝަނަށް ގޮސް އިންދާ ވިހައިފިއެވެ.

ރޭޕްގެ މައްސަލައެއް ހުށަހެޅުމަށް ޕޮލިސް ސްޓޭޝަނަށް އުމުރުން 14 އަހަރުގެ އަންހެން ކުއްޖާ ދިޔައީ އޭނާގެ އާއިލާގެ މެމްބަރަކާއި އެކުގައެވެ.

''މިދިޔަ އަންގާރަ ދުވަހު ހަވީރު އަންހެން ކުއްޖާ ފުލުސް އޮފީހަށް ރޭޕްގެ މައްސަލައެއް ހުށަހެޅުމަށް އައީ އޭނާގެ އާއިލާގެ މެމްބަރަކާއި އެކު. އެ އަވަށުގައި އުޅޭ ފުރާވަރު އުމުރުގެ ފިރިހެން ކުއްޖަކާ ދެކޮޅަށް. އެވަގުތު ކުއްލިއަކަށް އަންހެން ކުއްޖާ ރޯން ފެށީ ބަނޑުގައި ވިދެން ފެށުމުން. ދެން ސްޓޭޝަން ތެރެއިން ކޮޓަރިއަކަށް ކުއްޖާ ވެއްދީ. ގާތްގަނޑަކަށް ތިރީހަކަށް މިނިޓް ތެރޭގައި ވިހައިފި'' ޗިންވާރާ ޕޮލިސް ސްޓޭޝަންގެ އޮފިސަރ ޕުރްވާ ޗައުރޭސިއާ ބުނެފައިވެއެވެ.

އަންހެން ކުއްޖާގެ ބަޔާނުގައި ބުނެފައިވަނީ އެ އަވަށުގެ ފިރިހެން ކުއްޖެއް މިދިޔަ އަހަރު ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު އޭނާ ރޭޕް ކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ހުށަހަޅަން އުޅުމުން އެކަން ކުރިޔަ ނުދީ ހިފެހެއްޓި ކަމަށެވެ.

ނުވަމަސް ދުވަސް ވަންދެން ފުލުހަށް މައްސަލަ ހުށަހެޅިއަނުދީ ހިފަހައްޓާފައިވަނީ ވިހެއުމުގެ ކުރިން އަންހެން ކުއްޖާއާއި ކައިވެނި ކުރާނެ ކަމަށް ބުނެއެވެ. ނަމަވެސް ނުވަމަސް ފުރުމުން އަންހެން ކުއްޖާއާއި ކައިވެނި ނުކުރާނެ ކަމަށް ފިރިހެން ކުއްޖާ ބުނުމުން އާއިލާއިން ނިންމީ މައްސަލަ ހުށަހެޅުމަށެވެ.

އަންހެން ކުއްޖާއާއި އޭނާ ވިހެއި ދަރިފުޅުގެ ހާލު މިހާރު ރަނގަޅެވެ. އަދި އެދެމައިން ވަނީ ހޮސްޕިޓަލަކަށް ބަދަލު ކޮށްފައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.