ބަންގްލްދޭޝްގެ މަޝްހޫރު އެކްޓްރެސްއެއް ކަަމަށްވާ ޝަމްސުންނަހާރް ސްމިރިޓީ، މަޝްހޫރު ނަމުން ނަމަ ޕޯރީ މޮނީ ހައްޔަރުކޮށްފިއެވެ. އޭނާއަކީ މިދިޔަ ދެ މަހެއްހާދުވަސް ކުރިން މީހަކު އޭނާ ރޭޕްކޮށް މަރާލަން އުޅޭކަމަށް ބުނާތީ، މީޑިއާތަކުގެ ސުރުހީތަކުން ޖާގަ ހޯދި ތަރިއެކެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ބަންގްލްދޭޝްގެ އެލައިޓް އެންޓި-ކްރައިމް ޔުނިޓްގެ ރެޕިޑް އެކްޝަން ބެޓަލިއަން އިންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ހައްޔަރުކޮށްފައި ވަނީ، ޑާކާގެ ބަނާނީ ސަރަހައްދުގައި ހުންނަ އޭނާގެ ގެ ހަތަރު ގަޑިއިރު ވަންދެން ބަލާ ފާސް ކުރުމަށް ފަހުއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

އޮފިޝަލުން ބުނެފައިވާގޮތުގައި، އެ މީހުންނަށް ޕޯރީގެ ގެއިން މަސްތުވާތަކެއްޗާއި، ރާ ފެނިފައި ވެއެވެ.

ޕޯރީ ހައްޔަރުކޮށްފައިވާއިރު، އޭނާ މީގެ ދެ މަހެއްހާ ދުވަސް ކުރިން ބުނެފައިވާގޮތުގައި، ވިޔަފާރިވެރިޔާ އަދި ސިޔާސީ ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ނާސިރް އުޑިން މަހްމޫދް ޖޫން އަށް ވަނަ ދުވަހު އޭނާއަށް ޖިންސީ ގޯނާކޮށް ރޭޕް ކުރަން އުޅުނެވެ. އަދި އެއިރު އެމައްސަލަ އޭނާ ފުލުހުންނަށް ހުށަހަޅާފައި ނުވަނީ ނާސިރްއާއި ފުލުހުންގެ ވެރިޔާއާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ކަމަށްވެސް ބުނެފައި ވެއެވެ. އަދި އޭނާ ވަނީ އެ މީހާ އޭނާ މަރާލަން އުޅޭ ކަމަށްވެސް ބުނެފައެވެ. އަދި ފުލުހުންގެ އެހީތެރިކަން ބޭނުންވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެހެން ނަމަވެސް އޭގެ ހަފްތާއެއް ފަހުން ފުލުހުން ވަނީ ނާސިރް އާއި އިތުރު ތިން އަންހެނަކާއި ޑްރަގް ޑީލާ ޓުހިން ސިއްދީގް އޮމީގެ އިތުރުން އިތުރު ބަޔަކު ހައްޔަރުކޮށްފައެވެ. އަދި އެ މީހުން ވަނީ އަންހެނުން ޓްރެފިކް ކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް އެއްބަސްވެފައެވެ. އެހެން ނަމަވެސް އެ މީހުން ވަނީ ފަހުން ކޯޓުން ދޫކޮށްލާފައެވެ.